އާންމު މީހަކު ދިރިއުޅެމުން ދިޔަ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ ޔުނީފޯމުތަކެއް އެގޭގެ ތެރެއިން ފެނިއްޖެ އެވެ.

އެތަކެތި ފެނުނު ހ. ބީޗްމެލްބާ އަކީ ފުލުހަކުވެސް އަދި ސިފައިންގެ މީހަކުވެސް ދިރިއުޅޭ ގެއެއް ނޫންކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ.

ނަމަވެސް އެ ކޮޓަރިއަކީ ކުރިން ސިފައިންގެ މީހެއްގެ ގޮތުގަ އާއި ފުލުހެއްގެ ގޮތުގައިވެސް މަސައްކަތް ކުރި ޅ. ނައިފަރު ރާނީވިލާ، އައިޝަތު ރާނީ ދިރިއުޅެމުންދިޔަ ކޮޓަރިކަން ސަން އޮންލައިންއަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް މައްސަލަތަކެއްގައި އޭނާ ވަނީ ފުލުސް އޮފީހުގެ ވަޒީފާއިން ވަކިކޮށްފަ އެވެ.

ރާނީ ދިރިއުޅެމުން ދިޔަ އެ ކޮޓަރި ތެރޭން ފެނިފައިވަނީ ފުލުހުންގެ އެސްއޯ ކޮމްބެޓް ޔުނީފޯމާއި، ފުލުހުންގެ އާންމު ޔުނީފޯމާއި އެމްއެންޑީއެފްގެ ކޮމްބެޓް ޔުނީފޯމާއި އާންމު ޔުނީފޯމުކަންވެސް ވަނީ ކަށަވަރުވެފަ އެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުން ކޮމެންޓެއްކޮށްފައެއްނުވެ އެވެ. ނަމަވެސް ފުލުހުންނާއި ސިފައިންގެ ޔުނީފޯމްތަކެއް ފެނުނުކަން ފުލުހުންގެ ކަށަވަރުކޮށްދެ އެވެ. ހައްޔަރު ކުރި މީހުންގެ މައުލޫމާތުތައް ފުލުހުން އާންމެއް ނުކުރި އެވެ.

ޔުނީފޯމްތަކުގެ އިތުރަށް އެ ކޮޓަރިން ދެން ފެނިފައިވަނީ ދެ ފުޅި ބަނގުރަލާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުސްކޮށްފައިވާ ފުޅިއަކާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ބޭނުންކޮށްފައި ހުރި ބިއްލޫރި ތަށިތަކެއް އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެ ހުރި ސެލޯފިންކޮޅެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ވަނީ އުމުރުން 20 އަހަރާއި 24 އަހަރާއި 33 އަހަރުގެ އިތުރުން 22 އަހަރާއި 19 އަހަރާއި 37 އަހަރުގެ ހަ އަންހެނުންނާއި 30 އަހަރާއި 33 އަހަރާއި 23 އަހަރާއި 20 އަހަރުގެ ތިން ފިރިހެނުންގެ އިތުރުން 16 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.