21 Oct 2012, 22:31
ދެ ފުޅި ބަނގުރަލާ އެކު ހަ އަންހެނުންނާއި ތިން ފިރިހެނުންގެ އިތުރުން ކުޑަކުއްޖަކު މާލޭ ގެއެއްގެ ތެރެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ ރޭ ހިންގި އޮޕަރޭޝަނެއްގައި ހ. ޕީޗްމެލްބާ ގޭގެ ކޮޓަރިއެއްގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރާއި 24 އަހަރާއި 33 އަހަރުގެ އިތުރުން 22 އަހަރާއި 19 އަހަރާއި 37 އަހަރުގެ ހަ އަންހެނުންނާއި 30 އަހަރާއި 33 އަހަރާއި 23 އަހަރާއި 20 އަހަރުގެ ތިން ފިރިހެނުންގެ އިތުރުން 16 އަހަރުގެ ކުއްޖެއް ކަމަށެވެ.
ނަމަވެސް އެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދޭއިރު 16 އަހަރުގެ ކުއްޖާއަކީ ކޮން ޖިންސެއްގެ ކުއްޖެއް ކަމެއް ވެސް ނުބުނެ އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް އެމީހުންތިބި ކޮޓަރި ބަލައި ފާސްކުރި އިރު އެކޮޓަރީގެ ތެރެއިން ދެ ފުޅި ބަނގުރަލާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުސްކޮށްފައިވާ ފުޅިއަކާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ބޭނުންކޮށްފައި ހުރި ބިއްލޫރި ތަށިތަކެއް ފެނިފައިވާ އިރު އެގޭ ތެރޭގައި ހުރި ފައިވާން ރެކެއްގެ މަތީގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެ ހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށެވެ. އަދި އެ ގެއަކީ އެމްއެންޑީއެފް އަދި ފުލުހުންގެ އެއްވެސް މީހަކު ވަޒީފާގައި އުޅޭ ގެއަކަށް ނުވި ނަމަވެސް އެގޭގެ ކޮޓަރިއެއްގެ ތެރެއިން އެމްއެންޑީއެފްގެ ޔުނީފޯމްތަކަކާއި ފުލުހުންގެ ޔުނީފޯމްތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާރު އެ މައްސަލަ ދަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގްކުރަމުންނެވެ.