19:00


ސިއްހީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ފެތުރުން ގިނަވުން ކަމަށް ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ވިދާޅުވެއްޖެ އެވެ.


ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. މާގްރަޓް ޗާން ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް އާއި ހަކުރު ބަލި އަދި ސްޓްރެސްވުން ފަދަ ނޮން- ކޮމިއުނިކަބަލް ޑިޒީޒަސް ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިންވެސް ފެންނަމުންދާ ކަމަށެވެ. މި ބަލިތައް ޖެހުމުގެ މައިގަނޑު ސަބަބަކީ ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅެމުން އައި ދިވެހިން ސިއްޙީ ނުރަނގަޅު އާދަތައް ގެންގުޅެން ފެށުން ކަމަށް ޑރ. މާގަރަޓް ވިދާޅުވި އެވެ. އެގޮތުން ސިއްޙަތަށް ފައިދާ ހުރި ކާބޯތަކެތި ބޭނުންނުކުރުމާއި، ލުއި ކާނާ ބޭނުންކުރުމުގެ އިތުރަށް ކަސްރަތު ނުކުރުމާއި ސިނގިރޭޓް ބުއިމަކީ ދިވެހިންވެސް މިފަދަ ބަލިތަކުގެ ޝިކާރައަކަށްވެގެންދާ ސަބަބެއްކަން އޭނާ ފާހަގަކުރެއްވި އެވެ.


ޑރ. މާގަރަޓް އިތުރަށް ވިދާޅުވީ، ދާދި ފަހުން އާއްމުވެގެން ދިޔަ ގައިން ގަޔަށް އަރާ ބަޔެއް ކަމަށްވާ އޫރު ރޯގާ ކޮންޓްރޯލް ކުރުމަށް ޑަބްލިއު.އެޗް.އޯގެ އިރުޝާދުގެ ދަށުން ހެލްތު މިނިސްޓްރީން ވަރަށް ކާމިޔާބުކަމާއެކު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ބޭރު ކުންފުނިތަކުގެ އެހީ އާއި މުއްސަނދި ގައުމުތައް މެދުވެރިކޮށް، އޫރު ރޯގާގެ ނުރައްކާ ރާއްޖެއިން ކުޑަކުރުމަށްޓަކައި ހުރިހާ ރައްޔިތުންނަށް ވާވަރަށް އޫރު ރޯގާގެ ވެކްސިން ޑަބްލިއުއެޗްއޯ އިން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޑރ. މާގްރަޓް ދެއްވި އެވެ.


މީގެ އިތުރުން، ސިއްޚީ ދާއިރާއިން ދިވެހިން ތަމްރީނުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޑރ. މާގްރަޓް ވިދާޅުވީ، މި ދާއިރާއިން ދިވެހިންނަށް މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.


ދިވެހި ސަރުކާރުން ގެންގުޅޭ ހޮސްޕިޓަލްތައް ޕްރައިވަޓައިޒްކުރުމުގެ ސިޔަސަތާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ ސންއެފްއެސަންއެފްއެމުން ދެންނެވުމުން ޑރ. މާގްރެޓް ވިދާޅުވީ، ސަރުކާރުން ވިޔަސް، އަދި އަމިއްލަ ފަރާތްތަކުން ކަމުގައިވިޔަސް ސިއްޙީ ޙިދުމަތް ފޯރުކޮށްދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ހޮސްޕިޓަލްތައް އަމިއްލަ ފަރާތްތަކާ ހަވާލުކުރާއިރު ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ މައްޗަށް ވާޖިބެއް ކަމަށް ޑރ.މާގަރެޓް ވިދާޅުވި އެވެ.