ވިސްކިންސަން (އޮކްޓޯބަރ 22): ހަތިޔާރު އަޅައިގެން ހުރި މީހަކު އެމެރިކާގެ ވިސްކިންސަން ސްޓޭޓްގެ މިލްވޮކީގައި ހުންނަ އަންހެނުންގެ ހެއާ އެންޑް ބިއުޓީ ސެލޫނަކަށް ވަދެ ބަޑިން ޙަމަލާދީ ތިން އަންހެނަކު މަރާލައިފި އެވެ.

ވިސްކިންސަންގެ ފުލުހުން ބުނި ގޮތުގައި ޙަމަލާދިން ޤާތިލްގެ ނަމަކީ ރެޑްކްލިފް ހަވްޓަން އެވެ. އޭނާއަކީ އުމުރުން 45 އަހަރުގެ މީހެކެވެ. މިޤާތިލް ޙަމަލާދިން ސެލޫންއަކީ އޭނާގެ އަންހެނުންނާއި އޭނާގެ އަންހެން ދަރިފުޅު ވެސް މަސައްކަތްކުރާ ސެލޫނެއް ކަމަށާއި ނަމަވެސް ޙަމަލާދިން ވަގުތު އެތަނުގައި އެދެމީހުން ތިބިކަން ނުވަތަ ނެތްކަން އެނގިފައެއް ނުވެ އެވެ. އަދި މަރުވި ތިން އަންހެނުންގެ ތެރޭގައި ޤާތިލްގެ އަންހެނުން ހިމެނޭކަން ނުވަތަ ނޫންކަން ވެސް އަދި ކަށަވަރެއް ނުވެ އެވެ. ސެލޫނަށް ވަދެ ބަޑިން ޙަމަލާދިނުމަށް ފަހު ޤާތިލް ވެސް އަމިއްލަ އަށް މަރުވެފައިވާއިރު އޭނާގެ ހަށިގަނޑު ފެނިފައި ވަނީ އެސެލޫންގެ ކައިރިން ކަމަށް ފުލުހުން ބުނެ އެވެ.

އިއްޔެ ހިނގި އެ ޙާދިސާ އަށް ބަލާ އިރު މިއީ ޓެރަރިސްޓް ޙަމަލާއަކަށް ނުބެލެވޭ ކަމަށާއި އަދި މިއީ ޢާއިލީ އަރާރުމެއްގެ ތެރެއިން ހިންގި ޖަރީމާއެއް ކަމަށް ބެލެވޭ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ތަޙްޤީޤް ކުރިޔަށްދާތީ އެ ޙާދިސާގެ ސަބަބާގުޅޭ ގޮތުން ފުލުހުން މަޢްލޫމާތެއް ނުދެ އެވެ. ޤާތިލް (ހަވްޓަން)ގެ ބައްޕަ ބުނާ ގޮތުން އޭނާގެ ދަރިފުޅަކީ ޢާއިލީ މައްސަލަތަކެއްގައި އުޅޭ މީހެކެވެ. މީގެ ދެ ހަފްތާކުރިން ހަވްޓަން އޭނާގެ އަންހެނުންނާ އަރާރުންވެ ރުޅިގަދަވެގެން އަންހެނުންގެ ކާރަށް ގެއްލުންދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމުން އޭނާއަތުގައިވާ ހަތިޔާރު ފުލުންނާ ޙަވާލުކޮށްކުރުމަށް ފުލުހުން އޭނާއަށް އަމުރުކޮށްފައިވެ އެވެ. އަދި އެއަށް ފަހު އޭނާގެ ޙަރަކާތްތައް ފުލުހުން ބަލަމުންގެންދާކަމަށްވެ އެވެ.

ވައިޓް ހައުސް އިންބުނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް މިޙާދިސާ އެނގިވަޑައިގެންފި ކަމަށާ އަދި މިއީ ޓެރަރިސްޓް ޙަމަލާއެއްނޫންކަން ވެސް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އޮބާމާއަށް އަންގާފައިވާ ކަމުގަ އެވެ. ހަތިޔާރުން ޙަމަލާދީ މިގޮތަށް މީހުން މެރުމަކީ އެމެރިކާގައި އާންމުކޮށް ހިނގަމުންދާ ކަމެކެވެ. (ނޫސްއެޖެންސީތައް)