މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ރޭ ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޑިއުޓީއަށް ދަނިކޮށް ވަޅިން ހަމަލާދީ ޕޮލިސް ލާންންސް ކޯޕްރަލް އާދަމް ހަލީމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ސަމާހުގެ ޝަރީއަތްތައް އީދު ބަންދަށް ފަހު ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ޕޮލިސް ލާންސް ކޯޕްރަލް ކ. ކާށިދޫ، ކެތި އާދަމް ހަލީމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހުގެ ޝަރީއަތް އީދު ބަންދަށް ފަހު ބާއްވާގޮތަށް މިހާރު ހަމަޖައްސާފައިވާކަމަށެވެ. އަދި ކާށިދޫ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް އާދަމް ހަލީމްގެ ވާރިސުންގެ ބަޔާން ވެސް މިހާރު ނަގާފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕޮލިސް ލާންސް ކޯޕްރަލް އާދަމް ހަލީމްގެ ވާރިސުންގެ ބަޔާން މިހާރު ވަނީ ކާށިދޫ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ނަގާފައި. އީދުބަންދަށް ފަހު އެ މައްސަލައިގެ އަޑުއެހުންތައް ޝެޑިއުލްކުރާގޮތަށް ވަނީ ހަމަޖެހިފައި،" މަނިކު ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ސަމާހުގެ ޝަރީއަތް ފަށާފައިވާއިރު އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވުމުން ސަމާހު ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.

އެދުވަހުގެ ޝަރީއަތުގައި ސަމާހު ބުނީ އާދަމް ހަލީމްގެ ވާރުތަވެރިންގެ ކިބައިން މާފަށް އެދެން ބޭނުންވާ ކަމަށާއި ކުރެވުނުކުށަށް ތައުބާވެ އިސްލާހުވާން ބޭނުންވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކަމަށް ވެސް ސަމާހު ވަނީ ބުނެފަ އެވެ.

އާދަމް ހަލީމްގެ ހަނދާނުގައި ސަރުކާރުން ވަނީ ކާށިދޫގައި ތައުބީންގެ ޖަލްސާއެއް ބާއްވައި އޭނާއަށް މަގާމުގެ ކުރިއެރުން ވެސް ދީފަ އެވެ. އަދި އޭނާ މަރާލި ދުވަހަކީ ފުލުހުންގެ މެމޯރިއަލް ޑޭ ގެ ގޮތުގައި ފާހަގަ ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އާދަމް ހަލީމް ނިޔާވި އިރު އަނތްބަކާއި އެއް އަހަރުނުވާ ދަރިއަކުވެސް ވެސް ދުނިޔޭގައި ތިއްބެވެ.