ކުރީގެ ސަރުކާރުން އުފެއްދި ޔުޓިލިޓީޒް ކުންފުނިތަކުން ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީ އަށް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.

ތިން ރަށެއްގެ އިންޖީނުގެތަކާ ހަވާލުވުމަށް މިއަދު ބޭއްވި ހަފްލާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ އޭސީސީ އަށް ފޮނުވަން އެ ކުންފުނިން ނިންމާފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގައި ސަދަން ޔުޓިލިޓީޒުން ބިޑް ކުރުމަކާއި ނުލާ އެޑްވާންސް ފައިސާ ދެއްކުމަށްފަހު މަހަކު 14،000ރ. އަށް މަޖީދީ މަގުން ގެއެއް ކުއްޔަށް ހިފާފައިވާ މައްސަލަ އަކާއި އަޕާ ޔުޓިލިޓީޒްގައި ބޭނުންކުރަމުން އައި (ބާމިޔާ) ނަމަކަށް ކިޔާ ދޯންޏެއް ބިޑު ކުރުމަކާއި ނުލާ އެއްމެ ފަރާތެއްގެ ކޯޓޭޝަން އެއް ހޯދައިގެން މަރާމާތު ކުރުމަށް ޚަރަދުކޮށްފައިވާ 260،00ރ. ގެ މައްސަލައެއް ކަމަށެވެ. އަދި ގއ. ގދ ގެ ރައްތަކަށް ކައްކާ ގޭސް ސަޕްލައި ކުރުމަށް 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގެ މައްސަލަވެސް އޭސީސީއަށް ފޮނުވާނެ ކަމަށް ނިމާލް ވިދާޅުވި އެވެ.

އެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ގޭސް ފޯރުކޮށްދިނުމުގެ ކޮންޓްރެކްޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ނިމާލް ވިދާޅުވީ އެ މަސައްކަތް ކުރާ ފަރާތަށް މަހަކު 97،000ރ. ގެ މަގުން މިހާތަނަށް 2,120,000ރ. ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ބަލާނަމަ ގޭސްފުޅިއަކަށް ޖެހިފައިވަނީ 115.60 ރުފިޔާ ކަމަށެވެ. ނަމަވެސް ވިދާޅުވީ އެ ކުންފުނިން ހަވާލުވުމަށްފަހު ފުރަތަ މަހު އެ ކޮންޓްރެކްޓް ވާނީ ބާތިލް ކޮށްފައި ކަމަށާއި، މިހާރު އެ ޚިދުމަތް ފޯރުކޮށްދެނީ ގޭސްފުޅިއަކަށް 45ރ. ގެ ރޭޓުން ކަމަށެވެ.

"ބައެއް ޔުޓިލިޓީޒް ކުންފުނިތަކުގައި ފައިސާގެ މުއާމަލާތްތައް ހިންގާފައި ހުރީ އެއްވެސް ލިޔެކިޔުމަކުން އެގެންނެތް ގޮތަށް، އެމައްސަލަތައް އޭސީސީ އަށާއި، އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ ބުރާސްފަތި ދުވަހު ފޮނުވޭތޯ މިހާރު މަސައްކަތް ކުރަމުން މިދަނީ،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައިވޯޓާ މައްސަލަވެސް އޭސީސީއަށް ފޮނުވުމަށް ދިރާސާކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައިވޯޓާގެ މަސައްކަތް އައްޑޫގައި ކުރިއަށްދާއިރު އެ ޕްރޮޖެކްޓްގެ ޖުމްލަ އަދަދަކީ 42 މިލިއަން ޑޮލަރު ކަމަށާއި އެ ކުންފުނީގެ މަސައްކަތަށް ސަރުކާރުން ހަރަދު ކުރަންޖެހޭ 15 މިލިއަން ޑޮލަރުގެ ތެރެއިން މިހާރު ޚަރަދު ނުކޮށް އޮތީ 500،000 ޑޮލަރު ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓަށް ދިއުމުގެ ކުރިން ދިވެހި ސަރުކާރާ ބައިވޯޓާއާ ދެމެދު އެއްބަސްވެފައި އޮތީ އެ 42 މިލިއަން ޑޮލަރުގެ ތެރެއިން 27 މިލިއަން ޑޮލަރު ބައިވޯޓާއަށް އިންވެސްްޓްކުރާގޮތަށް އަދި ސަރުކާރުން 15 މިލިއަން ޑޮލަރު ޚަރަދުކުރާ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ނަމަވެސް މިއަދާ ހަމައަށްވެސް އެ ފައިސާ އިންވެސްޓްކޮށްފައި ނެތް ކަމަށާއި، އަދި އެ ޕްރޮޖެކްޓްގައި ހިމެނޭ ހުރިހާ ކޮންޕޮނެންޓް ތަކަކަށް ޚިދުމަތް ގާއިމު ކުރުމަށް މަސައްކަތް ކުރެވިފައިވެސް ނެތް ކަމަށެވެ.

"އެ ޕްރޮޖެކްޓްގައި ހިމެނޭ ހުރިހާ ކޮންޕޮނެންޓް ތަކަށް ޚިދުމަތް ގާއިމު ކުރުމަށް މަސައްކަތް ކޮށްފައެއްވެސް ނެތް. ހަމަ އެކަނި މިފެންނަނީ ބޯފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ ހަމައެކަނި އައްޑޫ އަތޮޅުގެ ރައްތަކަށް ޚިދުމަތް ދިނުމަށްޓަކާ މަސައްކަތް ކުރަމުންދާތަން. ނަމަވެސް އެ ޕްރޮޖެކްޓް ރޭވިފައި އޮތް އިރު ފުވައްމުލައްވެސް ހިމެނޭ. ނަމަވެސް މިހާރު އެރަށެއް ނުހިމެނެ،" ނިމާލު ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ވަނީ އުތުރުގެ ހަތަރު ރަށް ކަމަށްވާ ހ.އ ވަށަފަރާއި، ނ. ނަލާފުއްޓާއި، މ. އަތޮޅުގައި ހިމެނޭ ދެރަށް ކަމަށްވާ މުލަކާއި، ދިއްގަރުގެ އިންޖީނުގެ ތަކާއި ފެނަކަ ކޯޕަރޭޝަނުން ހަވާލު ވުމުގެ އެއްބަސްވުމުގައި އެ ރައްރަށުގެ ރަށު ކައުންސިލް ތަކާއި އެކު ސޮއި ކޮށްފަ އެވެ.