22 Oct 2012, 23:32
ރާއްޖޭގެ އިގްތިސާދީ ތަރައްގީ އާއި ކުރިއެރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ، ތެލަށް ޚަރަދުކުރަން ޖެހިފައިވާ މިންވަރު އިތުރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ދުބާއީގައި މިއަދު ފެށި ދުނިޔޭގެ ވެރިންގެ ހަކަތައާ ބެހޭ ބައްދަލުވުމުގައި މިއަދު ތަގުރީރުކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ 20 ޕަސެންޓް ހަރަދުކުރަން ޖެހިފައިވަނީ، ޑީސަލުން އުފައްދާ ކަރަންޓަށާއި އެއްގަމު އުޅަނދުފަހަރުގެ ދަތުރުފަތުރަށް ކަމަށާއި މިއީ ރާއްޖެ ފަދަ ކުޑަގައުމަކަށް ދާއިމީ ގޮތެއްގައި ކުރެވޭނެ ހަރަދެއް ނޫން ކަމަށެވެ.
"އެއީ ރާއްޖޭގައި ވެސް ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ހަކަތައިގެ ބާވަތެއް ނޫން. އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި ކުރިއެރުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ހުރަހަކީ، ތެލަށް ޚަރަދުކުރަން ޖެހިފައިވާ މިންވަރު އިތުރުވުން،" ރައީސް ވިދާޅުވި އެވެ.
ރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީއަށް ހަކަތައިގެ ހަރުދަނާ ސިޔާސަތެއް އޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކާބަން ބޭނުން ކުރާ އަދަދު މަދު އިޤްތިސާދެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތުގައި ހަކަތަ ބޭނުންކުރެވޭނެ ގޮތުގެ ސިޔާސަތެއް ސަރުކާރުން މިހާރު އެކުލަވާލައްވާފައި ކަމަށާއި، މި ސިޔާސަތުގެ ދަށުން ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުވެގެންދާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އެސިޔާސަތު ތަންފީޒު ކުރުމުގައި ބަލާފައިވަނީ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި، ސަރުކާރު ހިއްސާވާ ޔުޓިލިޓީ ކުންފުނިތަކާއި ޚިދުމަތްތައް ދޭ އަމިއްލަ ފަރާތްތަކުގެ ދައުރު އެކަމުގައި ފުޅާ ކުރުމާއި ކުރިމަގަށް އަމާޒުކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ވިޔަފާރީގެ ފުރިހަމަ އަދި ވަރުގަދަ އޮނިގަނޑެއް އެކުލަވާލުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ބޭރުގައި ފަރާތްތަކައްވެސް ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.
"އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކާއި އެ ދާއިރާގައި ހިއްސާވާ ފަރާތްތަކަށް އެކަމަށް މަގުފަހިކުރުމަށް ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުން އެއީވެސް އަމާޒެއް،" ރައީސް ވިދާޅުވި އެވެ.
ކާބަން ބޭނުންކުރާ އަދަދު މަދުކުރުމަށް ރާއްޖެއަށް ވަރަށް ގިނަ ގޮންޖެހުން ތަކަކާ ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ހައްލުކުރުމަށް އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއަށް އެންމެން އަހުލުވެރިވާން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތަކަށް ރާއްޖެ އަބަދުވެސް މަރުހަބާ ކިޔާނެކަމަށް ވިދާޅުވަމުންނެވެ.
"އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީ ރާއްޖޭގައި ޤާއިމު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކުންނާއި އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވެދެއްވާ ދީލަތި އެހީތަކަށް އަބަދުވެސް ސަރުކާރުން މަރުހަބާ ކިޔާނެ."