މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޭނުމަށް، ސެންޓާ އެންޓަޕްރައިސަސްއާ ހަވާލުކޮށްގެން ބަންނަމުން ދާ ޓަގް ބޯޓުގެ މަސައްކަތައް ދޫކުރަން އުޅުނު ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓުމަށް ފަހު އެ ފައިސާ ދޫކުރުމުގެ ހުއްދަ އެ ކޮމިޝަނުން އެމްޕީއެލްއަށް ދީފި އެވެ.

އޭސީސީން މިދިޔަ މޭ މަހުގެ ތެރޭގައި އެމްޕީއެލްގެ ބޯޑުގެ މެންބަރުންނަށް އަންގާފައިވަނީ ޓަގް ބޯޓު ބަދެ ނިންމާ އެ ކުންފުންޏަށް ނުލިބެނީސް އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދޫކޮށްގެންނުވާނެ ކަމަށާއި އެ ފައިސާ ދޫކޮށްފި ނަމަ ބޯޑު މެންބަރުންނާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މަހުދީ އިމާދު މިއަދު ވިދާޅުވީ ޓަގް ބޯޓުގެ 60 ޕަސެންޓް މަސައްކަތަށް ސެންޓާ އެންޓަ ޕްރައިސަސްއަށް ދޭން ޖެހޭ ފައިސާ ދޫކުރުމަކީ މައްސަލައެއް ނޫން ކަމަށް ބުނެ އޭސީސީން އެ ކުންފުންޏަށް މިދިޔަ ހަފްތާ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީއާ އެއްގޮތަށް ދެ ބަޔަކަށް ބަހާލައިގެން އެ ފައިސާ ސެންޓާ އެންޓަ ޕްރައިސަސްއަށް ދޫކުރުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

"އެބޭފުޅުން މައްސަލައެއް ނެތް ކަމަށް ވިދާޅުވީމައި ކުރިއަށް މި ގެންދަނީ. ޕޭމަންޓް ދެބަޔަކަށް ބަހާލައިގެން ފުރަތަމަ ޕޭމަންޓް މިއަދު ވާނީ ހަދާފައި،" މަހުދީ ވިދާޅުވި އެވެ.

ޓަގްބޯޓުގެ މަސައްކަތް ސެންޓާއެންޓަޕްރައިސަސްއާ ހަވާލުކޮށްފައިވަނީ 39 މިލިއަން ރުފިޔާއަށެވެ. މީގެ ކުރިންވެސް އެ ޕްރޮޖެކްޓްގެ 49 ޕަސެންޓް ފައިސާ ވަނީ އެ ކުންފުންޏަށް ދޫކޮށްފަ އެވެ. މިފަހަރު ދޫކުރުމަށް ނިންމާފައިވަނީ 12.9 މިލިއަން ރުފިޔާ އެވެ.

އެ ފައިސާ ދޫނުކުރުމަށް މީގެ ކުރިން އޭސީސީން އަންގާފައިވަނީ އެ ޓަގްގެ މަސައްކަތް އެގްރިމަންޓާ އެއްގޮތަށް ކުރިއަށްނުދާ ކަމަށް ބުނެ އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އެ ފައިސާ ދޫކުރުމުގެ ހުއްދަ އެމްޕީއެލްއަށް ދިނީ ހުށަހެޅިފާ ހުރި ލިޔުންތަކަށް ބަލާއިރު ސެންޓާ އެންޓަ ޕްރައިސަސްއިން ފައިސާ ހޯދުމަށް ހުށަހެޅީ ކޮށްފައިވާ މަސަކަތްތަކަށްކަން ލިޔެކިޔުމުން އެގޭތީ ކަމަށެވެ. އަދި އެ ޓަގް ތިލަފުށީގައި އޮވެ ހަލާކުވުމަކީ ދައުލަތަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ފެންނާތީ ކަމަށްވެސް ލުތުފީ ވިދާޅުވި އެވެ.

ނަމަވެސް އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ބަލަމުން އަންނަ ބައެއް މައްސަލަތައް ކަމަށްވާ ޓެންޑާ ބޯޑުގެ ތެރެއިން އެ ޕްރޮޖެކްޓްގެ އަގަށް ބަދަލު ގެނައުން ފަދަ ކަންތައްތައް ކޮށްފައިވާތީ އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ލުތުފީ ވިދާޅުވި އެވެ.

ޓަގް ބޯޓުގެ މައްސަލައިގައި އޭސީސީން ދޮގުވާހަކަތަކެއް ފެތުރި ކަމަށް ބުނެ ސެންޓާ އެންޓާ ޕްރައިސަސް އިން ވަނީ އެސީސީގެ ގޮވައިގެން ކޯޓަށް ދާނެ ކަމަށް ބުނެފަ އެވެ. އެ މައްސަލައިގައި އެ ކުންފުނީގެ ބަޔަކު އޭސީސީގެ އޮފިސްތެރެއަށް ވަދެ މީގެ ކުރިން ވަނީ ހަމަނުޖެހުންތަކެއްވެސް ހިންގައިފަ އެވެ.