މަސްތުވާތަކެތީގެ މައްސަލައެއްގައި 10 އަހަރަށް ޖަލަށް ލުމަށް މިދިޔަ ހަފްތާގެ ތެރޭގައި ހުކުމް ކުރި މީހަކު އަނެއްކާ ވެސް އެފަދަ މައްސަލައެއްގައި 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މަސްތުވާ ބޭހެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ތަކުރާރުކޮށްފައި ވާތީ 15 އަހަރަށް ޖަލަށް ލުމަށް މިއަދު ހުކުމް އިއްވާފައި ވަނީ މ. ލޭންޑް އޮފް ގާޑަން މުހައްމަދު އިހުވާޖް އަލީގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ ފެބްރުއަރީ 27، 2010 ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާފަންނު ސޯސަން ސްޓޯރު ކުރިމަތީ ހުރި ޕާކްތެރޭގައި އިހުވާޖް ހުއްޓާ އޭނާގެ އަމަލުތައް ހުރިގޮތުން ފުލުހުން އެތަނަށް ދިޔަ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ ފުލުހުން އެތަނަށް ދިޔަ އިރު އޭނާ އިނީ ގޮނޑިއެއްގައި އިށީދެގެން ކަމަށާއި ފުލުހުން އެ ގޮނޑި ޗެކްކުރި އިރު އެ ގޮނޑި މަތީގައި މަސްތުވާތަކެތީގެ 10 ރަބަރު ޕެކެޓް އޮތްކަމަށް ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ. އަދި އެވަގުތު އޭނާ ވޮލެޓެއްގެ މައްޗަށް އަރާ ހުރުމުން ފުލުހުން އެ ވޮލެޓް ނަގައި ޗެކްކުރި އިރު އެ ވޮލެޓުން މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ވެސް ހުކުމްގައި ވެއެވެ.

އެ ޕެކެޓްތައް ތަހުލީލު ކުރި އިރު އޭގައި 0.2267 ގްރާމް ޒެނެކްސް ހުރި ކަމަށާއި އެއީ އެފަދަ ބޭހެއް ޑޮކްޓަރަކު އާންމުކޮށް އެއްފަހަރާ ލިޔެދޭ މިންވަރު ނޫން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ. އަދި ދައުލަތުގެ ކަމާ ބެހޭ ފަރާތެއްގެ ހުއްދަ ނެތި އެފަދަ ބޭހެއް އަތުގައި ބަހައްޓައިފި ނަމަ ބެލެވޭނީ ވިޔަފާރި ކުރުމަށް އެތަކެތި އަތުގައި ބެހެއްޓުން ކަމަށް މަސްތުވާތަކެއްޗާއި ބެހޭ ކުރީގެ ގާނޫނުގައި ބުނެފައިވާކަމަށް ވެސް އެ ހުކުމްގައިވެ އެވެ.