21 Oct 2012, 19:11
ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ސަރުކާރަށް ގޮވާލާ، ސިޔާސީ ޕާޓީތަކުން އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ "ބޮޑު މަހާސިންތާ" ފަސްކޮށްފި އެވެ.
އަދި އޭގެ ބަދަލުގައި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އެއާޕޯޓު ޖީއެމްއާރު އަތުން މިނިވަން ކުރުމަށް ހަރަކާތްތަކެއް ބޭއްވުމަށް، "އެއާޕޯޓު ހަފްތާ"އެއް ފާހަގަ ކުރުމަށް ނިންމާފައިވާ ކަން ވަނީ ސިޔާސި ޕާޓީތަކުގެ ގުޅިފައިވާ ހަރަކާތް، "ދިވެހި ގައުމީ ހަރަކާތު"ގެ ފަރާތުން އިއުލާންކޮށްފަ އެވެ.
އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އަދާލަތު ޕާޓީން މިއަދު ހަވީރު ޓްރޭޑާސް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ އެއާޕޯޓު ހަފްތާގެ ގޮތުގައި ހަފްތާއެއް ފާހަގަ ކުރަން ނިންމީ އެއާޕޯޓު އަތުލުމަށް ފަށާފައިވާ މަސައްކަތް އިތުރަށް ފުޅާކުރުމަށް ކަމަށެވެ.
އިމްރާން ވިދާޅުވީ އެއާޕޯޓު އަތުލުމަށް ކުރާ މަސައްކަތްތަކަށް ކޮމެޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި އެ ކޮމެޓީން ނިންމާފައިވަނީ ނޮވެމްބަރު ތިން ވަނަ ދުވަހު ބާއްވާ "ބޮޑު މަހާސިންތާ" އެ މަހުގެ ނުވަ ވަނަ ދުވަހަށް ބޭއްވުމަށް ކަމަށެވެ. އެގޮތަށް ކޮމެޓީން ނިންމީ ސްކޫލްތަކުގެ ޓެސްޓް ލަސްވުމާއި ތިނެއް ނޮވެމްބަރުގައި ނަސްރުގެ ދުވަސް ފާހަގަކުރަން ސަރުކާރުން އެކި ހަރަކާތްތައް ރާވާފައިވުމުން ކަމަށެވެ.
މިއަދުގެ ނިއުސްކޮންފަރެންސްގައި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ތިނެއް ނޮވެމްބަރުގައި "އެއާޕޯޓް" ހަފްތާ ފާހަގަ ކުރަން ފެށުމުގެ ކުރިންވެސް އެކި ހަރަކާތްތައް ހިންގަމުންދާނެ ކަމަށެވެ.
އެގޮތުން އެއާޕޯޓު ބޭރުގެ ބަޔަކަށް ދީފައި އޮތުމާއި ދެކޮޅަށް ލިޔެފައިވާ ބެނާތައް މާލޭގެ އެކި ސަރައްދުތަކުގައި ދެމުމާއި އެކަމާއި ގުޅުންހުރި ފޮތްތައް ނެރުމުގެ އިތުރުން އެހެން ހަރަކާތްތައް ހިންގާނެ ކަމަށެވެ.
އޭނަ ވިދާޅުވީ އެއާޕޯޓު ހަފްތާ ކުލަގަދަކޮށް ފާހަގަ ކުރުމަށް ރާވަފައިވާ ކަމަށާއި އެދުވަހު ހާއްސަ ވެހިކަލް ބުރެއް ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.
އެގޮތުން "އެއާޕޯޓު ހަފްތާ" ފާހަގަ ކުރުމުގެ ގޮތުން އެ ހަރަކާތާއި ގުޅޭ ލޯގާ އާއި ލަވަ ނެރޭނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
"އޭގެ އިތުރުންވެސް އެ ހަފްތާގެ ކޮންމެ ދުވަހުކުވެސް ރަނގަޅު ފެންވަރުގެ ކަންތައްތަކެއް އަޅުގަނޑުމެން ވަނީ ރާވާފައި،" އޭނާ ވިދާޅުވި އެވެ.
ހަރަކާތްތައް އޮންނަ ގަޑި ތަކާއި އޭގެ ތަފްސީލް ކުރިން ހާމަ ނުކުރައްވާނެ ކަމަށާއި އެ ހަރަކާތެއް އޮންނަ ދުވަހުގެ އެއްދުވަސް ކުރިން އެކަން ހާމަކުރާނެ ކަމަށެވެ.
"އެއީ މި ހަރަކާތްތަކަށް ހުރަސްއަޅާ ފަރާތަކަށް ހުރަސް އެޅިޔަ ނުދިނުމަށް،" ކުރިން ހަރަކާތްތައް އިއުލާން ނުކުރާ ގޮތުގެ މައްޗަށް ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވި އެވެ.
އެއާޕޯޓް ކުއްޔަށްދީފައި އޮތުމާއި ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި އެކަމާ ގުޅޭ ގޮތުން ކޮންމެ ގޭ ބިސީއަކަށް "ހާއްސަ ސިޓީއެއް" ދިނުމަށްވެސް ވަނީ ނިންމާފައި އެވެ.
"ގައުމީ ހަރަކާތުގެ ނަމުގައި" ނަމުގައި ބޭއްވި މި ބައްދަލު ވުމުގައި ޝެއިހް އިމްރާން ވިދާޅުވީ އެއާޕޯޓު އަތުލުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށާއި އެއާޕޯޓު ހޯދުމަށް ހިންގާ ހަރަކާތްތަކީ ސަރުކާރުން ކުރާ މަސައްކަތަށް ދޭ އެއްބާރުލުމެއް ކަމަށެވެ.