ބައެއް ވިޔަފާރިތައް އޮޑިޓް ކުރުމުން ވޭތުވެ ތިން މަސް ދުވަހުގެ ތެރޭގައި މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އަށް 8.10 މިލިއަން ރުފިޔާ އިތުރުވި ކަމަށް މީރާގެ ހިސާބުތަކުން ހާމަވެއްޖެ އެވެ.

މީރާ އިން އިއްޔެ އާންމު ކުރި އެ އޮތޯރިޓީގެ، މި އަހަރުގެ ތިން ވަނަ ކުއާޓާ ރިޕޯޓްގައި ބުނެފައި ވަނީ ޖުލައި މަހުން ސެޕްޓެމްބަރު މަހާ ދޭ ތެރޭ މީރާ އިން ވަނީ ފާހަގަ ކުރެވުނު ތަންތަނުގައި 446 އޮޑިޓެއް ކޮށްފަ އެވެ.

އެގޮތުން ވިޔަފާރި ފައިދާ އިން ނަގާ ޓެކްސް، (ބީޕީޓީ)ގެ 200 އޮޑިޓަކުން 853،273ރ. އިތުރަށް ލިބިފައިވެ އެވެ. އަދި ވިތް ހޯލްޑިން ޓެކްސްއާ ގުޅުން ހުރި ދެ އޮޑިޓަކުން 995،355ރ. ލިބިފައިވާ އިރު ޖެނެރަލް ޖީއެސްޓީއާ ގުޅުން ހުރި 234 އޮޑިޓަކުން 2.5 މިލިއަން ރުފިޔާ އިތުރަށް ލިބުނެވެ. އެއީ 4.3 މިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ 10 އޮޑިޓަކުން 299،798 ޑޮލަރު (4.6 މިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ.

ހަތަރުސްތޭކައަށް ވުރެ ގިނަ އޮޑިޓް ހިންގި އިރު ޖުމްލަ އާމްދަނީއަށް އޮޑިޓްތަކުން އިތުރުވެފައި ވަނީ 8.10 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ ތިން މަސް ދުވަހުގެ ތެރޭ ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުދައްކައި ހުރި 9.1 މިލިއަން ރުފިޔާ މީރާ މެދުވެރިކޮށް ދައުލަތުގެ އާމްދަނީ އަށް ވަދެފައިވާ ކަމަށް ރިޕޯޓުން ހާމަވެ އެވެ.

ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ވެސް ފައިސާ ނުދެއްކި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން މީރާ އިން ވަނީ އެ މައްސަލަތައް ކޯޓަށް ވައްދައިފަ އެވެ. އެއީ ޓޫރިޒަމް ޓެކްސް ނުދެއްކި ދެ ފަރާތަކާއި ބިމު ކުލި ނުދެއްކި ދެ ފަރާތެކެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ވެސް އޮޑިޓްކޮށްގެން އިތުރު 17 މިލިއަން ރުފިޔާ މީރާ އަށް މެދުވެރިކޮށް ދައުލަތަށް ލިބުނެވެ. މިއަހަރުގެ މިހާތަނަށް މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ 5.7 ބިލިއަން ރުފިޔާ ލިބިފަ އެވެ.