23 Oct 2012, 09:18
މިހާތަނަށް ފަޒާގައި ބަހައްޓާ އެންމެ ބޮޑު ޓެލެސްކޯޕް ބެހެއްޓުމަށް އެމެރިކާގެ ފަޒާއާބެހޭ އިދާރާ (ނާސާ) ތައްޔާރުވަމުންދާކަން އެ އިދާރާ އިން ހާމަކޮށްފި އެވެ.
ނާސާ އިން ބުނީ މިއީ ކަވްނު އުފެދުނު ގޮތް ކަމަށް ލަފާކޮށް ސައެންސްވެރިން ނެރެފައިވާ ބިގްބޭންގް ތިޔަރީގައި ބުނެފައިވާ ކަވްނުގެ "ބޮޑުގޮވުން" އިތުރަށް ދިރާސާކުރުމަށް ޚާއްސަކޮށްފައިވާ ޓެލެސްކޯޕެއް ކަމުގަ އެވެ. ކަވްނުގެ ބޮޑު ގޮވުމާގުޅިގެން ކަވްނުގައި އެންމެ ފުރަތަމަ އުފެދުނު ގެލެކްސީތަކުގެ ޙަޤީޤަތް ދެނެގަނެ އެގެލެކްސީތަކާ ބެހޭ ދިރާސާކުރުމަށް ބޭނުންވާ މައްލޫމާތު ހޯދުމުގެ ޤާބިލްކަން މިޓެލެސްކޯޕަށް ލިބިފައިވާނެ ކަމަށާ މިއީ ވަރަށް ބާރުގަދަ ޓެލެސްކޯޕެއް ކަމަށް ވެސް ނާސާއިންބުނެ އެވެ. މިޓެލެސްކޯޕް ޖައްވަށް ފޮނުވާލުމަށް ރާވާފައި ވަނީ ދެ ހާސް އަށާރަ ވަނަ އަހަރުގައި ކަމަށް ވިޔަސް ނާސާ އިން ބުނަނީ މިކަމަށް ބޭނުންވާ ތައްޔާރީތައް ވަރަށް ބާރަށް މިހާރު ވެސް ކުރިޔަށްދާކަމުގަ އެވެ.
ޖޭމްސް ވެބްގެ ނަމުން ނަންދެވިފައިވާ ބިޔަ މި ޓެލެސްކޯޕް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ބިމުން ފެށިގެން އެކެއް ޕޮއިންޓް ފަހެއް މިލިޔަން ކިލޯމީޓަރުގެ ދުރުމިނުގައި ވާ އޯބިޓެއްގަ އެވެ. މިހާދުރުގައިވާ އޯބިޓެއްގައި މިޓެލެސްކޯޕް ހުންނައިރު އޭގެ ފިނިހޫނުމިން ހުންނާނީ މައިނަސް 240 ޑިގްރީ ސެލްސިއަސްގައި ކަމަށްވެ އެވެ. އެމެރިކާގެ ފަލަކީ ސައެންސްވެރިން ބުނަނީ މިޓެލެސްކޯޕްގެ އާލާތްތަކާއި އޭގައިވާ ބޮޑުވާ ބިއްލޫރިތައް ހުންނާނީ މިހާވަރު ގަދަ ފިނިކަން ތަޙައްމަލްކުރެވޭ ގޮތަށް ތައްޔާރުކޮށްފައިކަމުގަ އެވެ. މިޓެލެސްކޯޕް އުފެއްދުމުގެ އަގު 4.5 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށްވެ އެވެ. މީގައިވާ ބާރުގަދަ ބޮޑުވާ ބިއްލޫރިގަނޑުގެ ޑައިމީޓަރުގެ މިންވަރަކީ 6.5 މީޓަރުކަމަށްވާ އިރު މިޓެލެސްކޯޕްގެ ބޮޑުމިން ފުޓްބޯޅަ ދަނޑަކަށްވުރެ ބޮޑުކަމަށްވެ އެވެ. މީގައި ހަރުކޮށްފައިވާ ބޮޑުވާ ބިއްލޫރިއަކީ ކަވްނުގައިވާ އިންފްރާރެޑްނެސް ރޭޑިއޭޝަން ޖަމާކުރުމުގެ ވަރަށް ވަރުގަދަ ޤާބިލްކަމެއް ލިބިފައިވާ ކަމަށް ނާސާގެ ސައެންސްވެރިން ބުނެ އެވެ.
މިޓެލެސްކޯޕް، ޚިދްމަތަށް ވަނުމާ އެކު ކަވްނުގައިވާ އެތަށް ބިލިޔަން ތަރިތަކަށް ވަކިވަކިން މިޓެލެސްކޯޕް ލޯއަޅައި އަދި އެތަކެތީގެ ފޮޓޯތަކާއި އިމޭޖްތައް ނަގައި މިއިމޭޖްތައް ބިމަށް ފޮނުވަމުން ގެންދާނެ އެވެ. މިއީ ކަވްނުގެ ޙަޤީޤަތްތައް ހޯދުމަށް މިހާރު ބަހައްޓާފައިވާ ހަބްލް ޓެލެސްކޯޕަށް ވުރެ ހަތްގުނަ ބާރުގަދަ ޓެލެސްކޯޕެކެވެ. (އަލްޖަޒީރާ)