ޝަރީއަތަށް ހާޒިރު ކުރަންޖެހޭ މީހުން ހާޒިރު ނުކުރެވޭތީ ކޯޓަށް ހުށަހެޅިފައިވާ ބައެއް މައްސަލަތައް ނުނިމި ދިގުދެމިގެން ދާކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.

ސިވިލް ކޯޓުން މިހެން ބުނީ މިއަދަކީ އެ ކޯޓުގެ އަހަރީ ދުވަހަށް ވާތީ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކޯޓުގެ ކަންތައް ހިނގަމުންދާ ގޮތާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވައި ސިވިލް ކޯޓުގެ ރަޖިސްޓްރާ އަހުމަދު އަބްދުލް މަތީން ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ޝަރީއަތަށް ކޮންމެހެން ހާޒިރުކުރަން ޖެހޭ މީހުން ހާޒިރު ނުކުރެވުމުގެ ސަބަބުން ބައެއް މައްސަލަތައް ނުނިމި ދިގުދެމިގެންދާކަމަށެވެ.

"ޝަރީއަތަށް ހާޒިރު ކުރަންޖެހޭ މީހުން ހާޒިރު ނުކުރެވޭތީ ސިވިލް ކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތައް ނުނިމި ދިގުދެމިގެންދޭ،" މަތީން ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި މަތީން ވަނީ މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅިފައިވާ އަދި ނިމިފައިވާ މައްސަލަތަކުގެ ތަފްސީލާއި މިދިޔަ ބުދަ ދުވަހާއި ހަމަޔަށް މިއަހަރު އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަތުގެ ތަފްސީލް ވެސް ނޫސްވެރިނާ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މިދިޔަ އަހަރު 2558 މައްސަލަ އެ ކޯޓަށް ހުށަހެޅިފައިވާއިރު އޭގެތެރެއިން 2226 މައްސަލަ ނިމިފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ ބުދަ ދުވަހާއި ހަމަޔަށް 1787 މައްސަލަ ހުށަހެޅިފައިވާއިރު އޭގެތެރެއިން 971 މައްސަލަ ނިމިފައިވާކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެ ބައްދަލުވުމަށް ފަހު އެ ކޯޓުގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރާގޮތާއި ޝަރީއަތް ކުރާ ކޮޓަރިތައް ނޫސްވެރިންނަށް ދައްކާފައި ވެއެވެ.

ސިވިލް ކޯޓު ވަގުތީގޮތުން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ ޝަރީއަތް ކުރާ ކޮޓަރިތަކުގައި ޖާގަ ނެތުމުން ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވާކަމަށެވެ. އަދި ވިދާޅުވީ ޖަސްޓިސް ބިލްޑިންގްގެ ދެވަނަ ފްލޯގައި ހިންގަމުންދާ ކްރިމިނަލް ކޯޓުު، އާ އިމާރާތަކަށް ބަދަލުވުމުން އެ ފްލޯ ސިވިލްކޯޓު ހިންގުމަށް ލިބޭނެ ކަމަށާއި އޭރުން ޖާގައިގެ ދަތިކަމަށް ލުޔެއް ލިބޭނެ ކަމަށެވެ.

ސިވިލް ކޯޓަކީ ހަމައެކަނި މަދަނީ މައްސަލަތައް ބެލުމުގެ އިހުތިސޯސް ލިބިފައިވާ ކޯޓެވެ. ކުރިން މަދަނީ ކޯޓުގެ ނަމުގައި އެ ކޯޓު ހިންގިނަމަވެސް އޮކްޓޯބަރު 21، 2010 ވަނަ ދުވަހު ކޯޓުތަކާ ބެހޭ ގާނޫނު ތަސްދީގު ކުރުމާ އެކު މިހާރު އެ ކޯޓު ހިންގަމުން ދަނީ ސިވިލް ކޯޓުގެ ނަމުގަ އެވެ. އެ ކޯޓުގައި ތިއްބަވަނީ އަށް ގާޒީންނެވެ. އެ ކޯޓުގެ އިސްގާޒީ އެއްގެ ގޮތުގައި ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން އަދި ބޭފުޅަކު ހަމަޖައްސާފައެއްނުވެ އެވެ.