22 Oct 2012, 14:51
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ ދިވެހިންގެ މައުލޫމާތުތައް އެއްތާކުން ލިބޭނެ ގޮތް ހެދުމަށް ޓަކައި ޑާޓާބެސްއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ އަހުމަދު ސޯލިހު މިއަދު ވިދާޅުވީ ބިދޭސީންގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ ރެކޯޑްތައް ބަލާފައި ވިޔަސް އެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނާ ބެހޭ މައުލޫމާތު ރެކޯޑްކޮށްފައި ނެތް ކަމަށާއި އެހެން ކަމުން ޔޫއެންޑީޕީގެ އެހީގައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވީ މިއަހަރު ނިމެންވާ އިރަށް [ދިވެހިންނާ ބެހޭ] ޑޭޓާބޭސް ތައްޔާރުކުރެވޭނެ. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ ސޮޕްޓުވެއާއެއް ހަދާފައި އޮންލައިންކޮށް ލިބެން ހުންނާނެ ގޮތަށް ހެދުމަށް،" ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ރިސޯޓުތަކާއި ޓޫރިޒަމްގެ ހިދުމަތް ދެމުން އަންނަ ތަންތަން ބަލައި ފާސްކުރަމުން އަންނަ ކަމަށާއި އަދި ޓޫރިސްޓުގެން ސަލާމަތީ ކަންތައްތައް ރަނގަޅުކުރުމަށް ޓަކައި ވަރަށް އަވަހަށް ގަވައިދުތަކެއް ހަދައި އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ގައިޑުންނާ ބެހޭ ގަވައިދު ގެޖެޓް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.