22 Oct 2012, 23:12
ޕާކިސްތާނުގެ ލާހޫރުގެ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް އެކަން ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް އަންގައި ލާހޫރުގެ ހައިކޯޓުން ހުކުމް ކޮށްފި ކަމަށް ޕާކިސްތާނުގެ މީޑިޔާއިން ހާމަ ކޮށްފިއެވެ.
އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރާ ގާނޫނު ތަންފީޒުކޮށް ދިނުން އެދި ބަޔަކު ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ބޭއްވި އަޑުއެހުމަށް ފަހު، ހައިކޯޓުގެ އިސް ފަނޑިޔާރު ޢުމަރު ޢަޠާއު އިއްވި ހުކުމުގައި، ޝީޝާއިން ދުން ބޯން ލިބޭން ހުންނަ ކެފޭތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް އަމަރުކުރައްވައިފައިވެއެވެ. ޕާކިސްތާނުގެ ޖިއޯ ޓީވީން ބުނާ ގޮތުގައި ޝީޝާއިން ދުން ބޯން ލިބޭން ހުންނަ ކެފޭތައް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާތަކަށެވެ.
ލާހޫރު ޒިލާގެ ކޯޑިނޭޝަން އޮފިސަރު ނޫރުލް އަމީން ކޯޓުގައި ވިދާޅުވީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ގެ ފިޔަވައި އެހެން ކޮންމެ ތަނަކީ ވެސް "އާންމު ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެއް" ކަމަށް ގާނޫނުގައި މާނަ ކޮށްފައިވާ ކަމަށެވެ.