ރައްޔިތުންގެ މަޖިލީހުގެ 17 އޮކްޓޯބަރު 2012 ވީ ބުދަ ދުވަހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަހުލޫފު ހުށަހެޅުއްވި ޤަރާރާ ގުޅިގެން ވަރަށް ގިނަ މެންބަރުން ނުރުހުން ފާޅު ކުރެއްވި އެވެ. (މި ޤަރާރަކީ ކުރިން ހުށަހަޅުއްވައިފައި އޮތް ޤަރާރެކެވެ. ބަހުސު ކުރެއްވުން އޮތީ ބުދަ ދުވަހު އެވެ.) އެންމެ ފުރަތަމަ އެ ޤަރާރާ ދެކޮޅު ފާޑަކަށް ވާހަކަފުޅު ދެއްކެވީ މުލަކު ދާއިރާގެ މެންބަރު ޔާމީން ޢަބްދުލްޤައްޔޫމެވެ. އޭނާގެ ވާހަކަފުޅަށް ފަހު މަޖިލީހުގެ އެހެން މެންބަރުން ދެއްކެވި ވާހަކަފުޅުތައް އަޑު އައްސަވައިފައި ޔާމީން (ބަނޑަށް ނަމަވެސް) ހިނިފުޅުވަޑުވާނެކަން އަޅުގަނޑަށް ޔަގީނެވެ. އޭގެ ފަހުން އެ ނޫން ރާގަކަށް އެހެން މެންބަރަކު ވާހަކަފުޅެއް ނުދައްކަވަ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި މިހާރު ކުރިމަތިވެގެން އުޅޭ ކުށުގެ މައްސަލަތަކުގެ ޒިންމާ ރައްޔިތުންގެ މަޖިލީހަކުން އުފުލާކަށް ނުޖެހޭނެ އެވެ. ޤާނޫނުތައް ނުހެދިގެން ކުށް ކުރުން ނުހުއްޓުވިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އޭނާ އަށް ގަބޫލުފުޅު ކުރައްވަން ދަތިފުޅު ވާހަކަ ތަކެކެވެ. އަދި މަޖިލީހުގެ މެންބަރުން އަމިއްލަފުޅަށް ކުށްވެރިވެގެން އުޅުމަކީ ވެސް އޭނާއަކަށް ރަނގަޅު ކަމެއް ކަމަކަށް ނުވި އެވެ.

އެއީ ތެދުފުޅެއް ކަމަށް ވެދާނެ އެވެ. ފުލުހުން އެދުނު ޤާނޫނުތަކެއް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށް ދީފަ އެވެ. އެހެންވީމާ ފުލުހުންނަށް އެ ޤާނޫނުތަކުގެ ބޭނުން ކޮށްގެން ކޮންމެވެސް ކަހަލަ އެދެވޭ ފިޔަވަޅުތަކެއް އެޅެން ވާނެ އެވެ.

މިހާރު އުފެދިގެން އުޅޭ "ކުށުގެ މައްސަލަ"އިގައި ކުށްވެރިވާ ބަޔަކީ ނުވަތަ އިހުމާލުވާ ބަޔަކީ ކޮބައިތޯ ބެލުމަކީ އަޅުގަނޑު ލިޔަން އުޅޭ ވާހަކައެއް ނޫނެވެ. އަޅުގަނޑު ދަންނަވަން ބޭނުން ވަނީ އިހުމާލުވާ ބަޔަކީ ރައްޔިތުންގެ މަޖިލިސް ނޫން ކަމުގައި ވިޔަސް، އަޅުގަނޑު އާދައިގެ ރައްޔިތެއްގެ ގޮތުން، ރައްޔިތުންގެ މަޖިލިސް "ކުށްވެރި ކުރާ" ސަބަބުތަކެއް އެބަހުރި ވާހަކަ އެވެ.

މައިގަނޑު އެއް ސަބަބަކީ ރައްޔިތުންގެ މަޖިލީހުން، މަޖިލީހުގެ މަސައްކަތް ފުރިހަމަ ގޮތުގައި ނުކުރެވޭ ވާހަކަ އެވެ. ހަތްދިހަ ހަތް މެންބަރުން ތިއްބަވާ ބޮޑު މަޖިލީހަކުން މިހާރު ވެސް އެ އުޅުއްވަނީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ބޭނުންވާ ޤާނޫނީ ޢަދަދު ހަމަ ނުކުރެވިގެންނެވެ. އާދެ، ކޯރަމް ހަމަ ނުކުރެވިގެންނެވެ. މިއީ ކުޑަ މައްސަލައެއް ނޫނެވެ. ބައެއް ބޭފުޅުން ހަމަ ގަސްތުގައި ކޯރަމް ނަގައިލާ މަންޒަރު އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެނެ އެވެ.

ކޯރަމް ހަމަވެގެން ޖަލްސާއެއް ބޭއްވުނީމާ ޖަލްސާގައި ކުރިއަށް ގެންދަވަނީ ކޮން މަސައްކަތެއްތޯ އެވެ؟ ޤަރާރު ހުށަހެޅުއްވުމާއި، ހުށަހެޅޭ މައްސަލަޔާ ގުޅުމެއް ނެތް ވާހަކަފުޅުތައްް ދެއްކެވުމާއި، ނިޒާމީ ނުކުތާ ނެންގެވުން ނޫން ކަމެއް އެބޭފުޅުން ކުރައްވާތޯ އެވެ؟ ދެން ކޮމިޓީތަކުގައި މެންބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވާނެ އެވެ. އެކަމަކު ކޮމިޓީގެ މަސައްކަތްތައް ނިންމައި ސިލް ޖަހަން އޮންނަ ބޮޑު މަޖިލީހުގެ މަސައްކަތް ކުރިއަށް ނުދާ ނަމަ، ކޮމިޓީ މަސައްކަތުން ކުރާ ފައިދާ އަކީ ކޮބައިތޯ އެވެ؟ ތެދުތެދަށް ދަންނަވާ ނަމަ ކޮމިޓީތަކުގެ ހާލުވެސް ވަކި ތަފާތެއް ނޫނެވެ. ކޮމިޓީތައް ހުއްޓުވުމާއި، މަޖިލީހުގެ މައި މާލަމުގައި ހުންނަ ތަކެއްޗަށް ގެއްލުން ދޭ ފަދައިން، ކޮމިޓީ ކޮޓަރިތަކުގައި ހުންނަ އެއްޗިއްސަށް ގެއްލުންދޭ ވާހަކަ އަކީ ވެސް މަދުން އިވޭ ވާހަކައެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނިޒާމީ މައްސަލައެއް ނެގޭނޭ ގޮތް ވަރަށް ރީތިކޮށް މަޖިލީހުގެ ޤަވާޢިދުގައި ލިޔެފައި އެބައޮތެވެ. އެއީ އަޅުގަނޑުމެން (މެންބަރުން ހޮވަން ވޯޓުލީ ރައްޔިތުން) ލިޔުނު އެއްޗެއް ނޫނެވެ. އެ ބޭފުޅުން އަމިއްލަފުޅަށް ލިޔުއްވި އެއްޗެކެވެ. އޭގައި އޮންނަނީ ނިޒާމީ މައްސަލައެއް ނެގޭނީ މަޖިލީހުގެ ޤަވާޢިދުގައި ކުރުން މަނާކޮށްފައިވާ ކަމެއް ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ނުވަތަ މެންބަރަކު ކުރާނަމަ ނުވަތަ އެފަދަ ވާހަކައެއް މަޖިލީހުގެ ރައީސް ނުވަތަ މެންބަރަކު ދައްކަވާނަމަ ކަމަށެވެ. މެންބަރަކު ދައްކަވާ ވާހަކަފުޅަކަށް ޖަވާބު ދެއްވަން ނިޒާމީ މައްސަލައެއް ނުނެގޭނެ ކަމަށް ވެސް އޮވެ އެވެ. އަދި މި ނޫނަސް ނިޒާމީ މައްސަލަ ނުނެގޭނޭ އެތައް ކަމެއް ފާހަގަކޮށް ޤަވާޢިދުގައި ވަރަށް ސާފުކޮށް ލިޔެފައި އެބައޮތެވެ. އެކަމަކު މެންބަރުން ނިޒާމީ ނުކުތާ ނަންގަވަނީ އެހެންތޯ އެވެ؟ މަޖިލީހުގެ މެންބަރުންނަކީ ދިވެހިބަސްް ދެނެވަޑައިގަންނަވާ، ބޮޑެތި ސިންގާ ބޭފުޅުންނެވެ. ޅަ ކުދިންނެއް ނޫނެވެ.

ދެން އޮތީ ޖަލްސާ ބޭއްވޭ ދުވަހުގެ ވާހަކަ އެވެ. ޖަލްސާއެއް ބޭއްވުނަ ނުދީ އެއް ޕާޓީން އަނެއް ޕާޓީއަށް ޖެއްސުން ކުރުމުގައި ތިން މަސް ދުވަސް އެބަ ނަގައިލަ އެވެ. އެކަމަކު އެންމެ ދުވަހެއްގެ މުސާރަ ވެސް އުންޏެއް ނުވެއެވެ. އެމްޑީޕީން ގަބޫލު ނުކުރާ ކަހަލަ ވާހަކައެއް ދައްކާ ދުވަހަކު އެ ޕާޓީގެ މެންބަރުން ޖަލްސާ ހުއްޓުވައިލަ އެވެ. ޑީއާރްޕީން ބޭނުން ނުވާ ވާހަކައެއް ދެކެވޭ ދުވަހަކު އެ ޕާޓީން ޖަލްސާ ހުއްޓުވައިލަ އެވެ. ޕީޕީއެމް ބޭނުން ނޫން ވާހަކައެއް ދައްކާ ދުވަހަކު އެ ޕާޓީން ޖަލްސާ ހުއްޓުވައިލަ އެވެ. ދެން ހުރި ޕާޓީތަކުގެ މެންބަރުން ތަންކޮޅެއް ގިނަ ނަމަ، އަހަރަކު އެންމެ ޖަލްސާއެއް ވެސް ނުބޭއްވުމަކީ އެކަށީގެންވާ ކަމެކެވެ.

ޖަލްސާ ބޭއްވޭ ދުވަހަކު ވެސް އެތިބަ ބޮޑެތި ބޭބޭފުޅުން (ނުވަތަ ޢިއްޒަތްތެރި މެންބަރުން) އެ ޖައްސަވާ ވައްތަރުގެ ވާހަކަ ހެވީ ނުދެއްކިއްޔާ އެވެ. އަޅުގަނޑުމެންނަށް މިހައިތަނަށް ފެނިފައި ވަނީ ބޮޑެތި މީސްމީހުން ނުވަތަ މައިންބަފައިން އެ މީހުންގެ ދަރިންނަށް ނަސޭހަތް ދޭ ތަނެވެ. މިހާރު މި ވަނީ ދަރިން، މައިންބަފައިންނަށް ނަސޭހަތް ދޭ ހިސާބަށް ރައްޔިތުންގެ މަޖިލީހުގެ ކަންތައް ގޮސްފަ އެވެ. ދަރިންނަށް ކެރޭނޭ ނަމަ މިހެން ނުބުނާނެތޯއެވެ؟ "ބައްޕާ އެވެ. (ނުވަތަ މަންމާ އެވެ.) މޭޒު މައްޗަށް ކޮޅަށް އަރުއްވާކަށް ނުވާނެ އެވެ. ކުނި ވަށިގަނޑު ބޮލަށް ފައްތައިގެން އުޅުއްވާކަށް ނުވާނެ އެވެ. ރައީސްގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެން ހުތުރު ވައްތަރު ޖައްސަވާކަށް ނުވާނެ އެވެ. އެހެން މެންބަރުންނާ ދިމާއަށް ހުތުރު އެއްޗެހި ވިދާޅުވާކަށް ނުވާނެ އެވެ. ރައީސް ކުރައްވާ އަމުރުފުޅަށް ކިޔަމަންވެ ވަޑައިނުގެން ބޮޑާ ހާއްކަވާކަށް ނުވާނެ އެވެ."

މި ހުރިހައި ކަމެއް ކުރެއްވީމާ ވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ ދިމާއަށް އެއްޗެކޭ ބުނެލާ މީހަކަށް ވުރެ ވިޔާނުދާ މީހަކު ހުންނަ ކަމަކަށް ނުވެ އެވެ. މަޖިލީހުގެ މެންބަރުން ކޮމިޓީ އެލަވަންސެއް ނަންގަވަން ފާސް ކުރައްވަން އުޅުއްވީމާ ދެތިން ޖަމްޢިއްޔާ އަކާއި، ޢާއްމުންގެ ބަޔަކު އެކަމާ ދެކޮޅު ހެދީމާ އެ މީސްމީހުން ވެގެން ދިޔައީ ދުވަހަކު ވެސް ނުދިންނަވާ ވަރުގެ ބޮޑު ފާފައެއް ކުރި ފަދަ ބަޔަކަށެވެ. ވޯޓު ހޯއްދަވަން ރައްޔިތުން ފަހަތުން ހިންގެވި ހަނދުމަފުޅު ހުރި އެއްވެސް މެންބަރަކު ހުރި ހެންނެއް ވެސް ހިޔެއް ނުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ކަންތައްތަކާ ދެކޮޅަށް މި އަޑު އުފުލަނީ ވޯޓުލީ ރައްޔިތުން ކަމެއް ވެސް އެ ބޭފުޅުންނަކަށް އެނގިވަޑައިގަތް ކަމަކަށް ނުވި އެވެ.

އެންމެ ފަހުން ކަންތައް ނިމިގެން ދިޔައީ ކިހިނެއްތޯ އެވެ؟ މަސައްކަތް ނުކުރާ އެތައް މަހަކަށްވެސް މެންބަރުން އެލަވަންސް ނެންގެވީ އެވެ. މިހާރު ބައެއް ބޭފުޅުން ވިދާޅުވަނީ ކޮންމެވެސް ޖަމްޢިއްޔާއަކަށް އެލަވަންސް ހަދިޔާ ކުރައްވާނެ ވާހަކަ އެވެ. ފައިސާ ނަންގަވައިފައި ތަނަކަށް ހަދިޔާ ކުރެއްވީމާ ދައުލަތުގެ ބަޖެޓުން އެ ފައިސާ އުނި ނުވާ ކަމަށް ވަނީތޯ އެވެ؟

މަތީގައި ދެންނެވުނު ޖަލްސާގައި އެއް ބޭފުޅަކު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގު ވައްޓައިލަނީ މީޑިއާ އިން ކަމުގަ އެވެ. ވަގުތުން ދައްކާ ޖަލްސާއެއްގައި އެ ބޭފުޅުން ކުރައްވާ ވިޔާނުދާ ކަންތައްތަކާއި، ދައްކަވާ ތާކުންތާކު ނުޖެހޭ ވާހަކަތަކުގެ ޝަރަޙައެއް މީޑިއާ އިން ކިޔައި ނުދިނިއްޔާ ރައްޔިތުންނަށް ހަމަ ނޭނގޭނީތޯ އެވެ؟ ކުނިވަށިގަނޑު ބޮލުގައި އަޅުއްވައިގެން މެންބަރަކު އުޅުއްވިތަން ޓީވީން ދެއްކީ، އެބޭފުޅާ ޙައްޖު ތާކިހަލެއް ތުރު ކުރައްވައިގެން ހުންނަވަނިކޮށްތޯ އެވެ؟ މަޖިލީހުގެ މެންބަރުންނަށް ވަގަށް ގޮވައި، މެންބަރުންގެ ނަހަލާލު ދަރިން އެބަތިބި ކަމަށް ގޮވައި، އަފްލާޠޫން ނުވަތަ އެހެންވެސް ނަމަކުން މުޚާޠަބް ކުރައްވާ އަޑު ރޭޑިއޯ އާއި ޓީވީން ގެނެސްދެނީ، އެބޭފުޅުން ޞަލަވާތްފުޅު ކިޔަވަނިކޮށްތޯ އެވެ؟ މެންބަރުން މޭޒު މައްޗަށް އަރައިވަޑައިގެން ނަށްޓަވާ ތަން ދައްކަނީ އެ ބޭފުޅުން ސަޖިދައިގައި ތިއްބަވަނިކޮށްތޯ އެވެ؟ ޓީވީން ފެންނަނީ ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކަންތައްތަކެވެ. އިވެނީ މަޖިލީހުގެ މެންބަރުން ދައްކަވާ ވާހަކަފުޅުތަކުގެ އަޑެވެ. ނޫސްތަކުގައި ލިޔަނީ ވެސް ހަމަ މި ވާހަކަ ތަކެވެ.

މަޖިލީހުގެ މެންބަރުން ކިތަންމެ ވަރަކަށް ރެކިވަޑައިގަންނަވަން އުޅުއްވިޔަސް، ނުވަތަ ކަންތައްތައް އެހެން ބައެއްގެ ބޮލުގައި އަޅުއްވަން އުޅުއްވިޔަސް، އަޅުގަނޑަށް ދެންނެވޭނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ރަނގަޅަށް ނުހިނގާ ކަމުގަ އެވެ. އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ މުސާރައާއި ޢިނާޔަތް އެބޭފުޅުންނަށް ޙައްޤުވާނެ ކަމަކަށް ހަމަ ގައިމުވެސް އަޅުގަނޑެއް ގަބޫލެއް ނުކުރަމެވެ. އަޅުގަނޑަށް މި ދެއްކެނީ ނުރައްކާތެރި ވާހަކަތަކެއްކަން އެނގެއެވެ. މި ލިޔުމަށް ފަހު އަޅުގަނޑު ހިމެނިގެން ދާނީ ރައްޔިތުންގެ "ޢިއްޒަތްތެރި މެންބަރުން"ގެ އަގު ވައްޓައިލީ މީހަކަށެވެ. އެ މަޖިލީހުގައި އިންނަވާ އަޅުގަނޑުގެ ދާއިރާގެ މެންބަރު ވެސް މިއީ އަޅުގަނޑަށް ދެއްކޭނޭ ވާހަކައެއް ކަމަށް ގަބޫލުފުޅު ކުރައްވާނެ ކަމެއް ނޭނގެ އެވެ. އެކަމަކު ވެސް މިއީ އަޅުގަނޑު ގަބޫލު ކުރާ ޙަޤީޤަތެވެ. މާދަމާ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިގެން އަޅުގަނޑު މި ދުނިޔެއިން ބޭރުކޮށް ޖައްވަށް ފޮނުއްވައިލައްވަން ފާސް ކުރެއްވިޔަސް އެންމެ ރަނގަޅެވެ.