ކޮންމެ އީދަކީވެސް ކުރިމަތިލަނީ ހާއްސަ ދުވަހެއްގެ ގޮތުގަ އެވެ. އެކުވެރި ކަމާ އުފާވެރިކަމާ އެކު އެވެ. އީދު ދުވަހު މީރު ރަހަތަކުން ސުފުރާމަތި ތަނަވަސް ކުރުމާއި ރީތި ހެދުމެއް ލުމަކީ އެންމެންވެސް އެންމެ އިސްކަންދޭ ކަންތަކެވެ. އެކަމަށް ވިޔަފާރިވެރިން ވެސް ދުރާލާ ތައްޔާރުވެ އެވެ. އަންނަ ހުކުރު ދުވަހަކީ މިއަހަރުގެ އަލްހާ އީދު (ބޮޑު އީދަށް) ވާއިރު އީދާ ގުޅިގެން ވިޔަފާރިތަކަށް ވެސް ވަނީ ބޮޑު އީދެއް އައިސްފަ އެވެ. ވިޔަފާރިތަކުގެ ސްޓޮކް މުއްސަދިކޮށް ދިވެހިން އެންމެ ގަޔާވާ ބާވަތްތައް ސްޓޮކްގައި ހިމެނުމަށް ފިހާރަތަކުން ވަނީ ތައްޔާރުވެފަ އެވެ.

"އަޅުގަނޑުމެން އީދަށް ވެގެން އާ މުދާ ގެނެސްފިން ކޮންމެ ފަހަރަކު ވެސް ގެންނަނީ އޭރަކު ވިކޭ އެންމެ ރަނގަޅު މުދަލެއް، މިފަހަރު ވެސް ހަމަ އެގޮތަށް އަޅުގަނޑުމެން ކަންތައްތައް މިކުރަނީ، ދެން މިދުވަސްވަރަކީ އަޅުގަނޑުމެންގެ ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅު ވާ ދުވަސްވަރެއް އެގޮތުން ކަސްޓަމަރުން އަބަދުވެސް ފުރިފައި ކަހަލަ ގޮތަކަށް ފިހާރަތެރޭގައި އޮންނަނީ ވަރަށް ބާރުބޮޑު ވަރަށް ވިޔަފާރި ރަނގަޅު،" އަންހެނުންނަށް ހާއްސަ ފޮތި އަދި ޒީނަތްތެރިވުމަށް ބޭނުންވާ ސާމާނު ވިއްކާ ތިން ބުރީގެ ކަޅި ރަވަ ފިހާރައިގެ ސޭޓް ހުސެއިން ހަލީލް ބުންޏެވެ.

އޭނާ ބުނީ އީދަށް ހާއްސަކޮށް ވަކި ސޭލެއް ނޭޅުވި ނަމަވެސް ހެޔޮއަގުތަކުގައި އަންހެނުން ޒީނަތްތެރިވުމަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް މިފަހަރުގެ އީދާ ދިމާކޮށް ގެނެސްފައިވާ އިރު ފިހާރައިގެ ސޭލްސް ވެސް ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން އާންމު ދުވަހެއްގައި އެފިހާރައިގެ ސޭލްސް އަށް 30000 ރ. އާއި 40000 ރ. ދޭތެރޭ އުޅޭއިރު އީދު އަންނަން ހަފްތާއަކަށް ވުމުން އެންމެ ސޭލްސް ދަށް ރޭ ރޭ ވެސް 60000 ރ. އަށް ވުރެ މަތީގައި ސޭލްސް އުޅޭނެ ކަމަށް އޭނާ ބުންޏެވެ.

އީދަށް އާ ހެދުންލުމައި އެދުވަހު ނަލަވުމަކީ ކޮންމެ ޒަމާނެއްގައި ވެސް އެކަން އޮންނަ ގޮތެވެ. އެގޮތުން އީދަށް ވިޔަފާރިތައް ތައްޔާރުވަމުން އަންނައިރު މާލޭގައި އަންނައުނުގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ބުނީ ކޮންމެ އީދަކީ ވެސް އެމީހުންގެ ވިޔަފާރިތަކަށް ވެސް އަންނަ ބޮޑު އީދެއް ކަމަށެވެ. އީދާ ގުޅުވައިގެން ތަފާތު ވައްތަރުގެ ހެދުންތައް ވިއްކަން ގެންނައިރު އެތަކެއްޗަށް ވަރަށް ބޮޑު ޑިމާންޑެއް އޮވެ އެވެ.

"މިފަހަރު އީދާ ގުޅުވައިގެން ވެސް އަޅުގަނޑުމެން ގަންނަންބޭނުންވާ އެއްޗިސް ލިބެމުންދަނީ އެންމެ ފަހުގެ ފެޝަން ސަޅި ހެދުން ސްޓޮކްގައި އެބަހުރި، އަސްލު ތަންކޮޅެއް ކުރިން ބާޒާރު މިކުރަނީ ވެސް އީދަށް ބައިގިނަވާނެތީ، މިހާރު ވެސް ފިހާރަތަށް އޮންނަނީ ފުރިފައި،" ޕްރިންސަސް ފިހާރައިން ވާހަކަދެއްކި މީހަކު ބުންޏެވެ.

މާލޭގައި ފުޅާދާއިރާއެއްގައި އަންނައުނުގެ ވިޔަފާރިކުރާ އަދި ގިނަ ފިހާރަތަކެއް ހިންގާ ކަލާސް ގުރޫޕުގެ އޮފިޝަލަކު ވިދާޅުވީ އީދާ ގުޅުވައިގެން މިފަހަރު ވެސް އަނައުނުގެ ގޮތުގައި އެންމެ މަގުބޫލް ތަކެތި އެ ގްރޫޕުގެ ފިހާރަތަކުން ލިބެންހުންނާނެ ކަމަށާއި އެތަކެތީގެ އަގުބޮޑުނުވެ އާންމު އަގުގައި ލިބެންހުންނާނެ ކަމަށެވެ. އަދި އީދާ ގުޅުވައިގެން މިދުވަސްވަރުގެ ވިޔަފާރިވަރަށް ރަނގަޅުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖީދީމަގުގައި އަންނައުނުގެ ވިޔަފާރިކުރާ ގިނަ ފަރާތްތަކުން ބުނީ އީދަށް ކޮންމެ ފަހަރަކު ވެސް ވިޔަފާރި ވަރަށް ރަނގަޅުވާ ކަމަށާއި ގިނަ ފަހަރަށް ކަސްޓަމަރުން ގިނަވެ ފިހާރަތެރެ ފުރިފައި ހުންނަ ކަމަށެވެ. އެހެންކަމުން އީދާ އެކު އަންނައުނު ވިއްކާ ވިޔަފާރިތަކުން މިހާރު ވަނީ ހެވިފަ އެވެ.

އީދު ދުވަހު ޒީނަތްތެރިވުމަށް ބޭނުންވާ ސާމާނު ހަމަކޮށް ވަރުގެ ކޮޅަށް ނަލަހެދުނުނަމަވެސް އެއީ އަދި އީދު ދުވަސް ފާހަގަކުރެވުނީ ކަމަށް ދިވެހިން ނުދެކެ އެވެ. އީދު ދުވަހުގެ ދިވެހިންގެ އެންމެ މުހިންމު އެކަމަކަށް ވާނީ ސުފުރާމަތި މުއްސަދި ކުރުމެވެ. އާންމު ކާބޯތަކެތި ވިއްކާ ފިހާރަތަކުން ވެސް މިހާރު ވަނީ އީދަށް ތައްޔާރުވެފަ އެވެ.

އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މުދާ އެތެރެކޮށް ވިއްކާ ސްޓޭޓް ޓުރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ޖެނެރަލް މެނޭޖާ އާދަމް އާޒިމް ވިދާޅުވީ އީދު ދުވަހު މީރު ކާނާ ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އެސްޓީއޯގެ ފިހާރަތަކުން ހެޔޮ އަގުގައި ލިބެންހުންނާނެ ކަމަށެވެ.

"އީދަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެންހުންނާނެ، އެއްވެސް އެއްޗެއް އަގުބޮޑެއް ނުވާނެ އަޅުގަނޑުމެން ގެ ފިހާރަތަކުން، އެގޮތުން ކާބޯތަކެތި ތައްޔާރުކުރަން ބޭނުންވާ ހުރިހާ އެއްޗިއްސެއް ވެސް ހެޔޮއަގުގައި ލިނެންހުންނާނެ،" އާޒިމް ވިދާޅުވި އެވެ.

ރާއްޖެ އަށް ފުޅާދާއިރާއެއްގައި މުދާ އެތެރެކޮށް ވިޔަފާރިކުރާ ރެޑް ވޭވްގެ މެނޭޖާ އަލީ ޝަހީމް ވެސް ވިދާޅުވީ އީދާއި ގުޅުވައިގެން ހާއްސަ ސޭލެއް ނުބޭވި ނަމަވެސް އީދު ދުވަހު ކަސްޓަމަރުން ބޭނުންވާ ހުރިހާ އެއްޗިއްސެއްވެސް އެފިހާރައިގައި ލިބެންހުންނާނެ ކަމަށެވެ.

އީދު ދުވަހަށް އާއިލާ މީހުންނައި ގާތް ރަހުމަތްތެރިންނަށް ކެއުންތަކަށް ދައުވަތުދީ ގާތްގުޅުން އިތުރުކުރުމަކީ އަބަދުވެސް ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތެކެވެ. ބައެއް މީހުން ސަގާފީ ކެއުންތަކަށް ލޯބިކުރާއިރު އަނެއް ބައިމީހުން ލޯބި ކުރަނީ ޒަމާނީ ކެއްއުންތަކަށެވެ. އަދި ކޮންމެ ކެއުމެއްގައި ވެސް މަހަކީ ދިވެހިންނާއި އެންމެ ގާތް އެއްޗަށް ވާއިރު މާލޭގައި ރީޓެއިލްކޮށް މަސް ވިއްކާ ފިހާރަތަކުން ބުނީ އީދާ ދިމާކޮށް ތަޖުރިބާއަށްވެސް ބަލައި މިފަހަރު ވެސް މަހުގެ ބާވަތްތަށް ލިބޭގޮތް ކުރިއާލާ ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން ކުކުޅު އާއި ސޮސެޖްގެ އިތުރުން ކަނޑުމަހުގެ ބާވަތްތަކާއި ފަރުމަހުގެ ބާވަތްތަކަށް ވިޔަފާރިވެރިން އިސްކަންދެ އެވެ.

"އަޅުގަނޑުމެން އެހެން އީދުތަކަށް ބަލާފައި މިފަހަރު ވެސް މިވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި، އެގޮތުން ކަނޑުމަހައި ކުކުޅު ފަދަ ތަކެތިވެސް މިފަހަރު ހަމަ ހުސްނުކޮށް ލިބޭނެ،" މެޑޯ ޓްރޭޑްގެ ސޭޓް ބުންޏެވެ.

ކޮންމެ އީދަކީ ވެސް ވިޔަފާރިތަކަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ގެނެސްދޭ ދުވަސްވަރެކެވެ. އަދި އެހެން އީދު ތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ އީދުވެސް ވިޔަފާރިވެރިންނަށް ވަނީ ހިނިތުންވުން ގެނެސްދީފަ އެވެ. އީދުގެ މާކުރިން ވިޔަފާރިތަކަށް ވެސް ވަނީ އީދެއް އައިސްފަ އެވެ.