23 Oct 2012, 03:30
ވިކްޓަރީގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އެހެން ކުލަބުތަކަށް ނުގޮސް މަޑުކޮށްދިނުމަށް ކުލަބުގެ ބޯޑުން އެދެފި އެވެ.
ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޒަރިޔަންދ ސޮއިކޮށް މީޑިޔާތަކަށް ފޮނުވި ބަޔާނުގައި ވަނީ ކުޅުންތެރިންގެ ކިބައިން މި ގޮތަށް އެދެނީ ކުލަބުގެ އާއުސޫލުތަކެއް ހަދަމުންދާތީ ކަމަށެވެ.
މި ގޮތުން ބޯޑު މެމްބަރު ޑރ. އިބްރާހީމަ ނާޝިދުގެ ބެލުމުގެ ދަށުން ކުލަބުގެ ހިންގާ އޮނިގަނޑު އަލުން މުތާލިއާކޮށް ކުރިމަގުގައި ސަޕޯރޓަރުންގެ ބައިވެރިވުމާއިއެކު ދެމެހެއްޓެނެވިގޮތަކަށް ކުލަބުހިންގޭނޭފަދަ ޕްލޭންއެއް (ފައިނޭންޝަލް ޕްލޭން އަކާއި އޮޕަރޭޝަނަލް ޕްލޭންއެއް) 31 އޮކްޓޯބަރ 2012 ވަނަ ދުވަހުގައި ބޭއްވޭ އެގްޒެކްޓިވް ބޯޑަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. މި ޕްލޭނުގައި ކުޅުންތެރިން ހޯދުމަށް ވިކްޓަރީން އަމަލުކުރާނެ ގޮތެއް ވެސް ނިންމާނެ އެވެ.
އެފްއޭއެމުގެ އިންތިހާބުގެ މައްސަލާގައި ހިޔާލު ތަފާޓުވެގެން ވިކްޓަރީގެ ޗެއާމަން އީވާ އަބުދުﷲ އާއި ބޯޑުގެ ތިން މެމްބަރަކު އިސްތިއުފާ ދީފައިވާއިރު އެބޭފުޅުންނާ އިދިކޮޅު ހިޔާލު ގެންގުޅުނު ކޯޗު އަލީ ސުޒޭން ވެސް މިހާރު ވަނީ ކޯޗުކަމުން އިސްތިއުފާދީފަ އެވެ.
ގައުމީ ޓީމުގެ ހަތް ކުޅުންތެރިންނާއި ބިދޭސީ ތިން ކުޅުންތެރިންނާއެކު ވަރުގަދަ ސްކޮޑެއް އޮތް ވިކްޓަރީ މި އަހަރުގެ ސީޒަން ނިންމާލީ ތައްޓެއް ނުލިބި ހުސްއަތާ އެވެ.