22 Oct 2012, 15:54
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ހައިކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ހައިކޯޓުގައި އެދިވަޑައިގެންފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ޝަރީއަތުގައި އެބޭފުޅުން ނެންގެވި އިޖުރާއީ ނުކުތާތަކާ މެދު އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ހުޅުމާލޭ ކޯޓުގައި ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރަކަށެވެ.
ނަޝީދުގެ ހާޒިރުގައި ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަގުތީ އަމުރަކަށް އެދި ހުށަހަޅުއްވަމުން އޭނާގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ގާނޫނަކުން ގާއިމް ކުރެވިފައިވާ ކޯޓެއްގައި ޝަރީއަތް ކުރުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެ ހައްގު ގާނޫނުން ލިބިގެންވާ އިރު ހުޅުމާލޭ ކޯޓަކީ ގާނޫނާއި ޚިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުން އެއާބެހޭ ގޮތުން ވާހަކަދެއްކުމަށް ފުރުސަތު އެރުވުމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލު، އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ހައިކޯޓަށް ފެންނަ ގޮތަކަށް ވަގުތީ އަމުރު ނެރުނަސް މައްސަލައެއް ނެތްކަމަށެވެ.
"ހައިކޯޓަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވަގުތީ އަމުރު ނެރުނަސް މައްސަލައެއް ނެތް،" ރާބިއު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ނަޝީދުގެ ފަރާތުން ނެންގެވި އިޖުރާއީ ނުކުތާތައް އެ ކޯޓުން ވަނީ ބަލައި ނުގެންފަ އެވެ.
އިޖުރާއީ ނުކުތާތައް ބަލައިނުގަތުމަށް ހުޅުމާލޭ ކޯޓުން ނިންމި ދުވަހު، އެ ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެ، ހައިކޯޓުން އެ ނިންމުމާ މެދު ވަކިގޮތެއް ކަނޑައަޅަން ދެން ނަޝީދުގެ ޝަރީއަތް މަޑުޖައްސާލުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ހުޅުމާލޭ ކޯޓުގައި އެދިވަޑައިގެންފައި ވެއެވެ. ނަމަވެސް ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އެ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރެއް ނުނެރޭހާ ހިނދަކު އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބް ހުސެއިން ޒަކަރިއްޔާ ވިދާޅުވީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 9:30 ގައި ވަގުތީ އަމުރާ މެދު ވަކިގޮތެއް ނިންމަވާނެ ކަމަށެވެ.
ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަ ކަމާއި މެދު ނަޝީދުގެ ގާނޫނީ ޓީމުން ސުވާލު އުފައްދާފައިވާތީ ހައިކޯޓުގެ މައްސަލައިގެ ތެރެއަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ތަދައްހުލްވެފަ އެވެ.
ވަގުތީ އަމުރާ މެދު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ގޮތެއް ނިންމާއިރު އެ ދުވަހުގެ ހަވީރު 4:00 ގައި ނަޝީދުގެ ޝަރީއަތް ބާއްވަން ހުޅުމާލޭ ކޯޓުން ވަނީ ޝެޑިއުލް ކޮށްފަ އެވެ.
ނަޝީދުގެ މައްޗަށް ދައުލަތުން ކުރައްވާފައި ވަނީ ކުށް ނުކުރާ މީހަކު ޤާނޫނާއި ޚިލާފަށް ގަސްތުގައި ހިފައި ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް ކުރައްވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުންނަވައިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ކ. ގިރިފުށީގައި ބަހައްޓާފައި ވާތީ އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީސް އަޑުއައްސަވަން އެމްޑީޕީގެ ބައެއް ސަޕޯޓަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ ބައެއް މިނިސްޓަރުން ހާޒިރުވެ ވަޑައިގެންނެވި އެވެ.