އދ. ވަކަރުފަޅި ރިސޯޓުގެ ފަޅުތެރެއަށް ސްނޯކްލިއަންއަށް ގޮސްއުޅުނު ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ވަކަރުފަޅި ރިސޯޓުގެ ފްރަންޓް އޮފީސް މެނޭޖާ އަބުދުﷲ ސައީދު ވިދާޅުވީ މިއަދު 12:00 ޖަހާކަންހާއިރު ނިޔާވެފައިވަނީ އިއްޔެ ހަނީމޫން ހެދުމަށް އަންހެނުންނާއެކު އެ ރިސޯޓަށް އައި ޗައިނާ މީހަކު ކަމަށެވެ. އަދި އުމުރުން 25 އަހަރުގެ އެމީހާ މަރުވީ އެހެން މީހަކާއި އެކު އެރަށު ފަޅުތެރޭގައި ފީނަން އުޅުމުގެ ތެރޭގައި ބޮލަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށް ބެލެވޭކަމަށެވެ.

"އޭނާގެ ބޯ ތާކު ޖެހުނީހެން ހީވަނީ، އަޅުގަނޑުމެން އޭނަ ނަގައިގެން ރިސޯޓުން ފަރުވާދިނުމަށްފަހު ދަނގެއްޗަށް ގެނައިރުވެސް އޭނާ މަރެއްނުވޭ. ނަމަވެސް ދަނގެއްޗަށް ގެނެސް ފަރުވާންދޭން ފަށަފައިވަނިކޮށް އޭނާގެ އަނގައިން ވަރަށް ގަދަޔަށް ލޭ އައިސް އޭނާ ވަނީ މަރުވެފައި،" ސައީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އޭނާ މަރުވަން ދިމާވީ އޭނާގެ ސިނކުޑިއަށް ލޭ އެޅިގެންކަމަށް ޑޮކްޓަރުން ބުނާ ކަމަށާއި އެ މީހާގެ ހަށިގަނޑު މާލޭ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.