23 Oct 2012, 03:20
ޗެއާމަން އީވާ އަބުދުﷲ އާއި ބޯޑުގެ އިތުރު ތިން މެމްބަރަކު އިސްތިއުފާ ދިނުމުން ވިކްޓަރީ ހިންގުމަށް އިންތިގާލީ ޗެއާމަނަކަށް ބޯޑު މެމްބަރު މުހައްމަދު ހަމީދު (އުމަރުބެ) ހޮވައިފި އެވެ.
މި ގޮތަށް ނިންމީ މިއަދު ބޭއްވި ވިކްޓަރީގެ ބޯޑު ބައްދަލުވުމުގަ އެވެ.
ވިކްޓަރީގެ ވައިސް ޗެއާމަންކަން ވެސް ކުރައްވާފައިވާ އުމަރުބެގެ މަސްއޫލިއްޔަތަކީ އިންތިހާބު ބާއްވައި ވިކްޓަރީގެ ބޯޑު އަލުން އެކުލަވާލުމެވެ. މި ގޮތުން ހުސްވެފައިވާ ބޯޑުގެ މަގާމުތަކަށާއި ޗެއާމަން ހޮވުމަށް އިންތިހާބު ބާއްވަން ނިންމާފައިވަނީ 16 ނޮވެމްބަރުގަ އެވެ. އަދި ބޯޑު މެމްބަރު ޑރ. އިބްރާހީމަ ނާޝިދުގެ ބެލުމުގެ ދަށުން ކުލަބުގެ ހިންގާ އޮނިގަނޑު އަލުން މުތާލިއާކޮށް ކުރިމަގުގައި ސަޕޯރޓަރުންގެ ބައިވެރިވުމާއިއެކު ދެމެހެއްޓެނެވިގޮތަކަށް ކުލަބުހިންގޭނޭފަދަ ޕްލޭންއެއް (ފައިނޭންޝަލް ޕްލޭން އަކާއި އޮޕަރޭޝަނަލް ޕްލޭންއެއް) 31 އޮކްޓޯބަރ 2012 ވަނަ ދުވަހުގައި ބޭއްވޭ އެގްޒެކްޓިވް ބޯޑަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.
ވިކްޓަރީގެ ބޯޑުން އިސްތިއުފާ ދެއްވާފައިވަނީ ޗެއާމަން އީވާ އާއި ހުސެއިން ޒިނާން، ހަސަން ފަޔާޒް (ސައުތު ފަޔާ) އަދި އަލްފާޟިލް ހަސަން ސުޖާއު އެވެ.
ހުސްވި އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އީވާ އިސްތިއުފާ ދިނީ ކޯޗު އަލީ ސުޒޭނާއި ޓީމުގެ ބައެއް އިސްއޮފިޝަލުންނާ އެފްއޭއެމުގެ އިންތިހާބުގެ މައްސަލާގައި ދެބަސްވުން އުފެދި މައްސަލަ ގޯސްވާން ފެށުމުންނެވެ. ނަމަވެސް މި މަސްނިމެންދެން ކުލަބުގައި އީވާ ދަނީ މަސައްކަތްކުރައްވަމުންނެވެ. މިއާއެކު މިދިޔަ ހުކުރު ދުވަހުގެރޭ މާޒިޔާ އަތުން ބަލިވެ އެފްއޭކަޕުން ކަޓައި ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު މެޗަށް ފަހު ކޯޗު އަލީ ސުޒޭން ވެސް ވަނީ މަގާމުން އިސްތިއުފާދީފަ އެވެ.
އެފްއޭއެމް އިންތިހާބުގައި ވިކްޓަރީގެ ބޯޑުގެ ދެ މެމްބަރުން ކަމަސްވާ އަބުދުލްމުހުސިން ހަމީދު (ޖޭފޯ) އާއި ސުޒޭންގެ ބޭބެ އަހުމަދު ރިޔާޒް (ގާނާ) ފިޔަވައި އެހެން ހުރިހާ މެމްބަރުން ތާއީދު ކުރަނީ އެތަނުގެ މިހާރުގެ ޗެއާމަން އަލީ އާޒިމަށެވެ. މިހެންވެ ބޯޑުން ވޯޓުނަގައިގެން ނިންމާފައިވަނީ އާޒިމަށް ވޯޓުދޭށެވެ. ނަމަވެސް ސުޒޭން ތާއީދު ކުރަނީ އިދިކޮޅު ކެނޑިޑޭޓް އިލްހާމް އަހުމަދަށެވެ. ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޒަރިޔަންދު ވިދާޅުވީ ކުލަބުތެރޭގައި މައްސަލަޖެހުނީ ބޯޑގެ ނިންމުން ބަދަލުކުރަން ސުޒޭން އެދުމުން އެކަން ނުކުރުމުން އެކަމަށް ސުޒޭން މަސައްކަތްކުރަން ފެށުމުން ކަމަށެވެ.