ތާއިފް (އޮކްޓޯބަރ 22): ސަޢޫދީ އަރަބިޔާގެ މުއްސަނދި މަހުޖަނަކު ޚާދިމާ އެއްގެ ގޮތުގައި ގެންގުޅުނު އިންޑޮނީޝިޔާ އަންހެނަކަށް އޭނާގެ މުދަލުގެ ތެރެއިން 20 މިލިޔަން ސަޢޫދީ ރިޔާލް ވާރުތައިން ލިބިއްޖެ އެވެ.

ސައޫދީ ނޫހެއްކަމަށް "އައްރިޔާޟް" ބުނި ގޮތުގައި ސަޢޫދީ މި މަހުޖަނު ގެންގުޅުނު އިންޑޮނީޝިޔާ އަންހެންމީހާ އަށް އޭނާގެ ތަރިކަ މުދަލުގެ ބައެއް ވާރުތައިން ލިބޭގޮތްވީ އޭނާގެ އުމުރުގެ ފަހުކޮޅު މިއަންހެން މީހާއާ ކައިވެނި ކޮށްފައިވުމުގެ ސަބަބުންނެވެ. ގޭގައި ގެންގުޅެން ގެނައި ޚާދިމާ ފަހުން އެ މަހުޖަނު އާ ކައިވެނިކުރީ އޭނާ މުސްކުޅި ބަލީގައި ޖެހުމުން އޭނާ ބެލުމަށް ކަމަށްވެ އެވެ. ނަމަވެސް މާގިނަ ދުވަސްތަކެއްނުވެ މުސްކުޅި ބަލީގައި ސަޢޫދީ މަހުޖަނު މަރުވީ ކަމަށް "އައްރިޔާޟް" ނޫސް ބުނެ އެވެ.

ސައޫދީ މަހުޖަނު މަރުވުމަށް ފަހު ސަޢޫދީ އަރަބިޔާގެ ތާއިފްގެ ކޯޓަކުން އެމީހާގެ ތަރިކަ ބެހުމާގުޅިގެން ތަރިކައިން ލިބުނު ފައިސާ ނެގުމަށް ޓަކައި އެހެން ވާރުތަވެރިންނާ އެކު އިންޑޮނީޝިޔާގެ އަންހެންމީހާ ވެސް ސަޢޫދީ މަނިޓަރީ އެޖެންސީއަށް ދިޔަކަމަށްވެ އެވެ. ނަމަވެސް އެހެން ވާރުތަވެރިން އެމީހުންނަށް ލިބުނު ފައިސާ ބޭންކް އެކައުންޓަށް ޖަމާކުރި އިރު މިއަންހެންމީހާ ބޭނުންވީ 20 މިލިޔަން ރިޔާލް ނަގުދު ފައިސާގެ ގޮތުގައި ނެގުމަށެވެ. ވިހި މިލިޔަން ރިޔާލް ނަގުދުގެ ގޮތުގައި ނެގުމަށްފަހު ވެސް އެކައުންޓަކަށް އެފައިސާ ޖަމާކުރުމަށް އަންހެންމީހާ ދެކޮޅު ހަދާފައިވާ ކަމަށް "އައްރިޔާޟް" ނޫސް ބުނެ އެވެ.

ސައޫދީ މަހުޖަނުގެ ތަރިކަ މުދަލުގެ ތެރޭގައި ކުއްޔަށްދޭ 20 ޢިމާރާތް ވެސް ހިމެނޭ ކަމަށް ވެ އެވެ. (އަލްޖަޒީރާ)