21 Oct 2012, 13:40
ހިލޭ ގުޅާލުމާއި އެސްއެމްއެސްގެ އިތުރުން އިންޓަނެޓްގެ ހިދުމަތްލިބޭ ދެ ޕެކޭޖް ވަތަނިއްޔާ އިން ތައާރަފްކޮށްފި އެވެ.
ވަތަނިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަތަނިއްޔާގެ ސީނިއާ އެގްޒެކެޓިވް ޑިޖިޓަލް މީޑިއާ އަހްމަދު ޒަރީރު ވިދާޅުވީ މީގެ ކުރިން ހަމައެކަނި އެސްއެމްއެސް އާއި ކޯލްތަކަށް އަމާޒްކޮށްގެން ޕެކޭޖްތައް ތައާރަފް ކުރި ނަމަވެސް މިއަދު ތައާރަފްކުރި ދެ ޕެކޭޖުން ވެސް އިންޓަނެޓްގެ ހިދުމަތް ވެސް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ތައާރަފްކުރާ ފުރަތަމަ ޕެކޭޖަކީ "ޑެއިލީ އަންލިމިޓެޑް 20"ގެ ނަމުގައި ތައާރަފްކުރާ ޕެކޭޖެއް މިޕެކޭޖުގައި މިއިންނަނީ ދުވާލަކު އަންލިމިޓެޑް އެސްއެމްއެސް. ކޯލްގެ އިތުރުން އިންޓާނެޓް ބޭނުންކުރެއްވުމަށް 100 އެމްބީ. ދެން އޭގެ އިތުރުން މިއިންނަނީ ހަފްތާއަކަށް ހާއްސަ "ވީކްލީ އަންލިމިޓެޑް 139" ޕެކޭޖު މީގައި މި އިންނަ އަންލިމިޓޭޑް ކޯލް އެސްއެމްއެސްގެ އިތުރުން 700 އެމްބީ އިންޓަނެޓް ހިދުމަތް،" ޒަރީރު ވިދާޅުވި އެވެ.
އަލަށް ތައާރަފް ކުރި ދެ ޕެކޭޖަކީ ވެސް ވަތަނިއްޔާ ކަސްޓަމަރުންގެ ތެރެއިން ޕްރީޕެއިޑް ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފް ކުރި ޕެކޭޖެކެވެ.
ވަތަނިއްޔާ އިން ބުނީ ރީޗާޖްކުރަން ބޭނުންވާ ރާސްޓަސް އާއި ރީޗާޖްކާޑް ވަތަނިއްޔާގެ ފިހާރަތަކުންނާއި އާންމު ފިހާރަތަކުން ލިބެން ހުންނާނެ ކަމަށެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް އެޕެކޭޖަށް އެކްޓިވޭޓް ކުރަން ޕެކޭޖްގެ ކީވޯޑް ޖެހުމަށް ފަހު 1111 އަށް އެސްއެމްއެސް ކުރުމުން އެކްޓިވޭޓް ކުރެވޭނެ އެވެ. "ޑެއިލީ އަންލިމިޓެޑް 20" ގެ ކޯވޯޑަކީ 20 އެޕެކޭޖުގެ އަގަކީ ވެސް 20ރ. އެވެ. އަދި "ވީކްލީ އަންލިމިޓެޑް 139" ޕެކޭޖުގެ ކީވޯޑަކީ 139 އަދި އަގަކީ ވެސް 139ރ. އެވެ.
ލިވް އަންލިމިޓެޑްގެ އިންޓާނެޓްގެ ހިދުމަތްލިބޭ އާ ދެ ޕެކޭޖު ވަތަނިއްޔާ އިން ތައާރަފްކޮށްފައިވާ އިރު އެކުންފުނިން ވަނީ އަންލިމިޓެޑްކޮށް ގުޅާލައި އެސްއެމްއެސް ކުރެވޭނެ ޕެކޭޖުތަކެއް ތައާރަފްކޮށްފަ އެވެ.