21 Oct 2012, 14:51
އދ. ދަނގެތީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭނާއަކީ އުމުރުން 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.
ނަމަވެސް ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދަނގެތީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ރޭ 22:30 ކަންހާއިރު އޭނާ މަގުމަތިން ހިނގާފައި ދަނިކޮށް ކަމަށެވެ. އަދި އޭނާއަކީ ދަނގެތީގައި މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރުމުގައި އެންމެ އިސްކޮށް އުޅޭ މީހެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު އޭނާ އެއްލާލި ރަބަރު ޕަކެޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުދި ހަ ރަބަރު ކޮޅު ފެނިފައިވާ ކަމަށެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގް ކުރަމުންނެވެ.