އަހަރީ އާންމު ޖަލްސާ، ބޭއްވުމަށް ކޯރަމް ހަމަވާ ވަރަށް ހިއްސާދާރުން ހާޒިރުނުވުމުން މޯލްޑިވްސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ އާންމު ޖަލްސާ ނުބޭއްވި އެހެން ތާރީހަކަށް މިއަހަރުވެސް އެ ޖަލްސާ ފަސްކޮށްފި އެވެ.

ވޭތުވެ ދިޔަ ހަ އަހަރުވެސް ކޯރަމް ހަމަނުވެގެން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ މެދުކަޑާލަން ޖެހުނެވެ.

ސައްވީސް ހާހަށް ވުރެ ގިނަ އާންމު ހިއްސާދާރުން ހިމެނޭ އެމްޓީޑީސީން މިރޭ އެ ކުންފުނީގެ އޮފީހުގައި ބޭއްވި އަހަރީ އާންމު ޖަލްސާއަށް ހާޒިރުވީ ޕްރޮކްސީއާ އެކު ޖުމްލަ 10 ހިއްސާދާރުންނެވެ. ނަމަވެސް، ގަވާއިދު ބުނާ ގޮތުން އާންމު ޖަލްސާއެއްގެ ކޯރަމް އަކީ ކުންފުނީގެ ހިއްސާދާރުންގެ އަޣުލަބިއްޔަތު ހާޒިރުވެގެންނެވެ. އެމްޓީޑީސީގެ ހިއްސާދާރުންގެ ނިސްބަތުން އެ ކުންފުނީގެ ޖަލްސާއެއްގެ ކޯރަމް ހަމަވާނީ މަދުވެގެން 13000 ހިއްސާދާރުން ހާޒިރުވުމުންނެވެ.

އެމްޓީޑީސީގެ އޮފީސް ހިންގާ، މަޓީ ބިލްޑިންގްގެ ކޮންފަރެންސް ހޯލްގައި ބޭއްވި ބައްދަލުވުމަށް ހާޒިރުވި ހިއްސާދާރުންނާ އެކު މިރޭ 8:30 ގައި ޖަލްސާ ފައްޓަވަމުން ކުންފުނީގެ ޗެއާމަން ފަސީހު ޒާހިރު ވަނީ ކޯރަމް ހަމަވާ ވަރަށް ހިއްސާދާރުން ހާޒިރުވެފައި ނުވާތީ ދެން އެ ޖަލްސާ ބާއްވާނީ 14 ދުވަހަށް ފަހުގައިކަން އިއުލާން ކުރައްވާ ޖަލްސާ ނިންމަވާލައްވައިފަ އެވެ.

ކުންފުނިތަކުން އަމަލުކުރާ ގަވާއިދުގެ ދަށުން އަހަރީ ޖަލްސާއަކަށް ގޮވާލުމަށް ފަހު އެ ޖަލްސާގައި ގާނޫނީ އަދަދު ހަމަނުވެއްޖެ ނަމަ ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ ހާއްސަ ހުއްދައެއްގެ ދަށުން ދެން ޖަލްސާ ބާއްވާނީ 14 ދުވަސްފަހުންނެވެ.

އެހެންކަމުން މިދިޔަ އަހަރުގެ އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ބާއްވާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ކޯރަމް ހަމަނުވެގެން ފަސްކޮށްފައިވާއިރު މިދިޔަ އަހަރުގެ މާލީ ހިސާބުތައް އާންމު ނުކޮށްގެން ސީއެމްޑީއޭއިން ވަނީ އެ ކުންފުނި ޖޫރިމަނާވެސް ކޮށްފަ އެވެ. އަދި އަހަރީ ޖަލްސާގެ ނޯޓިސް ނެރުނުއިރު އަހަރީ އާންމު ޖަލްސާ ބާއްވަން ފަހުގެ ނޯޓިސް ހިއްސާގެ ބާޒާރުން އެ ކުންފުންޏަށް ވަނީ ދީފަ އެވެ.

އެމްޓީޑީސީއަށް މިދިޔަ އަހަރު ނިންމާލަން ޖެހުނީ 3.8 މިލިއަން ޑޮލަރު (58.5 މިލިއަން ރުފިޔާގެ) ގެއްލުމާ އެކު އެވެ. އެއީ ހިއްސާއަކަށް 1.21 ޑޮލަރު، (18.7ރ)ގެއްލުމެކެވެ. އަދި ވޭތުވެ ދިޔަ ދެ އަހަރުވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް އެއްވެސް ފައިދާއެއްނުލިބުނެވެ.

އަދި އެމްޓީޑީސީ ގެ މިއަހަރުގެ ފުތަރަމަ ހަ މަސްދުވަހުގެ ފައިދާވެސް މިދިޔަ އަހަރުގެ ހަ މަސްދުވަހާއި އަޅާ ބަލާއިރު ރެކޯޑް މިންވަރަކަށް ވަނީ ދަށަށްގޮސްފަ އެވެ. އެމްޓީޑީސީން އާންމުކޮށްފައިވާ އެ ކުންފުނީގެ މިދިޔަ ހަ މަސް ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ހަ މަސްދުވަހާ އަޅާބަލާ އިރު އެ ކުންފުނީގެ ފައިދާ ވަނީ 43 މިލިއަން ރުފިޔާއިން ދަށަށް ގޮސްފަ އެވެ.