22 Oct 2012, 13:18
ކޮންމެހެން ބޭނުންވާ ބައެއް ބޭސްތައް މާލެ އާއި އަތޮޅުތަކުގައިވެސް ހުސްވެފައިވާ ކަމަށް ބުނެ އެކަން ވީ އެންމެ އަވަހަކަށް ހައްލުކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މިއަދު ކުރިއަށްދިޔަ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ 10 ވަނަ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
އިބްރާހިމް ރަޝީދު ހުށަހެޅުއްވި ގަރާރުގައިވަނީ މާލެ އާއި އަތޮޅު ތަކުގައި ހުރި ސަރުކާރު ހޮސްޕިޓަލް ތަކުގައި ކޮންމެހެން ހުންނަން ޖެހޭނެ ބައެއް ބޭސްތައް ހުސްވެ ކުއްލި ހާލަތުގައި ރައްޔިތުންނަށް ދޭ ފަރުވާ އާއި އާންމު ބަލިތަކަށް ފަރުވާކުރުން ހުއްޓިފައިވާތީ އެ މައްސަލަ ވަގުތުން ހައްލު ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ބޮންޑޭ ވިދާޅުވީ ކޮންމެހެން ހުންނަން ޖެހޭ ބައެއް ބާވަތް ތަކުގެ ބޭސްތައް ހުސްވެފައި ވަނީ ބޭސް އެތެރެ ކުރާ ފަރާތް ތަކާއި އެ ބޭސްތައް ވިއްކާ ފަރާތްތަކުން ގުޅިގެން ކުރަން ޖެހޭ މަސައްކަތް ނުކުރުމުގެ ސަބަބުން ކަމަށެވެ.
"އައިޖީއެމްއެޗަށާއި އަތޮޅުތެރޭގެ ހޮސްޕިޓާތަކަށާއި މަރުކަޒުތަކަށް ސަރުކާރުން ބޭސް ފޯރުކޮށްދޭން ޖެހޭ ހިނދު، ކުޑަކުދިންނަށް ކޮންމެހެން ބޭނުންވާ ބައެއް ބޭސްތައް ވަނީ މުޅިންހެން ހުސްވެފައި. އަދި އެންމެ މުހިއްމު ބޭސް ކަމުގައިވާ ކުއްލި ހާލަތުގައި ފުރާނަ ސަލާމަތްކުރަން ބޭނުންވާ (ލައިފް ސޭވިން ޑްރަގް) ލިބޭނެ ގޮތް ނެތި، އާންމުކޮށް ބޭނުންކުރާ މޯފިން ފަދަ ބޭސްވެސް މިހާރު މާލެ އާއި އަތޮޅު ތެރޭގައި ސަރުކާރުން ހިންގާ ހޮސްޕިޓާތަކުންވެސް ލިބޭނެ ފަދައެއް ނެތް. ކުއްލި ހާލަތުގައި މި ގޮތައް ފަރުވާ ދެވެން ނެތުމުން ބައެއްގެ ފުރާނަ ދަނީ ގެއްލެމުން،" ބޮންޑޭ ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެ އެވެ.
އެ މައްސަލަ ހުށަހަޅުއްވުމުގެ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ އެ ބޭސްތައް ހުސްވެފައި ހުރުމުން ޑޮކްޓަރުން ބޭނުންވާ ވަރަށް ބަލި މީހާއަށް ފަރުވާ ނުދެވޭ ކަމަށާއި މިކަމަކީ ވީ އެންމެ އަވަހަކަށް ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެކަން އަވަހަށް ހައްލުނުކޮށްފިނަމަ އިތުރު މައްސަލަތަކެއް ފެންމަތިވުމަކީ ގާތްކަމެއް ކަމަށެވެ.
"އެ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ނުވަތަ ހިތުގެ ބައްޔެއް ނުވަތަ އެހެނިހެން ބައްޔެއް ކުއްލިއަކަށް ދިމާވާ މައްސަލަތަކުގެ ފަރުވާއެއް ދެވޭނެ ގޮތެއް ނެތް އެ ބޭސް ހުރެގެން ނޫނިޔަކާއެއް، ޑޮކްޓަރަކަށް ނެތް މަގެއް ފަހި ކޮށްދެވޭ ކަށް." ބޮންޑޭ ވިދާޅުވި އެވެ.
މި މައްސަލައިގައި ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ސިއްހީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހަލެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އަތޮޅުތަކުގައި ދިމާވެފައިވާ ބޭހުގެ މައްސަލަ ވިހާވެސް އަވަސް މުއްދަތެއްގައި ހައްލު ކޮށްދެއްވުމަށް ސަރުކާރަށް މެންބަރުން ގޮވާލެއްވިއެވެ.
މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 37 މެމްބަރުންގެ ތެރެއިން 27 މެމްބަރުންގެ ތާއީދާއެކު މަޖިލީހަށް މި ގަރާރު ވަނީ ބަލައިގެންފަ އެވެ.
ހެލްތް މިނިސްޓާ، ޑރ. އަހުމަދު ޖަމްޝީދު އިއްޔެ ވިދާޅުވެފައިވަނީ ބޭސްތައް ހުސްވެގެން ކަންބޮޑުވާ ދަރަޖައަކަށް ނުދާ ކަމަށާއި ބެސް ލިބުމުގައި އުޅޭ ކުދިކުދި ދަތިތައް ހުރި ކަމަށެވެ. ނަމަވެސް ބޭސްތައް އެކީއެކަށް ރާއްޖެއިން ހުސްވާ ދަރަޖައަށް ކަންތައްތައް ގޮސްފައި ނުވާ ކަމަށެވެ.