22 Oct 2012, 13:20
ޓޫރިޒަމް ދާއިރާގައި ބައިނަލްއަގުވާމީ ފެންވަރެއްގައިދޭ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ލީޑިން އެވޯޑުތަކެއް ރާއްޖެ އަށް ލިބުމަކީ ހަލަބޮލިކަމުގެ ތެރޭގައި ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
ވެލާނާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދީބް ވިދާޅުވީ ބައިނަލްއަގުވާމީ ފެނަރެއްގައިދޭ އަދި ދަތުރުފަތުރުކުރުމުގެ އިންޑަސްޓްރީގައިދޭ "އޮސްކާ" އެވޯޑްގެ ގޮތުގައި މަޝްހޫރުވެފައިވާ އެ އެވޯޑް ރާއްޖެ އަށް ލިބުމަކީ އިންޑިއަން އޯޝަންގައި އޮންނަ އެހެން ގައުމުތަކަށް ރާއްޖެ ވަރުގަދަކަން ފާހަގަވެގެން ދިޔަ ކަމެއް ކަމަށެވެ.
"އިންޑިއަން އޯޝަންގެ މިހާ ބޮޑު ރަން ވަނަތަކެއް ލިބުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިންޑިއާ އޯޝަންގައި އޮތް ޝީޝެލްސް އާއި މޮރަޝަލްސް އާއި މަޑަގަސްކާރަ އާއި މިތަންތަނާ ވާދަކޮށް މިތަންތަނަށް ވުރެ ވަރުގަދަ މަންޒިލެއްގެ ގޮތުގައި [ރާއްޖެ] ފާހަގަކުރެވިގެން ދިޔަކަމެއް" އަދީބް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ އެވޯޑްތަކާ އެކު ފެނިގެންދިޔައީ ޓޫރިޒަމަށް ދިމާވި ބޮޑެތި ގޮންޖެހުންތަކާ އެކު ޓޫރިޒަމް މިނިސްޓްރީން ކުރި ބުރަ މަސައްކަތްތައް ކަމަށެވެ.
ސިންގަޕޫރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ ވަނީ އިންޑިއާ ކަނޑުގެ ލީޑިން ޑެސްޓިނޭޝަން އެވޯޑާއި އިންޑިއާ ކަނޑުގެ ލީޑިން ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑުގެ އިތުރުން އިންޑިއާ ކަނޑުގެ ލީޑިން ކްރޫސް ޑެސްޓިނޭޝަން އެވޯޑް ހޯދައިފަ އެވެ. އަދި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓްގެ އެވޯޑް ވެސް ލިބިފަ އެވެ. އަދި ރާއްޖެ ހޯދާފައިވާ ރަން ވަނަތަކުގެ ތެރޭގައި މޯލްޑިވްސް މާކެޓިން ޕީއާރްސީ (އެމްއެމްޕީއާރުސީ) އަށް ވަނީ އިންޑިއާ ކަނޑުގެ ލީޑިން ޓޫރިސްޓް ބޯޑުގެ އެވޯޑު ލިބިފަ އެވެ.
ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެމުން އަދީބް ވިދާޅުވީ މިއަހަރުގެ ތެރޭގައި އެއް މިލިއަން ޓޫރިސްޓުން ގެނައުމަށް ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބްވާނެ ކަމަށް ގަބޫލްކުރައްވާ ކަމަށާއި އަދި މި އަހަރު ދިމާވެފައިވާ ގޮންޖެހުންތަކާ އެކު އެއް މިލިއަން ޓޫރިސްޓުން ގެނައުކީ ދެ މިލިއަން ޓޫރިސްޓުން ގެނައުން ފަދަ ބުރަ މަސައްކަތްތަކެއް ކަމަށެވެ.
އަދި އަދީބް ވަނީ ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަވައިފަ އެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރޭ މުނާސަބު ކަމަށް ވާތީ އެ މުނާސަބަތު ކުރިއަށް އޮތް އަހަރެއްހާ ދުވަސްވަންދެން ފާހަގަކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމާއި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ޕާސްޕޯޓްގައި ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުނުކަން ދައްކުވައިދޭ އެންޓްރީ ތައްގަނޑެއް ޖެހުމަށް ވަނީ ނިންމައިފަ އެވެ. އަދި ދާރުލް އާސާރުގައި ދިވެހި ތަރިކަ އާއި ސަގާފަތާ ގުޅޭ މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ބޭއްވުމާއި ރާއްޖޭގެ ފަރުތަކުގެ ރީތިކަމާ މެދު މީހުން ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގްރާމްތައްކެއް ވެސް ހިންގާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.