މިދިޔަ ތިން މަސް ދުވަހު ދައުލަތުގެ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް އެ އޮތޯރިޓީން ލަފާކުރި އާމްދަނީ އަށް ވުރެ 17.1 ޕަސެންޓަށް އިތުރަށް އާމްދަނީ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

މީރާ އިން އާންމުކޮށްފައިވާ ތިން ވަނަ ކުއާޓާ، ޖުލައިން ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު މީރާ އަށް ވޭތުވެ ދިޔަ ތިން މަހު ލިބިފައިވާ ޖުމްލަ އާމްދަނީއަކީ 2.2 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މީރާ އިން ލަފާކޮށްފައި ވަނީ 1.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

މީރާ އިން ބުނީ ލަފާކުރި އާމްދަނީއަށް ވުރެ ލިބުނު އާމްދަނީ މައްޗަށް ދިޔައީ ވިޔަފާރި ފައިދާ ޓެކްސް އާއި އެއާޕޯޓް ސާވިސް ޗާޖްގެ އާމްދަނީ އަދި ރޯޔަލްޓީ ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ.

އެގޮތުން މިދިޔަ ތިން މަހުގެ އާމްދަނީ އަށް ލިބުނު 2.2 ބިލިއަން ރުފިޔާގެ 36.9 ޕަސެންޓް އަކީ ވިޔަފާރި ފައިދާގެ ޓެކްސް އިން ލިބުނު އާމްދަނީ އެވެ. އަދި ޖީއެސްޓީގެ އާމްދަނީ އަކީ 24.4 ޕަސެންޓެވެ. ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމު ކުލީގެ އާމްދަނީ 13.7 ޕަސެންޓް ހިއްސާ ކުރާއިރު ބޭންކް ޕްރޮފިޓް ޓެކްސް އިން 8.2 ޕަސެންޓް އާމްދަނީ އަށް ހިއްސާ ކުރި އެވެ. އަދި ޓޫރިޒަމް ޓެކްސްއަކީ 7.9 ޕަސެންޓެވެ. އަދި އެހެނިހެން ޓެކްސްތަކުގެ ގޮތުގައި 8.9 ޕަސެންޓް ހިއްސާ ކުރި އެވެ.

އަލަށް ތައާރަފްކުރި ޖީއެސްޓީ އާއި އެހެނިހެން ވެސް ޓެކްސްތަކާ އެކު މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާއާ އަޅާބަލާ އިރު އާމްދަނީ ވަނީ 81.7 ޕަސެންޓަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ލިބިފައި ވަނީ 1.2 ބިލިއަން ރުފިޔާ އެވެ.

މިދިޔަ ތިން މަސްދުވަހު ލިބުނު އާމްދަނީގެ 46.5 ޕަސެންޓް ލިބުނީ ޑޮލަރުގެ ގޮތުގަ އެވެ. އެއީ 67.5 މިލިއަން ޑޮލަރެވެ. ޑޮލަރުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގަ އެވެ. އެބައިން 262.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއަހަރުގެ ނުވަ މަސް ދުވަސް ފާއިތުވީ އިރު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 5.7 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މިއީ މީރާ އިން ލަފާކުރި އަދަދަށް ވުރެ 0.7 ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ނުވަ މަސް ދުވަހާއި އަޅާ ބަލާއިރު މީރާއަށް ލިބުނު އާމްދަނީ ވަނީ 67.3 ޕަސެންޓް އިތުރުވެފަ އެވެ.