ޕާކިސްތާނަށް އެހީވުމަށް ރާއްޖޭގައި ބޭއްވި 24 ގަޑިއިރުގެ ޓެލެތޯން ޝޯ އަށް ލިބުނު އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޕާކިސްތާނު ހައިކޮމިޝަނަރާ ހަވާލުކޮށްފި އެވެ.


ހާލުގައި ޖެހިފައިވާ ޕާކިސްތާން ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ފަންނާނުން ގުޅިގެން، "ހެލްޕް ޕާކިސްތާން" ޝިޔާރުގެ ދަށުން ބޭއްވި 24 ގަޑިއިރުގެ ޓެލެތޯން ޝޯ އަށް ޖުމްލަ ލިބިފައިވާ ކަމަށް ބުނެ، ރޭ ހަވާލުކުރީ ޖުމްލަ 1149132.31 ރުފިޔާ އެވެ.


މި ހަރަކާތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ޓީވީއެމްގައި ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައި އެހީގެ ގޮތުގައި ލިބުނު ފައިސާގެ ރަމްޒީ ޗެކު ޕާކިސްތާނުގެ ހައިކޮމިޝަނަރު އަޚްތަރު އަލް ސުލެހްރީއާ ވަނީ ހަވާލުކުރައްވައިފަ އެވެ. އަދި އެކިއެކި ދާއިރާތަކުން ޓެލެތޯން ޝޯ ކުރިއަށްގެންދިއުމުގައި ބައިވެރިވި ފަރާތްތަކާއި އަދި ހެލްޕް ޕާކިސްތާނު ކެމްޕޭނުގެ ހަރަކާތްތައް ހިންގި ބައިވެރިންނަށް ވެސް ރޭގެ ހަފްލާގައި ވަނީ ހަނދާނީ ލިޔުން ދީފަ އެވެ.


އީދު ދުވަސް ވީ ހުކުރު ދުވަހު ހެނދުނު 10:30 އިން ފެށި ހެލްޕް ޕާކިސްތާނު ޓެލެތޯން ޝޯ ނިންމާލީ ޖެހިގެން އައި ހޮނިހިރު ދުވަހުގެ ހެނދުނު 10:30 ގަ އެވެ. ޓެލެތޯން ޝޯ ކުރިއަށްދިޔައިރު، ހުރިހާ ޓީވީ ސްޓޭޝަންތަކުންނާއި އަދި ރޭޑިއޯތަކުން ފޮނީ ވެސް އެ ޝޯ އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ބްރޯޑްކާސްޓަރުން ބައިވެރިވެގެން، އެއް ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ފުރަތަމަ ފަހަރެވެ.