ދިހަ މީހުނާ އެކު ކަންނެއްޔަށް ދިޔަ ފަހުން ހަބަރެއް ނުވާތާ ތިން ދުވަސް ވެފައިވާ ކ. ތުލުސްދޫ "އަލިރާސްތާ" ދޯނި ރ. އަތޮޅުގައި އެބަ އޮތް ކަމަށް ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުން ބުނެފި އެވެ.


ދާދި ދެންމެ އަކު ކޯސްޓްގާޑުން ބުނީ މިދިޔަ ހުކުރު ދުވަހު ކަންނެލި މަސްވެރިކަމަށް ނުކުތް ފަހުން ހަބަރެއް ނުވާތީ ހޯދަން ފަށާފައިވާ ދޯނި، ރ. އަތޮޅު ސަރަހައްދުގައި އޮތްކަން އެނގުނީ އެ އަތޮޅާ 38 މޭލު ބޭރުން ދަތުރުކުރަމުން ކޯސްޓްގާޑަށް ގުޅުމުން ކަމަށެވެ. އަދި  ބުނީ ދޯނީގެ ހަބަރު ލިބުނީ މިއަދު ހަވީރު 5:00 ޖެހިއިރު ކަމަށާއި ދޯނިން ގުޅީ ދޯނި ހޯދުމުގެ މަސައަކަތުގައި ރޭޑިޔޯ މެދުވެރިކޮށް އެނައުންސް ކުރަނިކޮށް އަޑު އިވިގެން ރ. އަތޮޅަށް ވަންނަމުން ފޯނުގެ ރޭންޖުލިބޭ ހިސާބަށް ދަތުރުކޮށް ފޯނުން ގުޅައިގެން ކަމަށެވެ.


އަލިރާސްތާ ދޯނީގެ ހަބަރު ލިބުނު އިރު ދޯނީގައި ތިބި މީހުންނާއި އުޅަނދަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ. އެ ދޯނީގެ ކޮޔޮޅާ ހަވާލާދީ ކޯސްޓްގާޑުން ބުނީ އެ ދޯނީގެ ހަބަރެއް ނުވެދިޔައީ އެ ދޯނި އާންމުކޮށް މަސްވެރިކަމަށް ހޭދަކުރާ މުއްދަތަށްވުރެ ގިނަ ދުވަހު ބޭރު މަސްވެރިކަމުގައި މަޑު ކުރުމުގެ ސަބަބުން ކަމަށެވެ.