22 Oct 2012, 16:33
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަދާލަތު ޕާޓީން އެކުލަވާލައި އެ ޕާޓީގެ މެނިސްފެސްޓޯ ބިނާވެގެން ދާނެ މައިގަނޑު އަސާސްތައް އެ ޕާޓީން މިއަދު އިފްތިތާހް ކޮށްފި އެވެ.
އެއީ "ފާގަތި ކަން"،"ހަމަ ހަމަ ކަން" އަދި "ރައްކާތެރިކަ"މެވެ.
އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ އިގްތިސާދީ ކޮމެޓީގެ ރައީސް އަދި ޑެޕިއުޓީ ފިނޭސް މިނިސްޓާ އިއާދު ހަމީދު ވިދާޅުވީ ފާގަތި ކަމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭނީ ރައްޔިތުނަށް ފާގަތި ދިރިއުޅުމެއް ހޯދަދިނުމަށް އަދާލަތު ޕާޓީން ކުރާނެ ކަންތައްތައް ކަމަށެވެ. އަދި ހީނަރުވެފައިވާ އިގުތިސާދު ހަމައަކަށް އެޅުވުމަށް އެ ޕާޓީން ގެންގުޅޭނެ ސިޔާސަތުތައް ވެސް އެ އަސާސްގެ ދަށުގައި ހިމެނޭނެ ކަމަށް އިއާދު ވިދާޅުވި އެވެ.
"މި ގޮތުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަށާއި ދިވެހި ރައްޔިތުނަށް ތަރައްގީއާ ތަމައްދުން ހޯދަދިނުމަށް އަދާލަތު ޕާޓީން ގެންގުޅޭނެ ސިޔާސަތުތައް، ފާގަތިކަން ތީމްގެ ދަށުގައި އަޅުގަނޑުމެން ހުށަހަޅާލާނަން،" އޭނާ ވިދާޅުވި އެވެ.
"ހަމަ ހަމަ ކަން" ތީމްގެ ދަށުން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުއްސަނދިންނާއި ފަގީރުންނާއި ދެމެދު އޮންނަ ފަރަގު ނައްތާލުމަށާއި އަންހެނުންނާއި ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެޕާޓީން ގެންގުޅޭ ސިޔާސަތުތައް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްކާތެރިކަމުގެ ދަށުން އެކުލަވާލާނެ ސިޔާސަތުތައް ކަމަށް އިއާދު ވިދާޅުވީ މަގުމަތީގެ ރައްކާތެރިކަމާއި މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމާއި އިޖުތިމާއި ރައްކާތެރިކަން ގެނެސް ދިނުމަށް އަޅާނެ ފިޔަވަޅުތައް ކަމަށެވެ.
އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ އެ ޕާޓީގެ މެނިފެސްޓޯ ބިނާވެގެންދާ މައިގަނޑު އަސާސްތައް އަސްލަކަށް ބަލައިގެން އެކުލަވާލައި ސިޔާސަތުތައް ހާމަކުރަމުން ގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕާޓީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނީތޯ ނުވަތަ އެހެން ކެންޑިޑެޓަކަށް ތާއިދު ކުރާނީ ތޯ އަދި ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އެ ޕާޓީގެ މެނިފެސްޓޯ އެ ޕާޓީން ތަންފީޒު ކުރާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"މި މެނިސްފެޓޯ އަޅުގަނޑުމެން ތަންފީޒް ކުރާނަން. އަދި އެ ތަންފީޒް ކުރާނީ ކާކުތޯ ކުރާ ސުވާލުގެ ޖަވާބު އަރުވަންވާ ވަގުތުގައި އަރުވާނަން. މި މެނިސްފެސްޓޯގައި މި ގެންނަ ކަންތައްތައް ﷲ އިރާދަ ކުރެއްވިއްޔާ މިއީ އަޅުގަނޑުމެން ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެ ކަންތައްތައް. އެ ތަންފީޒް ކުރުމުގެ ގާބިލްކަން ހުރި ވެރިޔަކަށް، ގާބިލްކަން ހުރި ކެބިނެޓަކަށް، އަދި ގާބިލްކަން ހުރި މުއައްސަސާތަކުގެ ވެރިންނާއެކު މިކަން ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން މިކަން ކުރިއަށް ގެންދާނަން،" އިމްރާން ވިދާޅުވި އެވެ.