ބައިރޫތު (އޮކްޓޯބަރ 22): އަވަހާރަކޮށްލާފައިވާ ލުބްނާނުގެ އިންޓާނަލް ސެކިއުރިޓީއާ ބެހޭ އިދާރާގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ވިސާމް އަލްޙަސަންގެ ޖަނާޒާ އިއްޔެ ބޭއްވުމާ އެކު ވެރިރަށް ބައިރޫތުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.

ހަމަނުޖެހުންތައް ހިނގީ މި ޖަނާޒާގައި ބައިވެރިވި ލުބްނާނުގެ ސަރުކާރާ އިދިކޮޅު އެކްޓިވިސްޓުން ޖަނާޒާއަށް ފަހު ބައިރޫތުގައި ހުންނަ ސަރުކާރުގެ ޢިމާރާތްތަކަށް ޙަމަލާދީ ބޮޑުވަޒީރު އޮފީހަށް ވަދެގަތުމަށް މަސައްކަތްކުރުމުންނެވެ. ބޮޑުވަޒީރާއި އޭނާގެ ސަރުކާރުގެ އިސްތިއުފާ އަށް ގޮވާލައި ކުރި މިމުޒާހަރާގައި ލުބްނާނުގެ ސަލާމަތީ ބާރުތަކާއި މުޒާހަރާކުރި މީހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް އަލްޖަޒީރާ ޚަބަރު ދެ އެވެ.

ލުބްނާނުގެ އިންޓާނަލް ސެކިއުރިޓީއާ ބެހޭ އިދާރާގެ ޖާސޫސީ ޔުނިޓްގެ ވެރިޔާ ބްރިގޭޑިޔާ ވިސާމް އަލް ޙަސަން އަވާރަކޮށްލާފައި ވަނީ ބައިރޫތުގެ އަލްއަޝްރަފިއްޔާގައި މިދިޔަ ހުކުރު ދުވަހު ކާރުބޮމެއް ގޮއްވާލައިގެންނެވެ. މިޙަމަލާގެ ފަހަތުގައިވާ ކަމަށް ލުބްނާނުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުގެ އިނގިލި ދިއްކުރަނީ ސޫރިޔާއަށެވެ. އަދި ލުބްނާނުގެ ސަރުކާރަކީ ސޫރިޔާގެ ނުފޫޒުގެ ދަށުގައިވާ ސަރުކާރެއްކަމަށް ތުހުމަތުކޮށް މީޤާތީގެ ސަރުކާރަށް ލުބްނާނުގެ ސަލާމަތީ ކަންކަން ނުބެލެހެއްޓޭ ކަމަށްބުނެ އިދިކޮޅު ލީޑަރުން ވަނީ މީޤާތީގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ.

ވިސާމް އަލް ޙަސަން އަވަހާރަކޮށްލީ ލުބްނާނުގައި ޒާމާނުއްސުރެ ހިނގަމުންދާ ސިޔާސީ ލީޑަރުން އަވަހާރަކޮށްލުމުގެ ޙާދިސާތައް ތަޙްޤީޤްކުރުމުގައި އެންމެ އިސްކޮށް އުޅުއްވަނީ އޭނާ ކަމަށް ވާތީ އާއި މިފަދަ ޙަމަލާތަކާ ބެހޭ ޖާސޫސީ މަޢްލޫމާތު ހުންނާނީ އޭނާގެ ކިބާގައި ކަމަށްވާތީ ކަމަށް ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ސަޢްދުލްޙަރީރީއާއި ކުރީގެ އެހެން ބޮޑުވަޒީރެއް ކަމަށްވާ ފުއާދް ސެނިޔޯރާ ވިދާޅުވި އެވެ. މި ދެ ބޭފުޅުންނަކީ ވެސް ސޫރިޔާއާ އިދިކޮޅު ދެ ބޭފުޅުންނެވެ. ވިސާމް އަލް ޙަސަންގެ ޖަނާޒާ އަށް ފަހު ހިނގި ކުރިމަތިލުންތައް ނިމުމަކަށް އައީ އިދިކޮޅު ބައެއްލީޑަރުން، މުޒާހަރާކުރި ފަރާތްތަކަށް ނަސީހަތްތެރިވެ ސަރުކާރުގެ މުއައްސަސާތަކަށް ޙަމަލާ ނުދިނުމަށާއި ބޮޑުވަޒީރުގެ އޮފީސް ހުރި ސަރަޙައްދުން ދިޔުމަށް އެދިވަޑައިގަތުމުން ކަމަށް ޚަބަރު ލިބެ އެވެ.

ލުބްނާނަކީ 1975 ން 1990 އަށް ލޭއޮހޮރުވުންބޮޑު އަހްލީ ހަނގުރާމައެއް ހިނގާފައިވާ ޤައުމަކަށްވާތީ އާއި ދީނީ އަދި މަޒްހަބީ ތަފާތުތައް ވަރަށް ބޮޑު ޤައުމަކަށްވާތީ އެޤައުމުގެ އެތެރޭގެ ފިތްނަތައް އަދިވެސް ވަރަށްބޮޑެވެ. އަދި ލުބްނާނުގައި ހިންގަމުންގެންދާ އިސްވެރިން އަވަހާރަކޮށްލުމުގެ ސިލްސިލާ ޙަމަލާތަކުގެ ސަބަބުން ދާޚިލީ ފިތްނަތައް ދަނީ އަލުން އިތުރުވަމުންނެވެ. (އަލްޖަޒީރާ)