23 Oct 2012, 09:22
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ތީމްގޭގެ ބަޖެޓުން ގާނޫނާ ހިލާފަށް ހަރަދެއް ކޮށްފައި ނުވާ ކަމަށް ބުނެ މައުމޫނުގެ ވަކީލް ނެރުއްވި ބަޔާނަށް ތުލުސްދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފި އެވެ.
މައުމޫނުގެ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނަށް ރައްދު ދެއްވާ ޑީއާރުޕީގެ ކައުންސިލް މެންބަރު އަދި އެ ޕާޓީގެ އަންހެނުން ގޮފީގެ ނައިބު ރައީސް ރޮޒައިނާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ތީމް ގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަށް މައުމޫނުގެ ވަކީލް އިންކާރު ކުރައްވާފައި ނުވާތީ އެކާމާ އުފާ ކުރައްވާ ކަމަށެވެ.
އަދި ވިދާޅުވެފައި ވަނީ ތީމްގޭގެ ބަޖެޓުން ހޭދަ ކުރައްވައިގެން މައުމޫނު ކުރައްވާފައިވާ ހަރަދުތަކާއި ގުޅޭ ގޮތުން އޭނާ ދައްކަވާފައިވާ ވާހަކަތަކަކީ 2009 ވަނަ އަހަރު ނެރެފައިވާ 2006 އަދި 2007ގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތަށް ކަމަށެވެ.
އޭގެ ތެރޭގައި 2006 އަހަރު ތީމުގެ ބަޖެޓުން މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް 134.4 ސިންގަޕޫރު ޑޮލަރު ( 53،328.60.ރ ) ހޭދަ ކުރައްވައިގެން ޑައިމަންޑް ފަށުފުލެއް ބައްލަވާގެންފައިވާ ކަމާއި 866 ސިންގަޕޫރު ޑޮލަރު (11171.40ރ.) ފަށުފުލެއް ބައްލަވައިގެންފައިވާކަމަށް އޮޑިޓް ރިޕޯޓުގައިވާކަމަށް ރޮޒައިނާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
" މީގެ އިތުރުން ނަސްރީނާއި އިބްރާހިމާއި އެކަމަނާއިގެ އެކުވެރިން އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ޓިކެޓް ބައްލަވައިގަތުމަށް 1 ފެބްރުއަރީ 2007 ގައި ތީމްގެ ބަޖެޓުން ހޭދަ ކުރައްވާފައިވާ 30698 ޔޫއެސް ޑޮލަރު ( 396004.20.ރުފިޔާ) ވަނީ ހިމަނުއްވާފަ އެވެ. އަދި 6 މެއި 2007ގައި ނަސްރީނާ އިބްރާހިމް ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި 50000 ޑޮލަރު ( 771000ރ.) ނަގުދު ފައިސާ އެކަމަނާ ހަރަދު ކުރެއްވުމަށް ގެންދަވާފައިކަން ލިޔެކިއުމުން ފެންނާން އެބައޮތެވެ." ރޮޒައިނާ ފާހަގަ ކުރައްވާފައިވެ އެވެ.
ތީމްގެ ބަޖެޓުން ކުރައްވާފައިވާ ހަރަދުތަކުގެ ބިލްތައްވެސް އޮޑިޓާ ޖެނަރަލް ހިމަނުއްވާފައިވާ ކަމަށާއި ނަމަވެސް އޭނާ ހެއްކެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ އޭގެ ތެރެއިން މަދު ބިލެއް ކަމަށް ރޮޒައިނާ ވިދާޅުވެފައިވެ އެވެ.
" އަޅުގަނޑު ފާހަގަ ކޮށްފައިމިވާ ބިލްތަކަކީ އޮޑިޓްރިޕޯޓުގައި ހިމެނިފައިވާ އެތައް ހާސް ބިލެއްގެ މަދު ހައެއްކަ ބިލެވެ،" ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ތީމްގެ ބަޖެޓަށް ކަނޑައަޅާފައިވާ ރައްޔިތުންގެ ފައިސާ ބޭނުން ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށް މައުމޫނުގެ ވަކީލް ވިދާޅުވި ނަމަވެސް ތީމްގޭގެ ބަޖެޓުން މައުމޫނުގެ ގާތްތިމާގެ ބޭފުޅުނަށް ކުރައްވާފައިވާ ހަރަދުތައް " އަތުލެއްވުމަށް ފެންނަ ކަމަށް " އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ކަމަށެވެ.
އޮޑިޓާ ޖެނަރަލްގެ ރިޕޯޓަކީ ސިޔާސީ މަގުސަދެއްގައި ނެރިފައިވާ ރިޕޯޓެއް ކަމަށް މައުމޫނު ވިދާޅުވި ނަމަވެސް އެއީ ސިޔާސީ މަގުސަދެއްގައި ނެރެފައިވާ ރިޕޯޓެއް ނޫންކަން އެނގެނީ އެ ބިލްތަކާއި އެއްކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެ އޮޑިޓް ރިޕޯޓް އޮޑިޓާ ޖެނެރަލް ފޮނުއްވާފައި ވުމުން ކަމަށެވެ.
" އަދި މި ވާހަކަތައް ދެންނެވުން މިއީ ޕީޕީއެމް ކުރިއެރުމަށް ހަސަދަވެރިވާތީ އަޅުގަނޑު ދައްކާ ވާހަކަ އެއް ކަމަށް ރައީސް މައުމޫނުގެ ގާނޫނީ ވަކީލަށް ވިސްނިވަޑައިގެންނެވުމަކީ އެކަމާއި އަޅުގަނޑު ހިތާމަ ކުރާކަމެކެވެ. " އެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
މައުމޫނު ވަކީލް ނެރުއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ މައުމޫނުގެ ވެރިކަމުގައި ތީމްގެ ބަޖެޓުން ހަރަދު ކުރައްވާފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރާއި އިހްތިޔާރުގެ ތެރެއިން ކަމަށެވެ.