ގިނަ ދުވަސްތަކެއް ވަންދެން ފިޝަރީޒު މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ ގ. ޝެރެނޭޑް، ހަސަން ރަޝީދަށް ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ދެެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ، ހުސްވެފައިވާ، ފެލިވަރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަގާމް ހަސަން ރަޝީދަށް ދެެވުމާ ގުޅިގެން އޭނާ މިހާރު މަގާމާ ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އޭނާ މިއަދު އޮފީހަށް ނުކުންނަވާފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ފެލިވަރު މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ އަހުމަދު އެ މަގާމުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އޭސީސީން ތަހްގީގު ކުރުމަށް ފަހު ޕީޖީއަށް ފޮނުވުމާ ގުޅިގެންނެވެ.

މިހާރު ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހަސަން ރަޝީދު ވަނީ ފިޝަރީޒް މިނިސްޓްރީގެ އެކްޒެކްޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވުމަށް ފަހު 2009 ވަނަ އަހަރު އެ މަގާމުން ވަކިވެވަޑައިގެންފަ އެވެ. އަދި ޑީއާރުޕީގެ ސެކްރެޓަރީ ޖެނަރަލްކަން ވެސް ކުރައްވާފައިވާ ހަސަން، ވަނީ ފިޝަރީޒް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

ހިޔާނާތުގެ ތުހުމަތެއްގައި ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޗެއާމަން މުހައްމަދު އިމްތިޔާޒު ވެސް ވަނީ ސަރުކާރުން ވަކިކުރައްވައިފަ އެވެ. އެ މަގާމަށް އަދި ބޭފުޅަކު ހަމަޖައްސަވައިފައެއް ނުވެ އެވެ.