މި އަހަރުގެ ޖުލައި މަހުން ފެށިގެން އެއްވެސް ވިޔަފާރިއެއް ނުކުރާ ކުންފުނިތަކާއި ޕާޓްނާޝިޕްތަކުގެ ތެރެއިން އުވާލުމުގެ މަސައްކަތް ފެށުމަށް މީރާ އަށް އަންގަން ދީފައިވާ މުއްދަތު 15 ނޮވެމްބަރު 2012ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މީރާ އިން މިއަދު ބުނީ މުއްދަތު އިތުރުކޮށްދީފައި ވަނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ޕޭޕަ ކުންފުނި ނުވަތަ އެއްވެސް ވިޔަފާރިއެއް ނުހިންގާ ގިނަ އަދަދެއްގެ ކުންފުނިތަކާއި ޕާޓްނާޝިޕްތަކުން އެފަދަ ތަންތަން އުވާލުމަށް މިހާރު ވެސް މަސައްކަތްކުރަމުންދާތީ ކަމަށާއި އަދި އެފަދަ ވަރަށް ގިނަ ކުންފުނިތަކާއި ޕާޓްނާޝިޕްތަކުން މުއްދަތު އިތުރުކޮށްދިނުމަށް ވެސް މީރާގައި އެދެމުންދާތީ ކަމަށެވެ.

އަދި ބުނީ އެގޮތަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށާއި އަދި އެ ކުންފުނިތަކާއި ޕާޓްނާޝިޕްތައް ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) ބަޔާން ހުށަހެޅުމުން އިސްތިސްނާވާނެ ކަމަށެވެ.

މީރާގެ ޓެކުސް ރޫލިންގައި ބުނެފައި ވަނީ ވިޔަފާރިނުކުރާ ކުންފުނިތައް އުވާލުމަށް ނިންމާފައި ވަނީ ބީޕީޓީގެ ގާނޫނުގެ ދަށުން ކުންފުނިތަކުގެ ޒިންމާބޮޑުވުމާއި އެ ގާނޫނުގެ ދަށުން ކުންފުނިތަކުން މީރާ އަށް ހުށައަޅަން ޖެހޭ ލިޔެކިޔުންތައް އޮޑީޓް ކުރެވިފައި ހުންނަން ޖެހޭ އިރު ވިޔަފާރި ނުކުރާ ކުންނިތަކުން ވެސް ބޮޑު ހަރަދުތަކެއް ކުރަންޖެހޭތީ ކަމަށެވެ.