ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާއާ އެކު ކުރީގެ ފިލްމީ ތަރި ގިޔާސް (ދާސް) އާއި މަޝްހޫރު މިރްފަތު ހަނީފް (ހަނީ) އަދި އިތުރު ހަތަރު އަންހެނަކު ހައްޔަރުކޮށްފި އެވެ.

ދެ ފިރިހެނުންނާއި ހަތަރު އަންހެނަކު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވާކަން ފުލުހުން ރޭ ވަނީ ހާމަކޮށްފަ އެވެ. އަދި އެ އެންމެން ވެސް އަތުލައި ގަތީ ގ. ކަމަދޫގެ ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ 10:00 ޖަހާއެހާކަންހާއިރު ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި ހިމެނޭ ދެ ފިރިހެނުންނަކީ މަޝްހޫރު ފިލްމީ ތަރި މ. މާހަލު ހުޅަނގުބައި، އިބްރާހިމް ގިޔާސް (ދާސް) އާއި މަޝްހޫރު، މިރުފަތު ހަނީފް (ހަނީ)، މާލޭ ދަފްތަރެވެ. ދެން ހައްޔަރު ކުރި މީހުންގެ މައުލޫމާތު ސާފުވާގޮތެއްނުވި އެވެ.

ހައްޔަރު ކުރި މީހުންގެ މައުލޫމާތު މިހާތަނަށް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ. އަދި ހައްޔަރުކުރި މީހުންނާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރިއަށް ދާތީ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އުމުރުން 31 އަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ޢުމުރުން 21 އަހަރުގެ އަންހެނަކާއި 31 އަހަރުގެ އަންހެނަކާއި 23 އަހަރުގެ އަންހެނެއްގެ އިތުރުން 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް ކްރިމިނަލް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ހައްޔަރު ކުރި ހަތަރު އަންހެނުންގެ ބަންދުގެ މުއްދަތަށް ތިން ދުވަސް ވަނީ ޖަހައިދީފަ އެވެ.

ފުލުހުން ބުނީ ގ. ކަމަދޫގޭގެ އަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޮސް އެގެ ޗެކްކުރީ އެގޭގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ. އަދި އެގެ ބަލައި ފާސްކުރި އިރު އެގޭގެ ގްރައުންޑް ފްލޯގައި ހުރި ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒްގެ ހަ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 15 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި ވަޅިއަކާއި ރަބަރު ޕެކެޓް ބޮނޑިއެއް ފެނިފައިވާ ކަމަށެވެ. އަދި އެގޭގެތެރެއިން 71470ރ. އާއި 50 ޑޮލަރު ފެނިފައި ވެ އެވެ.