21 Oct 2012, 17:50
ރާއްޖޭގައި ރިޔާސީ ނިޒާމެއް ގާއިމް ކުރެވިފައިވީ ނަމަވެސް ރާއްޖެ މިހާތަނަށް ވެސް ހިނގަމުން އައީ ރަސްކަމުގެ ނިޒާމެއްގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރީއްޔާގެ ނައިބް މުހައްމަދު ވަހީދުއްދީ (ޑީން) މިއަދު ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް ޑީން މިހެން ވިދާޅުވީ ސިިވިލް ސާވިސްއަށް ޒަމާނީ އައު ގޮތްތައް ތައާރަފް ކުރުމުގެ އިނާމްދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑީން ވިދާޅުވީ ރަސްކަމުގެ ސިސްޓަމް ނުވަތަ އެ ނިޒާމް ބަދަލު ކުރެވޭނީ ކޮންމެ މީހަކީވެސް އަނެކާޔާ އެއްވަރުގެ މީހެއް ކަމަށް ދެކިގެން ކަމަށާއި މި އައި ޑިމޮކްރަސީއާ ލިބުނު އާ ގާނޫނު އަސާސީއާ އެއްގޮތަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްގެން ކަމަށެވެ. އަދި ލިބިފައިވާ އާ ގާނޫނު އަސާސީއަށް ރައްޔިތުން ހޭލުންތެރި ކުރެވިގެން ކަމަށްވެސް ޑީން ވިދާޅުވި އެވެ.
"ހަމައެކަނި 30 އަހަރެއް ނޫން އިނގޭތޯ. ހަމައެކަނި 23 އަހަރެއް ވެސް ނޫން އިނގޭތޯ. އެތައް ޒަމާނެއް ވަންދެން އަޅުގަނޑު އެއްފަހަރު އިންޓަވިއުއެއްގައި ދެންނެވިން ރިޕަބްލިކެއް ކަމުގައި އޮތަސް މި ގައުމް މިހާ ހިސާބަށް ވެސް ހިނގާފައި އޮތީ ރަސްކަމެއްގެ ގޮތަށޭ. އެއީ ހަގީގަތެއް އިނގޭތޯ،" ޑީން ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ ވެރިންނަށް "އާދެ މަސާ ހިބް"ކީ ޒަމާން ފާއިތުވެ ހިގައްޖެ ކަމަށާއި އެންމެންގެ ތެރޭގައި ވެސް އޮންނަންޖެހޭނީ އެއް ހަމައެއް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މެދުގައިވާ ފަރަގް ކުޑަނުކޮށް އެއް ބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ނުކުރާ އަނެކާއަކީ ނިކަމެތި ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަކީ ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ. ހަމަ އެހެންމެ ހިދުމަތް ދިނުމަތް ދޭން ޖެހޭނީ ހިނިތުން ވުމާއި އިހުލާސްތެރި ކަމާއެކުގައި ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާރު ސިވިލް ސާވިސްގެ މުވަޒިފުންގެ ފަރާތުން އެކަން ފެންނަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ޑީން އަދި ވިދާޅުވީ މުވަޒިފުންގެ މެދުގައިވާ މުސާރައިގެ ފަރަގު ކުޑަ ކުރަންޖެހޭ ކަމަށާއި އަދި ދިވެހި ރާއްޖޭގައި ވޭޖް ކޮމިޝަނެއްވެސް ނެތް ކަމަށެވެ. އެކަމުގެ ސަބަބުން މިހާރު މުސާރަތައް ކަނޑައަޅަމުން ގެންދަނީ ތިމާމެން ހިތުހުރި ގޮތަކަށްކަމަށްވެސް ޑީން ވިދާޅުވި އެވެ. އެހެން ކަމުން މިހާރު މިއޮތް މުސާރައިގެ ފަރަގު ކުޑަ ކުރުމަށް ޓެކްސްގެ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށްވެސް ޑީން ވިދާޅުވި އެވެ.
މީގެ އިތުރުން ޑީން ވިދާޅުވީ ދިވެހިރާއްޖެއަށް އައި ޑިމޮކްރަސީގެ ތެރެއިން ލިބުނު އާ ގާނޫނު އަސާސީއަށް ދިވެހި ރައްޔިތުން ހޭލުންތެރި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ހިތާމަ ހުރި ކަމަކީ މި ލިބުނު އާ ގާނޫއަސާސީއާ ބެހޭ ގޮތުން ސްކޫލް ތަކުގައި ކިޔަވައި ދެމުންދާ ކަމަށެވެ. ޑީން ވިދާޅުވީ މަދަރުސާ ތަކުގައްޔާއި އާ ގާނޫނު އަސާސީއާ ބެހޭ ގޮތުން ކިޔަވައި ދިނުމަކީ މިއަދު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ވަކިން ހާއްސަކޮށް ކައުންސިލްތައް އާ ގާނޫނުއަސާސީއަށް ހޭލުންތެރި ކުރަން ޖެހޭ ކަމަށް ވެސް ޑީން ވިދާޅުވި އެވެ. އަދި ޑީން ވިދާޅުވީ މިކަމުގައި ހުރިހައި އެންމެން ވެސް ޒިންމާ ވާން ޖެހޭ ކަމަށެވެ.
"އެއްވެސް ކައުންސިލަކަށް ގާނޫނު އަސާސީ ލިބިދޭ ހައްގުތަކެއް އަޅުގަނޑުމެން ބުނެއެއް ނުދެމު، މަޝްހޫރު ޑިމޮކްރަސީ އަޅުގަނޑުމެން ގެނައި އިރު. ކުށްވެރިވަނީ ކައުންސިލަރުންތޯ؟ ނޫނީ އެކަން ކުރި މީހުންތަ؟ ނުވަތަ ނުކޮށްދީ ތިބި މީހުންތޯ؟ އަޅުގަނޑު ވެސް މިއަދު އޭގައި ޒިންމާވަން،" ޑީން ވިދާޅުވި އެވެ
ޑީން ވިދާޅުވީ މުޖުތަމައަށް ބިނާ ކުރުމުގައި އެންމެ އިސްކަމެއްދޭން ޖެހޭ ކަމަކީ އެ ގައުމަކަށް އަންނަ ބަދަލުތަކާއި ބެހޭ ގޮތުން ތައުލީމް އުގަންނައި ދިނުން ކަމަށާއި ހާއްސަކޮށް އާ ގާނޫނު އަސާސީ އެއް މިނިވަަންކަމާއި އެކު ދޫކޮށްލާއިރު އެ ގާނޫނު އަސާސީއަށް ރައްޔިތުން ހޭލުންތެރި ކުރުވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއިން ލިބިދޭ ހައްގުތަކާއި އެއިން ނުކުރެވޭނެ ކަންތައްތަކަކާއި އަދި ކިހާ ހިސާބަކަށްތޯ އަޅުގަނޑުމެންގެ މިނިވަންކަން ދާންވީ. އަނެކެއްގެ މިނިވަންކަމަށް އަރައިގަނެވެނީ ކިހާ ހިސާބަކަށް ދިޔައިމަތޯ. މިއީ އަޅުގަނޑުމެން ރައްޔިތުންނަށް ދަސްކޮށްދޭން ޖެހޭނެ އެއްޗިހި. މި އެއްޗެހި ދަސްކޮށް ނުދީ އަޅުގަނޑުމެންނަށް ޑިމޮކްރަސީއެއް ނުގެނެވޭނެ،" ނައިބު ރައީސް ވިދާޅުވި އެވެ.