އެކި ބާވަތްބާވަތުގެ ތަކެތި ބޭނުންކޮށްގެން މަސްތުވުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެއީ ޒުވާނުންގެ އާބާދީގެ ތެރޭގައި އޮތް އެންމެ ބޮޑު ޖަރީމާ އެވެ. އެއް ބަޔެއްގެ ނަޒަރުގައި އެއީ ނަފުސާނީ ބައްޔެކެވެ. އަނެއް ބަޔެއްގެ ނަޒަރުގައި އިޖްތިމާއީ މައްސަލަތަކުގެ ނަތީޖާ އެވެ. ކޮންމެ ގޮތަކަށް ބުރަވިޔަސް މުޖުތަމައުގެ ޖަރީމާތުގެ ހިޔަނީގައި ވަނީ މަސްތުވުމެވެ. ބަލައި ލުމެއް ނެތި މީހުންގެ ކަރަށާއި މެޔަށް ހައްޖަރު ޖަހަނީ މަސްތުވެ، އިންސާނީ ކަރާމާތުގެ އިމުން ބޭރުވެ ތިބެ އެވެ. މާރާމާރީ އާއި މީހުން މެރުމާއި ފޭރުން ފަދަ އެތައް ޖަރީމާއެއްގެ އަސްލަކީ ފަނާކުރަނިވި ޑްރަގެވެ. އެކަމާ ސީރިއަސްނުވެ ތިއްބާ ޑްރަގްގެ މަސްތުން ކުރި ފަޅަނީ އެ އަށް ވުރެ ފަނާކުރަނިވި ނުރައްކާ މައްސަލަ އެކެވެ.

މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރުމަށް މަސައްކަތްކުރާ ގައުމީ އިދާރާ، ނޭޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ) އިން ހާމަކޮށްފައިވާ ވާހަކަތަކުން ބިރުން ފިއްކަނޑައިގެން ދާނެ އެވެ. އޭގެ ފުންމިން ވެސް އެ އެޖެންސީއަށް ވެސް އަދި ހޯދިފައެއްނުވެ އެވެ.

ސިރިންޖް ބޭނުންކޮށްގެން ސީދާ ހަށިގަނޑުގެ ނާރުތަކަށް މަސްތުވާ ބާރުގަދަ ޑްރަކް ފޮނުވާލައިގެން މަސްތުވުން ނޫނީ މަސްތުވާތަކެތި އިންޖެކްޓް ކުރާ ވާހަކަ ކޮންމެވެސް ވަރަކަށް އަޑުއަހާނެ އެވެ. އެއީ މަސްތުވުމުގެ އެންމެ މަތީ ދަރަޖަ އެވެ. ސީދާ ލެއަށް މަސްތުގެ ބާވަތްތައް ފޮނުވާލައިގެން އެންމެ މަތީ އަރާމު ހާސިލް ކުރެވޭ ކަމަށް ހީވާ އިރު އެއީ ނުރައްކާ ބޮޑު މައްސަލަ އެކެވެ. އެ ޖަހާ ސިރިންޖް ކަށީގެ އެއް ކޮޅުން ލިއްބައިދޭ އަރާމަކީ ދިރިހުއްޓާ ނަފްސް ފަނާކޮށްލުމުގެ ހަދިޔާ އެވެ.

ސިރިންޖް ބޭނުންކޮށްގެން މަސްތުވާ މީހުން އެމީހުންނަށް އެވަގުތަކު ލިބިފައިވާ "އެތިކޮޅު" ގްރޫޕްގެ އެންމެންގެ މެދުގައި ހިއްސާކުރެ އެވެ. އެކަމަށް އެކަކު ގަޔަށް ޖަހާފައިވާ ކަށި ހަމަ އެހާމެ އަވަހަށް އަނެކަކުގެ ގަޔަށް ޖަހަ އެވެ. އެ ވަގުތު ތެރޭގައި އެޗްއައިވީ، އެއިޑްސްގެ ފަނާކުރަނިވި ވައިރަސް ތިމާގެ ހަށިގަނޑަށް ވާސިލްވުމަކީ ނުވެދާނެ ކަމެއް ކަމަށް ގަބޫލުކުރެވެން ވެސް ނެތެވެ.

ރާއްޖެއަކީ އެއިޑްސް ޖެހިފައިވާކަން އެނގޭ މީހުން ނިސްބަތް ވަރަށް މަދު ގައުމެކެވެ. ނަމަވެސް ބިދޭސީންގެ އާބާދީ ވަނީ ފުނިޖެހިފަ އެވެ. ރާއްޖޭގައި ހިނގާ މިފަދަ ހުރިހާ ކަމެއްގައި ދިވެހިންނާ އެއްވަރަކަށް ނޫނީ ބައެއް ފަހަރު އެއަށް ވުރެވެސް ގިނައިން އެ މީހުން ބައިވެރިވެ އެވެ. އެހެންކަމުން ނާރުތަކުގެ ތެރެ އަށް މަސްތުވާތަކެތި ފޮނުވާލުމަށް ބޭނުންކުރާ ކަށީގެ ޒަރީއާ އިން ރާއްޖޭގައި އެއިޑްސް ބާރަށް ފެތުރުމުގެ ބިރާއި ސިހުން ވަނީ އެކުވެފަ އެވެ. ހަފަރާތުން ވެސް އޮތީ މިއަދު އެބިރުވެކަމާއި ހިތް ނުތަނަސްކަމެވެ.

"ރާއްޖޭގައި އަޅުގަނޑު އަބަދުވެސް އެންމެ ކަންބޮޑުވާ ކަމަކީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ބޮޑު އާބާދީއެއް އޮވެފައި، އެ އާބާދީގެ ތެރެއަށް އެޗްއައިވީ ޖަރާސީމު ވަދެއްޖެއްޖެއްޔާ ދެން މީ ވަރަށް ބާރަށް ފެތުރި ގަންނާނެކަން، ހާއްސަކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އާބާދީގެ ތެރޭގައި އައިވީ ޑްރަގް ނަގާމީހުން އުޅޭކަމަށް ވެއްޖެއްޔާ، އެ އާބާދީގެ ތެރެއަށް، އައިވީ ޑްރަގް ނަގާ ސާކަލްއަށް، ކޮމިއުނިޓީ އަށް އެޗްއައިވީ ވައިރަސް ވަދެއްޖެއްޔާ، ދެން ހަމަ ހުއިގަނޑެއްގައި ރޯކޮށްލީމާ އަލިފާންގަނޑު ފެތުރޭހެން ފެތުރިގަންނާނެ،" ހެލްތު މިނިސްޓަރު ޑރ. ޖަމްޝީދު ހާލަތް ސިފަކުރެއްވީ އެހެންނެވެ.

މިނިސްޓަރު ވިދާޅުވަނީ އެއީ އަބަދުވެސް އެންމެ ބޮޑަށް ބިރުހީވެފައިވާ ކަންތައް ކަމަށާއި އެކަން މިހާރު ވަނީ ހަމަ ގާތްގަނޑަކަށް ހަގީގަތެއްގެ ސިފައިގައި ކަމަށެވެ. އެއީ އައިވީ ޑްރަގްނަގާ ނޫނީ ސިރިންޖް ބޭނުންކޮށްގެން ޑްރަގް ނަގާ މީހަކު އެޗްއައިވީއަށް ޕޮޒިޓިވް ވުމެވެ.

"އެކަން އަޅުގަނޑަކަށް ހިއެއް ނުވޭ ދެން މިހާރު މާދުރުގަ އޮތް ހެނެއް، އަޅުގަނޑުމެން ރާއްޖޭގައި އައިވީ ޑްރަގް ނަގާ މީހެއްގެ ފަރާތުން އެޗްއައިވީ ފެނިއްޖެ މިހާރު، އެހެންވީމާ އެއީ އަޅުގަނޑުމެން މިއޮތް ހާ ދުވަހު ކަންބޮޑުވެ ބިރުގަންނަމުން ދިޔަކަން މިހާރު ދެން އެއޮތީ އެ ހިސާބަށް، ހަމަ ލޮލަށް ފެންނަ ހިސާބަށް އައިސްފައި،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ އެމީހުންގެ ފަރާތުން އެހެން މީހުންނަށް ފެތުރި، އެބަލި ރާއްޖޭގައި މިހާރު އޮންނާނީ ކިހާ ވަރަކަށް ފެތުރިފައިތޯ އުފެދޭ ސުވާލެވެ. ޑރ. ޖަމްޝީދު ވެސް އުފައްދަވަނީ އެ ސުވާލެވެ. އޭނާ ވިދާޅުވަނީ އައިވީ ޑްރަގް ނަގާ މީހުންގެ މެދުގައި އެބަލި ފެތުރުމުގެ މާނައަކީ އެ ނޫން މީހުން އެކަމުން ސަލާމަތް ވުން ނޫން ކަމަށެވެ.

"މީގައި އަޅުގަނޑުމެން ހަނދާން ބަހައްޓަން ޖެހޭ އެއް ކަމަކީ، އައިވީ ޑްރަގް ނަގާ މީހުންގެ ތެރޭގައި ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި ބަލި އުޅުމުގެ މާނައަކީ އެހެން އެންމެން އެކަމުން ރައްކާތެރި ވިއްޔެކޭ ނޫން، އެއީ އެމީހުންގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގިގެން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އަޅުގަނޑުމެންނަށް ނޭނގި ބޭނުންކުރާ މީހުން ވެސް އުޅޭ، އަދި އެމީހުންގެ އަނބިންނާއި ފިރިންނާއި އެއީ ހަމަ އަޅުގަނޑުމެން ކަހަލަ ހަމަ ވަޒީފާ އަދާކުރާ، ގައުމަށް ހިދުމަތްކުރާ އާއްމު ރައްޔިތުން،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ.

ޑރ. ޖަމްޝީދު އެ ވިދާޅުވި ވާހަކަފުޅުތަކަކުގެ ހަގީގަތް ވަނީ ޔޫއެންޑީޕީގެ އެހީގައި ރާއްޖޭގައި ދާދި ފަހުން ކުރި ދިރާސާއިން ހާމަވެފަ އެވެ. އެ ދިރާސާއަށް ފަހު އެންޑީއޭ ބޯޑުގެ ޗެއާމަން އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހަންމަދު ޒާހިރު ހުސައިން ވެސް ވަނީ އެވާހަކަފުޅު ދައްކަވާފަ އެވެ. އެ ބިރުވެރިކަން އެހެން އޮތްކަމާ މެދު ދެން އުފެދޭނެ އިތުރު ސުވާލެއް މިހާރަކު ނެތެވެ.

ދެން އޮތީ އެކަމުން ރާއްޖެ ސަލާމަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކައިގެން ކުރިއަށް ދިއުމެވެ.
މަސްތުވާތަކެތި ބޭނުން ކުރުމުގެ ތެރެއިން ރާއްޖެ އަށް މިފަދަ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވާއިރު އެނުބައި އާދަ ހުއްޓުވަން މަސައްކަތް އެންޑިއޭއިން އަންނަނީ ބާރު ސްޕީޓްގައި ކުރަމުން ކަމަށް ލުބްނާ ވިދާޅުވެ އެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހެބިލިޓޭޓްކުރުމަށް ބޭނުންވާ ގިނަ ސެންޓަރުތައް ގާއިމްކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ. ރިހެބިލިޓޭޝަން ސެންޓަރުތަކާއި ޑިޓޮކް ސެންޓަރުތަކާއި ހާފްވޭ ހައުސްތަކެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ދުރުކުރުމަށް ހެލްތު މިނިސްޓްރީގެ ބަޖެޓްގައި މިއަހަރަށް ހިމަނާފައި އޮތް 34 މިލިޔަން ރުފިޔާއަކީ އެންމެ ފުދޭ ވަރެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދާއިރާގައި މަސައްކަތްކުރާ މީހުން ބުނާނީ ބަޖެޓް ބޮޑެއް ނޫނޭ، އެއީ މިކަމަށް ދޭންޖެހޭ ފަރުވާ އަކީ އައުޓްޕޭޝަންޓްކޮށް ދެވޭނެ ފަރުވާއެއް ނޫން، މިފަރުވާ ދެވޭނީ އިންޕޭޝަންޓްކޮށް މީހުން ތަންތާންގައި ބައިތިއްބައިގެން،" ލުބުނާ ވިދާޅުވި އެވެ.

އެހެންވެ އެކަމަށް ގިނަ ވަސީލަތްތަކެއް ގާއިމްކުރަން ޖެހޭ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ރާއްޖެ އަށް މިވަރުގެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ އިރު އަދި އެމީހުންނަށް ފަރުވާ ކުރުމަށް އެވަރުގެ ހަރަދެއް ހިނގާއިރު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ސަބަބުން މަސްތުވާތަކެއްޗާ ދުރުކުރެވިފައި ވަނީ ކިތައް މީހުންތޯ ސުވާލު އުފެދެ އެވެ. އެހެނީ އެކަން މިހާތަނަށް ވެސް އޮތީ ދިރާސާ ނުކުރެވި އެވެ. ލުބުނާ ވިދާޅުވީ 1997 ވަނަ އަހަރު ފުރަތަމަ ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރީއްސުރެ މިހާތަނަށް އެކަން އޮތީ ނުބެލި ކަމަށާއި މިހާރު އެކަން ބަލަން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ 1997 ވަނަ އަހަރުން ފެށިގެން ހުރި ހަމަ ހުރިހާ ފައިލެއް ނަގައިގެން ބަލަމުން،" ލުބުނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވަނީ ތަފާސްހިސާބުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.

ރިހިބިލިޓޭޝަންގެ ވާހަކަ އެކަނި ދައްކައިގެން ފަރުޖެހޭކަން ނެތެވެ. ހާފްވެސް ހައުސްތަކާއި ޑީޓޮކްސް ސެންޓަރުތަކުން ވެސް ނުފުދޭނެ އެވެ. ނަމަވެސް އިންޖެކްޓްކޮށްގެން މަސްތުވާ މީހުން މިހާރަށް ވުރެ ކައިރިން މޮނީޓާ ކުރަންޖެހެ އެވެ. އެ މީހުންނާ ކޮންޓެކްޓްވާ މީހުން ބަލަންޖެހެ އެވެ. އެފަދަ މީހެއްގެ އެއިޑްސް ހުރި ނަމަ އާންމު މުޖުތަމައާ އެ މީހަކަށް އެކްސެސްކުރެވޭ ވަރު ލިމިޓް ކުރަންޖެހެ އެވެ. އެހެން ނޫނީ ދެން މި މުޖުތަމައުގެ ހާލަތާއި މެދު އަމިއްލައަށް ވިސްނަވާށެވެ.