ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސެއިޑާޑް އަތުން 1- 0 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން، ލީގުގެ ކުރީގައި އޮތް ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އެތްލެޓިކޯ މެޑްރިޑަށް ކާމިޔާބު ކޮށްދިނީ ކޮލަމްބިއާގެ ފޯވާޑް ރަޑަމެލް ފަލްކާއޯ އެވެ. މިއީ ލީގުގައި ފަލްކާއޯ ޖެހި ނުވަނަ ލަނޑެވެ. އެހެން ކަމުން ލީގުގެ ލަނޑު ލިސްޓްގައި ފަލްކާއޯ އުޅެނީ ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާ ލަނޑުގެ ގޮތުން ވެސް ހަމަހަމަ ވެފަ އެވެ.

ލީގުގައި މިހާތަނަށް ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ބާސެލޯނާގެ ހުނަރުވެރި ފޯވާޑް މެސީ އެވެ. އެއީ ޖުމްލަ 11 ލަނޑު ޖަހިގެންނެވެ.

ރޭގެ މޮޅާއެކު ލީގް ތާވަލްގައި އެތްލެޓިކޯ މެޑްރިޑް އޮތީ 22 ޕޮއިންޓާއެކު އެވެ. އެހެން ކަމުން ބާސާ އާއި އެތްލެޓިކޯ މެޑްރިޑް ވަނީ ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފަ އެވެ. އެކަމަކު ދެޓީމުން ވެސް ލީގުގައި މިހާތަނަށް ޖުމްލަ އަށް މެޗް ކުޅެ ޖަހާފައިވާ ލަނޑުތަކަށް ބަލާއިރު، ކުރި ލިބެނީ ބާސާ އަށެވެ.

މިހާތަނަށް ޖުމްލަ އަށް މެޗް ކުޅެގެން ލީގުގެ ތިން ވަނައިގައި 17 ޕޮއިންޓާ އެކު މަލާގާ އޮތްއިރު ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ 14 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ. އަދި ލީގުގެ އެންމެ ފުލުގައި އޮތީ އޮސަސޫނާ އެވެ. އެއީ ޖުމްލަ ފަސް ޕޮއިންޓާއެކު އެވެ.