22 Oct 2012, 15:14
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްސަލަ ބައްލަވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ތިން ފަޑިޔާރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރުމަށް އެ ކޮމެޓީން އަނެއްކާވެސް ނިންމައިފި އެވެ.
މީގެ ކުރިންވެސް ހުޅުމާލޭ ކޯޓުގެ ތިން ފަޑިޔާރުން ކޮމެޓީއަށް ހާޒިރުވާން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެންގެވި ނަމަވެސް "އުޒުރުވެރިވާ ކަމަށް" ވިދާޅުވެ އެ ބޭފުޅުން ކޮމެޓީއަށް ހާޒިރުވެވަޑައެއްނުގަންނަވަ އެވެ.
މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ވަނީ ކޯނީ ރިޕޯޓްގެ ދިރާސާއަކަށް ހުޅުމާލެ ކޯޓުގެ ތިން ފަޑިޔާރުންގެ ފަރާތުން މައުލޫމާތު ސާފުކުރަން ބޭނުންވާތީ އެ ތިން ބޭފުޅުންވެސް ކޮމެޓީއަށް ހާޒިރުކުރުމާ މެދު ކޮމެޓީގެ މެންބަރުންގެ މެދުގައި ވޯޓެއް ނަގައިފަ އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމެޓީގައި މުގައްރިރު ތޮއްޑު ދާއިރާގެ މެންބަރު އަލީ ވަހީދު ވޯޓަށް ހުޅުވާލުމުން ކޮމެޓީއަށް އެ ވަގުތު ހާޒިރުވެ ވަޑައިގަތް ތިއްބެވި ފަސް މެންބަރުންވެސް ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ތިން ފަޑިޔާރުން ހާޒިރުކުރުމަށް ފެންނަ ކަމަށް ވޯޓުދެއްވައިފަ އެވެ.
ކޮމެޓީގެ މެންބަރު ކުޅުއްދުއްފުށީ އުތުރު ދާއިރާގެ، އަބްދުލް ޢަފޫރު މޫސާ މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އެ ބޭފުޅުން ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރަށް ކަމަށެވެ.
"ކޯނީގެ ރިޕޯޓްގެ ދިރާސާއަކަށް އެ ތިން ފަޑިޔާރުންވެސް ކޮމެޓީއަށް ހާޒިރުކުރުމަށް އަންގަން ނިންމީ،" ޢަފޫރު ވިދާޅުވި އެވެ.
ފަޑިޔާރުން ކޮމެޓީއަށް ހާޒިރުކުރާ މައްސަލައިގައި މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ދާއިރާއާ ދެމެދު ވަނީ ހިޔާލުތަފާތުވެފަ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފަޑިޔާރުން ކޮމެޓީއަށް ހާޒިރުވާން މީގެ ކުރިން އަންގާވާފައި ވަނީ ފަޑިޔާރުން ކޮމެޓީއަށް ހާޒިރުނުކުރެވޭނެ ކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް މަޖިލީހުގެ ރައީސްއަށް ލަފާދެއްވާފައި ވަނިކޮށެވެ.
ޝާހިދުގެ ނިންމެވުން ދިފާއުކޮށް މަޖިލީހުގެ އިދާރާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމާއި މަޖިލީހުން ކަޑައަޅާ ގޮތެއްގެ މަތީން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުވެ ހެކިބަސް ދިނުމަށް ކޮންމެ މީހަކަށްވެސް އެންގުމުގެ ބާރު ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ.
މީގެ ކުރިންވެސް ސްޕްރީމް ކޯޓުން ވެސް އަދި ޖޭއެސްސީން ވެސް ބަޔާން ނެރެ ބުނެފައި ވަނީ އެކި ފަރާތްތަކަށް ފަޑިޔާރުން ޖަވާބުދާރީ ކުރުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ" ކަމަށެވެ.