ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތު"ގެ ނަމުގައި އެމްޑީޕީ ބަޔަކު ނެރެފައިވާ ރިޕޯޓަށް ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު މާގާމުގައި ހުންނަވައިގެން މައުލޫމާތު ދެއްވާފައިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވެވި އަމީން ފައިސަލް އާއި މުހައްމަދު އަސްލަމް ނެރުއްވެވި ރިޕޯޓަށް ހަމީދު މައުލޫމާތު ހިއްސާ ކުރައްވާފައިވާކަން ފުލުހުންގެ ޑިސިޕްލިނަރީ ކޮމެޓީ އަށް ސާބިތުވެފައިވާ ކަމަށް ދައުލަތުން ބުނެފައި ވަނީ ހަމީދު ވަޒީފާ އިން ވަކި ކުރުމާ ގުޅިގެން އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައި މިއަދު ބޭއްވި ޝަރީއަތުގަ އެވެ.

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ހެޑްގެ މާގާމުގައި ހުންނަވަނިކޮށް ވަޒީފާ އިން ވަކި ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ކުރާ ދައުވާ އަށް ރައްދު ދެމުން ދައުލަތުގެ ވަކީލު މިއަދު ވިދާޅުވީ ހަމީދު ވަޒީފާ އިން ވަކިކޮށްފައި ވަނީ މަގާމުގެ ގޮތުން ލިބިފައިވާ މައުލޫމާތުތައް ބޭނުންކޮށްގެން ސިޔާސީ ވަކި ފަރާތަކަށް ސިޔާސީ މަންފާއެއް ހޯދައި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ ހަމީދަށް މަގާމުގެ ގޮތުން ލިބިފައިވާ މައުލޫމާތު އެކަމާ ނުބެހޭ ބަޔަކާ ހިއްސާ ކުރުމަކީ އޭގެ ސަބަބުން ފުލުހުންގެ މުވައްސަސާއާ މެދު އާންމުން ދެކޭ ގޮތް ބަދަލުވެގެންދާނެ ކަމެއް ކަމަށެވެ.

ވަޒީފާ އިން ވަކި ކުރުމުގެ ކުރިން އޭނާގެ މައްސަލަ ޑިލިޕްލިނަރީ ކޮމެޓީން ތަހްގީގު ކުރަމުން ދިޔަ އިރު އޭނާގެ ފަރާތުން ޖަވާބު ދާރީވުމުގެ ފުރުސަތާއި ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ވެސް ދިން ކަމަށާއި ހަމީދު އެ ތަހްގީގުގައި ހިއްޕެވީ ހަނުހުރުމުގެ ހައްގު ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލާގައި ފުރަތަމަ ބޭއްވި އަޑު އެހުމުގައި ހަމީދު ވަނީ މައުލޫމާތު ސިއްރުކޮށްގެން ފުލުހުންގެ މީހަކު ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރު ކޮށްދިނުމަށް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެހެން ނަމަވެސް މިއަދުގެ ޝަރީއަތުގައި ދައުލަތުން ބުނީ ދައުލަތާ ދެކޮޅަށް ހެކިބަސް ދިނުމަށް ކާކުކަން ނޭނގޭ ފުލުހަކު ގެނައުމަކީ ދައުލަތުން ދެކޮޅު ހަދާ ކަމެއް ކަމަށެވެ.

މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުން ދެއްކި ވާހަކަތަކާ ގުޅިގެން ހަމީދުގެ ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް ވިދާޅުވީ ދައުލަތުން ދެއްކި ވާހަކަތަކަށް ލިޔުމަކުން ރައްދުދޭން ބޭނުންވާ ކަމަށެވެ. މިއަދު ޝަރީއަތް ގާޒީ ނިންމާލީ އެ މައްސަލައިގެ އަޑު އެހުމެއް އަންނަ މަހުގެ ހަތަރެއްގައި ބާއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.