ބޮލީވުޑުގައި ލޯބީގެ ފިލްމުތައް އުފެއްދުމާއި ޑައިރެކްޓު ކުރުމުގައި މަޝްހޫރުކަން ހޯދައިފައިވާ ޔާޝް ޗޯޕްޅާ އުމރުން 80 އަހަރުގައި މަރުވެއްޖެއެވެ. ޔާޝް ޗޯޕްޅާ މަރުވެފައިވަނީ ޑެންގީ ހުން ޖެހިގެން، ބާންދްރާގެ ލީލާވަތީ ހަސްފަތާލުގައި، ފަރުވާ ހޯދަމުން ދާތާ ހަފްތާތައެއް ވެފައި ވަނިކޮށެވެ.

ލޯބީގެ އެތައް ފިލްމެއް އުފެއްދުމުގެ ސަބަބުން "ލޯބީގެ ރަސްގެފާނު"ގެ ގޮތުގައި މަޝްހޫރުވެފައިވާ ޔާޝް ޗޯޕްޅާ ވަނީ ބޮލީވުޑުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނުނު ގިނަ ފިލްމުތަކެއް ޑައިރެކްޓް ކޮށްފައެވެ.

ހިންދުސްތާނުގެ ލާހޯރަށް، 27 ސެޕްޓެންބަރު 1932 ގައި އުފަން ޔާޝް ޗޯޕްޅާ، އޭނާގެ ފިލްމީ ހަޔާތް ފަށައިފައިވަނީ، ފިލްމު ޕްރޮޑިއުސަރު އައި.އެސް ޖޯހަރާއި، ޔާޝްގެ ބޭބެ ބީ.އާރް. ޗޯޕްޅާގެ އެސިސްޓެންޓެއްގެ ގޮތުގައެވެ.

އޭނާގެ ފިލްމީ ހަޔާތުގައި ވޭތުވެ ދިޔަ ފަސް ދަހައިގައި، ޔާޝް ޗޯޕްޅާ ވަނީ ސިލްސިލާ އާއި ކަބީ ކަބީ އާއި ޗާންދަނީ އާއި ލަމްހޭ އާއި ދިލްތޯ ޕާގަލްހޭ އާއި ވީރް ޒާރާ ފަދަ ލޯބީގެ މަޝްހޫރު އެތައް ފިލްމެއް އުފައްދައިފައެވެ.

ޔާޝް ޗޯޕްޅާއަށް ވަނީ ގައުމީ ފިލްމު އެވޯޑުގެ 6 އެވޯޑާއި، ފިލްމު ފެއަރ އެވޯޑުގެ 11 އެވޯޑު ލިބިފައެވެ. މީގެ ތެރެއިން 4 ފަހަރު އޭނާއަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުކަމުގެ މަގާމު ލިބިފައެވެ. އިންޑިޔާގެ ފިލްމީ ދާއިރާއަށް ޔާޝް ޗޯޕްޅާ ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަ ކުރުމުގެ ގޮތުން 2001 ވަނަ ދާދާސާހިބް ޕާލްކޭ އެވޯޑް ލިބިފައިވާ އިރު، 2005 ވަނަ އަހަރު ވަނީ ޕަދްމާ ބޫޝާންގެ ޝަރަފު ލިބިފައެވެ.

ޔާޝް ޗޯޕްޅާގެ ފުރަތަމަ ފިލްމަކީ 1959 ވަނަ އަހަރުގެ ފިލްމެއް ކަމުގައިވާ ދޫލް ކާ ޕޫލްއެވެ. އިޖްތިމާއީ މައްސަލަތަކުގެ މައްޗަށް އެތައް ފިލްމެއް އޭނާ ވަނީ އުފައްދައިފައެވެ. އޭނާގެ ފިލްމުތަކުގެ ތެރެއިން މި ރޮނގުގައި ދަރްމަޕުތުރާ ނަމަކަށް ކިޔާ ފިލްމު ފާހަގަ ކޮށްލެވެއެވެ.

ސުޕަރ ސްޓާރ އަމީތާބް ބައްޗަންއަށް "ރުޅިގަދަ ޒުވާނާ" ގެ ލަގަބު ލިބުނީ ވެސް ޔާޝް ޗޯޕްޅާގެ ފިލްމަކުންނެވެ. އެއީ އޭނާގެ ދީވާރު ނަމަކަށް ކިޔާ ފިލްމެވެ.

ޔާޝް ޗޯޕްޅާގެ އެންމެ ފަހުގެ ފިލްމަކީ މިއަހަރުގެ ނޮވެންބަރު މަހުގައި ރިލީޒް ކުރާން ހަމަޖެހިފައިވާ "ޖަބް ތަކް ހޭ ޖާން" އެވެ. ޝާހްރުޚް ޚާން އާއި ކެތުރީނާ ކައިފް އަދި އަނުޝްކާ ޝަރުމާ ހަރަކާތްތެރިވާ މި ފިލްމަށް ފަހު، އެހެން ފިލްމެއް ނުއުފައްދާނެ ކަމަށް މިއަހަރު ތެރޭގައި ޔާޝް ވަނީ ބުނެފައެވެ.

ޔާޝް ޗޯޕްޅާއަށް އެންމެ ފަހުގެ އިހުތިރާމް އަދާ ކުރުން އޮންނާނީ ހޯމަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ.