ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އައްޔަންކުރެއްވި އަށް މެމްބަރުން، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަކިކުރީ ގާނޫނާއި ހިލާފަށް ކަމަށްބުނެ އެބޭފުޅުންނަށް ވަކި ކުރި މުއްދަތުގައި ދޭންޖެހޭ މުސާރަ އާއި އެލަވަންސްތައް ދިނުމަށް ހުކުމްކޮށްފައިވާތީ އެ މެންބަރުންނަށް ފިނޭންސުން އެ ފައިސާ ދޫކުރަން ފަށައިފި އެވެ.

ރައްޔިތުން މަޖިލީހަށް މައުމޫނު އައްޔަން ކުރައްވާފައި ތިއްބެވި 8 މެންބަރުން ވަކިކޮށް، އެ މެންބަރުންގެ ބަދަލުގައި އާ މެންބަރުން ރައީސް ނަޝީދު އައްޔަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައި ވަނީ މިދިޔަ މާޗް މަހުގަ އެވެ.

އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ވަކި ކުރެއްވި އަށް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މިހާރު ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް އެވެ.

ސްޕްރީމް ކޯޓުގެ އެ ހުކުމުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުން ވަކި ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އިންތިގާލީ މަރުހަލާ ނިމި އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުން މަޖިލީސް އެކުލަވާލުމާ ހަމައަށް ވަކި ކުރި މެންބަރުނަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

އެނގިފައިވާ ގޮތުން މުސާރަ އަދި ލިބިފައިވަނީ ބައެއް މެންބަރުންނަށެވެ. އާ ގާނޫނު އަސާސީގެ ދަށުން އާ ރައްޔިތުންގެ މަޖިލީސް އިންތިހާބުކޮށްފައި ވަނީ، ރައިސް ނަޝީދު ރައީސުލް ޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތްތާ ގާތްގަނޑަކަށް ހަ މަސް ފަހުން ކަމަށްވާއިރު ވަކި ކުރެއްވި މެންބަރުނަށް ބައި މިލިއަނެއްހާ ރުފިޔާ ލިބިފައިވެ އެވެ. އެކަން އެ ފައިސާ ލިބުނު މެންބަރަކު ސަން އޮންލައިންއަށް މިއަދު ކަށަވަރު ކޮށްދެއްވި އެވެ.

އޭރު ރައީސްގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މިހާރުގެ މެމްބަރު ރޮޒެއިނާ އާދަމާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި މިހާރުގެ ހޯމް މިނިސްޓަރުގެ ނާއިބު މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އާއި ހެލްތު މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިން އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު) އަދި ވ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނިޒާރާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މިހާރުގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒާއި ސަންލޭންޑް ހޮޓެލްސްގެ އެއް ޑިރެކްޓަރު ހުސެއިން ހިލްމީ އެވެ. މީގެ ތެރެއިން ހުސެއިން ހިލްމީ ވަނީ އިންތިގާލީ މަޖިލީހުގެ މުއްދަތު ހަމަވުމުގެ ކުރިން މެމްބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.