10:50


މުސާރަ އާއި އެލަވަންސަށް 35950 ރުފިޔާ ކަނޑައަޅައި ހައިކޯޓަށް ހަތަރު ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިއުލާނުކޮށްފި އެވެ.


ޖޭއެސްސީ އިން އިއްޔެ ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިގްރީއެއް ހާސިލުކޮށްފައިވުމާ އެކު ފަނޑިޔާރަކު ކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެދެކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބައިވާ ފަރާތްކަށް  އެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި  އެފަދަ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ހަވީރު 4 ޖެހުމުގެ ކުރިން ވަނަވަރާ އެކު ސިޓީ ފޮނުވުމަށެވެ.


ހައިކޯޓަށް ލައްވަން އިއުލާނުކޮށްފައިވާ ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 11100 ރުފިޔާ އެވެ. ލިވިންސް އެލަވަންސްގެ ގޮތުގައި 13،000ރ. އާއި  ހާއްސަ އެލެވަންސްގެ ގޮތުގައި މުސާރައިގެ 40 ޕަސެންޓަށްވާ 4،440 ރުފިޔާ އެވެ. އަދި ޓްރާންސްޕޯޓް އެލަވަންސަށް 1،860 ރުފިޔާ ލިބޭނެ ކަމަށް ވެސް ޖޭއެސްސީގެ އިއުލާނުގައިވެ އެވެ. އިއުލާނުކޮށްފައިވާ ފަނޑިޔާރުންނަށް މުސާރަ އާއި އެލަވަންސްތަކާ އެކު ޖުމްލަ 35950 ރުފިޔާ ލިބެ އެވެ.


ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ސޮއިކުރައްވައި ފަނޑިޔާރުން ހޯއްދެވުމަށް އިއުލާނު ކުރައްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ތައުލީމާއި ތަޖުރިބާގެ އިތުރުން އަހުލާގާއި ސުލޫކުގެ ޝަރުތުތަކާއި  ފަނޑިޔާރެއްގެ ކިބައިގާ ހަމަވާން ޖެހޭ އެހެނިހެން އަސާސީ ޝަރުތުތައް މިއިއުލާނުގައި ވަނީ ހިމަނައިފަ އެވެ.


ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން ހައިކޯޓުގައި ތިއްބަވާނީ 11 ފަނޑިޔާރުންނެވެ. މިވަގުތު އެ ކޯޓުގައި ތިއްބެވީ ތިން ފަނޑިޔާރެކެވެ. އިއުލާނު ކޮށްފައިވާ ވަނީ ހަތަރު ފަނޑިޔާރަކު ހޯދުމަށެވެ. އަދި ހަތަރު ފަނޑިޔާރުން ލެއްވި ނަމަވެސް ހަމަވާނީ ހަތެކެވެ.


ޖޭއެސްސީގެ މިޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ފަނޑިޔާރު ހޯދަން އިއުލާނުކޮށްފައި ވަނީ ހައިކޯޓުގެ މަސައްކަތްތައް ފަށައިގަތުމުގެ ގޮތުން ކަމަށެވެ. ހަތަރު ފަނޑިޔާރަކު ހޯދަން އިއުލާނު ކުރީ މިހާރު ގާނޫނުގައި ބުނާ ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް އަތުވެދާނެ ކަމަށް ބަލައިގެން ކަމަށެވެ.


މީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ)ގައި ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ހ) ގައި ބަޔާން ވެގެންވާ ސުޕްރީމްކޯޓް ގާއިމުކޮށް އެ ކޯޓަށް އުއްތަމަ ފަނޑިޔާރާއި އެހެނިހެން ފަނޑިޔާރުން އައްޔަން ވުމުން ގާނޫނު އަސާސީގެ 282 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސުޕްރީމް ކޯޓް ނިމުމަކަށް އައިސް އެކޯޓުގެ ފަނޑިޔާރުންގެ މުއްދަތު ނިމުމަކަށް އަންނާނެ ކަމަށް ބުނެ އެވެ.


ހަމަ އެއާ އެކު އެ މާއްދާގެ (ނ)ގައި ބުނަނީ އެ މާއްދާގެ (ށ)ގައިވާ އުސޫލަށް ނިސްބަތްވާ ފަނޑިޔާރުންނަށް އެހެން ކޯޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ޖުޑީޝަލްސާވިސް ކޮމިޝަނުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ. އަދި އެމީހުންގެ ފަނޑިޔާރުކަމުގެ ވަޒީފާ ނިމުމަކަށް އަންނާނީ އެގޮތަށް ދެވޭ ފުރުސަތުގައި އެހެންކޯޓެއްގައި މަސައްކަތް ކުރުމަށް ދެވޭ ފުރުސަތުގެ ބޭނުން ނުހިފިނަމަ ކަމަށެވެ.


އެހެންކަމުން އިންތިގާލީ ސުޕްރީމް ކޯޓުން ވަކިވި ދެ ފަނޑިޔާރުންނަށް ވެސް ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތުމުގެ ފުރުސަތު ލިބެ އެވެ.