ހައްޖަށް މީހުން ގެންދިޔަ ހުރިހާ ޖަމާއަތްތަކުން ވެސް ހައްޖާޖީންނާއި މެދު އަމަލުކުރަމުން ދަނީ ވަރަށް ރަނގަޅަށް ކަމަށް މައްކާގައި ހުންނަ ރާއްޖޭގެ ހައްޖު މިޝަންގެ އިސްވެރިޔާ، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މައްކާގައި ހުންނަވައިގެން ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މުހައްމަދު ދީދީ ވިދާޅުވީ ހައްޖު މިޝަންގެ ފަރާތުން ކޮންމެ ދުވަހަކު ވެސް ހައްޖާޖީންނާއި ބައްދަލުކުރަމުންދާ ކަމަށާއި ޖަމާއަތްތަކުން ހައްޖާޖީންނަށް އެކޮމޮޑޭޝަން ދެމުންގެންދަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެން ހައްޖާޖީން ކައިރިއަށް ޒިޔާރަތްކޮށް އެބޭފުޅުންނާއި ބައްދަލުކޮށް ހަދަން. ހައްޖު ޖަމާއަތްތަކާ ގުޅޭގޮން އެއްވެސް ޝަކުވާއެއް އަޅުގަނޑުމެންނަކަށް ނުލިބޭ. ޖަމާއަތްތަކުން ހައްޖާޖީންނަށް އެކަމޮޑޭޝަންގެ ކަންތައް ވެސް ފޯރުކޮށްދެމުން ގެންދަނީ ވަރަށް ފުރިހަމަކޮށް،" މުހައްމަދު ދީދީ ވިދާޅުވި އެވެ.

ކުޑަކޮށް ރޯގާގެ އަސަރު ހުރިނަމަވެސް ހައްޖާޖީންގެ މެދުގައި އެއްވެސް ބަލިމަޑުކަމެއް ފެތުރިފައި ނުވާކަމަށާއި ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅުކަމަށް ވެސް ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަދީނާއަށް ޒިޔާރަތްކުރާ ހައްޖާޖީން މިހާރު އެ ދަތުރު ނިންމާފައިވާ ކަމަށާއި މިވަގުތު ހުރިހާ ހައްޖާޖީން ވެސް ތިބީ މިނާއަށް ދިޔުމުގެ ދަތުރުގައި ކަމަށެވެ. އަދި ހައްޖު މަހުގެ އަށް ވަނަ ދުވަހާއި ހަމަޔަށް ހައްޖާޖީންނަށް މިނާއަށް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުދީ ސަރުކާރުގެ ހުއްދައާ އެކު ރާއްޖޭގެ އަށް ޖަމާއަތަކުން 1000 މީހުން މިއަހަރު ވަނީ ހައްޖަށް ގެންގޮސްފަ އެވެ. އަދި އޭގެ އިތުރަށް ސައުދީ ރަސްގެފާނު ދެއްވި ދައުވަތަކަށް އިތުރު 20 މީހަކު ހައްޖަށްދާން މާދަމާ ރާއްޖެއިން ފުރާނެ ކަމަށް ވެސް މުހައްމަދު ދީދީ ވިދާޅުވި އެވެ.