22 Oct 2012, 17:43
ދިވެހި ރާއްޖޭގެ އާކައިވްސްގެ ގާނޫނު ރައީސުލްޖުމްހޫރިއްްޔާ ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިކޮށްފައިވީ ނަމަވެސް އެ ގާނޫނު ތަންފީޒު ނުކުރެވޭ ކަމަށް ބުނެ ދައުލަތުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު، ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
މިއަދު ބޭއްވި ސަރުކާރު މައްސޫލީއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ތޯރިގެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އެޓާނީ ޖެނަރަލް އާޒިމާގެ އިތުރުން ކެބިނެޓް ސެކެރެޓަރީ ޑރ. އަބްދުﷲ ނަޒީރު ވެސް އެ މައްސަލާގައި ކޮމެޓީ އަށް ހާޒިރު ކުރުމަށް ކޮމެޓީން ވަނީ ނިންމައިފަ އެވެ.
ނަމަވެސް އެ ދެ ބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމާފައިވާ ދުވަސް އަދި ނިންމާފައި ނުވާ ކަމަށް ކޮމެޓީ މެންބަރަކު ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ސަން އޮންލައިނަށް މިއަދު ވިދާޅުވީ އެޓާނީ ޖެނެެރަލް އާޒިމާ ޝަކޫރާއި ކެބިނެޓް ސެކެރަޓަރީ ސަރުކާރު މައްސޫލީއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމީ ދިވެހި ރާއްޖޭގެ އާކައިވްސްގެ ގާނޫނު ތަންފީޒު ކުރުމަށް އެކަށީގެންވާ މިންވަރަށް ސަރުކާރުން މަސައްކަތް ނުކުރާތީ ކަމަށާއި އެ ގާނޫނު ތަންފީޒު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވާތީ ކަމަށެވެ.
އެ ދެ ބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރުމަށް ފާސްވީ އެ ވަގުތު ކޮމެޓީގައި ތިއްބެވި މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް ޣަފޫރު ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ތިން ފަނޑިޔާރުން ވެސް ކޯނީ ރިޕޯޓާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމުގެ ގޮތުން އެ ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމައިފަ އެވެ.