މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ކަރަންޓް ބިލްތައް ނުދައްކައިގެން އަރާފައިވާ 7.1 މިލިއަން ރުފިޔާ ނުދައްކައިގެން އެ ކުންފުނިން އޮޕަރޭޓް ކުރާ ޓީވީއެމް ގެ ކަރަންޓް ކަނޑާލަން މަސައްކަތް ކުރާއިރު ގިނަ ފަރާތްތަކަކަށް ދައްކަން ޖެހޭ އެތައް ފައިސާ އެއް ނުދެއްކި ހުރި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ޓީވީއެމްގެ ކަރަންޓް ކަޑާލަން އުޅޭ މައްސަލައިގައި އެމްބީސީގެ ޗެއާމަން އުމަރު މަނިކު ސޮއި ކުރައްވާ އެ ކުންފުނިން މިރޭ މީޑިއާތަކަށް ފޮނުވާފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނީގެ ހަރަދުތައް ކުރުމަށް ފިނޭންސް މިނިސްޓްރީން ދޫކުރި 25 މިލިއަން ރުފިޔާ ހުސްވުމުން ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ކަމަށްވާ، މުވައްޒަފުންގެ މުސާރަ ފިޔަވައި މަދު ވައުޗަރަކަށް ނޫނީ ފިނޭންސް މިނިސްޓްރީން ހަރަދުކޮށްފައި ނުވާ ކަމަށާއި އެ ކުންފުނިން ކުރަން ޖެހޭ ގިނަ ހޭދަތައް ކުރަނީ އެ ކުންފުނީގެ ސްޓޭޝަންތަކުގައި ކުރާ އިޝްތިހާރުތަކުން ލިބޭ އެއްޗަކުން ކަމަށެވެ.

"މި ކޯޕަރޭޝަނަށް ހުއްދަ ކުރަނީ ކޯޕަރޭޝަންގެ މުޅި ހަރަދުގެ 25 ޕަސެންޓް ބޮޑުނުވާ މިންވަރަށް އިޝްތިހާރު ކުރުމަށެވެ. މި ކޯޕަރޭޝަންގެ މިއަހަރުގެ އާމްދަނީއަށް ބަލާއިރު އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިބިފައިވަނީ ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ އެވެ. މި ދެންނެވި ފަދަ މާލީ ބޮޑެތި ދަތިތައް ހުރުމުން މިއަހަރުގެ ތެރޭގައި ކަރަންޓާއި ފެނާއި އަދި އެ ނޫންވެސް ގިނަ ހިދުމަތްތައް ހޯދަމުން އަންނަނީ އަދި ގަންނަ އެއްޗިހި އާންމުކޮށް ހޯދަމުން ގެންދަނީ ފަހުން އަގު ދައްކާ ގޮތަށެވެ. މިގޮތުން ކްރިޑިޓްގެ ގޮތުގައި އެކި ފަރާތްތަކުން ހޯދާފައިވާ ހިދުމަތަށާއި އެގޮތަށް ހޯދިފައިވާ ތަކެއްޗަށް މިއަހަރުގެ މިހާތަނަށް އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން އެބައޮތެވެ،" އެމްބީސީގެ ބަޔާނުގައިވެ އެވެ.

ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިކަމާ ހުރެ ކުންފުނީގެ ދަށުން ހިންގާ ސްޓޭޝަންތަކަށް ދެމުން އަންނަ ބައެއް ޒަރޫރީ ހިދުމަތްތައް ކަޑާލާނެ ކަމުގެ އިންޒާރު ދީ އަދި އެ ހިދުމަތްތައް ހުއްޓާލުމަށްވެސް ބައެއް ފަރާތްތަކުން އަންގަމުންދާތީ ކުންފުނިން އޮޕަރޭޓް ކުރާ ޗެނަލްތަކުގެ ހިދުމަތް މެދުކެނޑިދާނެ ކަމުގެ ނުތަނަވަސްކަން ވެރިވެފައިވާކަމަށް އެމްއެންބީސީގެ ބަޔާނުގައިވެ އެވެ.

އަދި ބުނެފައިވަނީ އެ ކުންފުނީގެ މާލީ ހާލަތުން އަރައި ގަތުމަށް އެ ކުންފުންޏަށް ބަޖެޓް ދިނުމަށް އެދި މާލިއްޔަތު ކޮމެޓީއަށް އެކި ފަހަރުމަތިން ލިޔެ އަދި ފަހުން ބޭނުންވި ތަފްސީލްތައް ފޮނުވިނަމަވެސް އެ ފައިސާ އެ ކުންފުންޏަށް ލިބުމުގައި މިހާތަނަށް އަލިމަގެއް ފެނިފައި ނުވާ ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން އެ ކުންފުނީގެ ފޯނު ބިލުތަކާއި އެހެނިހެންވެސް ބިލްތަކަށް މިހާރުވެސް ފައިސާ ދެއްކުމަށް އެކި ފަރާތްތަކުން އަންގަމުން އަންނަ ކަމަށާއި އަދި ހިދުމަތްކަޑާލާނެ ކަމުގެ އިންޒާރު އެކި ފަރާތްތަކުން އެ ކުންފުންޏަށް ދެމުން އަންނަ ކަމަށްވެސް އެމްބީސީން ބުންޏެވެ. އޭގެ ތެރޭގައި ހަބަރާއި މައުލޫމާތާއި ގުޅިގެން ބޭރުގެ އެކި ފަރާތްތަކުން ދެމުން އަންނަ ހިދުމަތްތައްވެސް މެދުކަނޑާލާނެ ކަމުގެ އިންޒާރު އެ ފަރާތްތަކުންވެސް ދެމުން އަންނަ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"މި ކޯޕަރޭޝަނަށް ދިވެހި ރައްޔިތުންނަށް ދޭންޖެހޭނެކަމަށް ކަނޑައަޅާފައިވާ ހިދުމަތްތައް، މިހާރު މި ކޯޕަރޭޝަންގެ މާލީ ހާލަތު ހުރިގޮތުން ކޮންމެ ވަގުތެއްގައި މެދުކަނޑާލަން ޖެހިދާނެ ވާހަކަ ހިތާމައާ އެކު ރައްޔިތުންނަށް ދެންނެވީމެވެ." ބަޔާނުގައިވެ އެވެ.