22 Oct 2012, 10:52
ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރޭގައި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާ އަކަކުވެސް ނުހުންނާނެ ކަމަށް ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުޙައްމަދު ފަހުމީ ހަސަން ވިދާޅުވެއްޖެ އެވެ.
ސީއެސްސީއަށް ޒަމާނީ އާ ގޮތްތައް ތައާރަފް ކުރުމުގެ އެވޯޑް ދިނުމަށް އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަ ތަކަކީ ޖިނާއީ މައްސަލަތަކެއް ކަމަށާއި އެފަދަ މައްސަލަތަކުގައި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އެ މީހެއްގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ.
"ސިވިލްސާވިސް މުވައްޒަފުންގެ ތެރޭގައި ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ އެކަކު ވެސް ނުހުންނާނެ. މި ބާވަތުގެ ކަންތައްތަކަކީ ޖިނާއީ މައްސަލަތަކަކަށް ވާތީ އެއްވެސް ހާލެއްގައި މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް ބިނާކޮށް އެ މީހެއްގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ވާހަކަ ދެކެވިގެން ނުވާނެ،" ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކި ފަރާތްތަކުން ސިވިލްސާވިސް މުވަޒަފުންނާއި ބެހޭގޮތުން ސާބިތު ނުހިފޭ ތަފާތު އެކި ވާހަކަތައް ދައްކާ ކަމަށާއި އެފަދަ ވާހަކަތައް ދެއްކި ކަމުގައި ވީ ނަމަވެސް އެ މުވަޒަފަކާއި ދޭތެރޭ އެއް ވެސް ފިޔަވަޅެއް އެޅެން އަންނަނީ އެ ތުހުމަތުތައް ސާބިތުކުރެވިގެން ކަމަށެވެ.
އަދި ސިޔާސީ ބޭފުޅުންވެސް ވާހަކަ ދައްކަން ވާނީ ކަމުގެ ހަގީގަތް ބެލުމަށް ފަހުގައި ކަމަށާއި ސިޔާސީ ފަރާތް ތަކުން ވެސް މީހުންގެ އަބުރު ގެއްލޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. އަދި މީޑިއާ ތަކުންވެސް މީހުންގެ އަބުރު ގެއްލޭގޮތަށް ހަބަރު ފަތުރައިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ފަހުމީ ވިދާޅުވީ ސިވިލް ސާވިސްގެ މުވަޒަފުންނަކީ އޭރަކު އޮންނަ ސަރުކާރަކާއި ގުޅިގެން ރައްޔިތުންނަށް ހިދުމަތް ދޭން ޖެހޭ ފަރާތްތަކެއް ކަމަށް ވާއިރު ސިވިލް ސާވަންޓުން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގެ އިސްސަފުގައި އެކްޓިވިސްޓެއްގެ ގޮތުގައި ފެނުމަކީ މައްސަލައެއް ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި ސިވިލްސާވެންޓުންނަށް ބައިވެރި ނުވެވޭގޮތް ހެދުމަށް ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ފަހުމީ ރައްޔިތުންގެ މަޖިލީހަށް ގޮވާލެއްވި އެވެ.
"އަޅުގަނޑުގެ އެދުމަކީ ރައްޔިތުން މަޖިލީހުގެ ތެރެއިން މިކަން ވީހާ ވެސް އަވަހަކަށް ހަމަޖެހިގެން ދިއުން. އެއީ މުޅި ސިވިލް ސާވިސްގެ މުޅި ބޭސިސް ފުނޑާލެވޭ ކަމެއް ސިވިސް ސާވިސްގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި އުޅުމަކީ،" ފަހުމީ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން އުނިކުރި ސިވިލްސާވިސްގެ މުވަޒަފުންގެ މުސާރަ މިހާރު ދެމުން އަންނަކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ އެ ފައިސާ ދީ ނިމުނުން ވަޒީފާގެ ކުރިއެރުމާއި އެހެނިހެން ކަނަކަން ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މުވަޒަފުންނަށް ކުރިއެރުން ދިނުމަށް އެ މުވަޒަފުން އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސިވިލް ސާވިސް އަށް ތައާރަފް ކުރެވުނު ޒަމާނީ އާ ގޮތްތަކާ އެކު ސިވިލް ސާވިސްގެ ހިންގުން ހަރުދަނާވެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.