21 Oct 2012, 17:14
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝީމް (ސްމިތު)ގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިސްތިއުނާފު ކުރުމަށް އޭނާގެ ގާނޫނީ ވަކީލުން ނިންމައިފި އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހއ. ދިއްދޫ އޯޓަމްވާދީ އަލީ ހާޝިމް (ސްމިތު) ގެ ގާނޫނީ ވަކީލު ވިދާޅުވީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ހެކި ހުރެގެން ކަމަށް ގަބޫލުނުކުރެވޭކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ސްމިތް ގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައި ވަނީ ހެކި ހުރެގެން ކަމަށް. އެހެންވެ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން އަޅުގަނޑު ނިންމައިފިން،" ވަކީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްމިތުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައި ވަނީ ހެކި ހުރެގެން ކަމަށް ގަބޫލު ނުކުރެވޭތީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި ނަވެސް މައްސަލަ ހުށަހަޅާނެ ވަކި ދުވަހެއް އަދި ނިންމާފައި ނުވާކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ސްމިތްގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާ ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ 15 ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ދީފަ އެވެ. އަދި އެ މުއްދަތު ހަމަވުމުން މިދިޔަ ބުދަ ދުވަހު އޭނާ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އަނެއްކާވެސް 15 ދުވަހުގެ މުއްދަތަށް އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.