ދިވެހި ސިވިލް ސާވިސް އަށް ޒަމާނީ އައު ގޮތްތައް ތަޢާރަފް ކުރުމުގެ އިނާމް "ތްރީ ކިޔު އިނޮވޭޝަން އެވޯޑް" ސަރުކާރުގެ ފަސް އޮފީހެއްގެ ހަ މަޝްރޫއަކަށް ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ ވޯޑްތައް ހަވާލުކޮށްދެއްވީ ނާއިބު ރައީސް މުހައްމަދު ވަހީދުއްދީނެވެ.

ސަރުކާރުގެ މަސައްކަތްތަކުގެ ފެންވަރު ރަަނގަޅުކޮށް ހިދުމަތް އަވަސް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އަލަށް ތައާރަފު ކުރި "އިނޮވޭޝަން އެވޯޑް" ހާސިލު ކުރީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން އުފެއްދި "ޓްރާންސްޕޯޓް އޮންލައިން ސިސްޓަމް" އާއި އެންސީއައިޓީ އިން އުފެއްދި "ގަވަމެންޓް އީ-ލެޓާ މެނޭޖްމަންޓް ސިސްޓަމް" އާއި އިސްލާމިކް މިނިސްޓްރީ އިން އެކުލަވާލި "ދިވެހި ރާއްޖޭގެ ޒަކާތް ނެގުމާއި ބެހުން" އާއި ލ. ގަމު އިހައްދޫ ސްކޫލުން ގާއިމު ކުރި، "ޕާފޯމަންސް އެޕްރައިޒް އޮންލައިން ސިސްޓަމް" އާއި ހއ. ހދ. އަދި ށ. އަތޮޅު އެޑިއުކޭޝަން ޔުނިޓުން އުފެއްދި "އޮފީސް އޮޓޮމޭޝަން އިނިޝިއޭޓިވް،" އެވެ. އަދި "ސްކޫލް ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" އެވެ.

ސަރުކާރުގެ އޮފީސްތަކުން ރައްޔިތުންނަށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް، އަދި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން "ތްރީ ކިޔު އިނޮވޭޝަން އެވޯޑް" އެވޯޑެއް ސިވިލް ސާވިސް ކޮމިޝަނުން ތައާރަފު ކުރީ، އެ ކޮމޮޝަނުން ބުނި ގޮތުގައި، އެފަދަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ހިއްވަރު ދިނުމުގެ ބޭނުމުގަ އެވެ.

ސަރުކާރުގެ މިނިސްޓްރީތަކުން 18 މަޝްރޫއަކާއި އަދި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން 16 މަޝްރޫއަކާ އެކު ޖުމްލަ 36 މަޝްރޫއުއަކުން އެ އެވޯޑަށް ކުރިމަތިލި ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.